ކޮންމެ ބޮލަކަށް 120 މަޝްރޫއު | މިވަރުން ދައުލަތަށް ކެތެއް ނުވާނެ

ދިވެހި ދައުލަތުން އަހަރަކު 3،000 މަޝްރޫއު ފެށުމަކީ ލިބޭ އާމްދަނީ އާއި ހަރަދު ނުބައްދަލު އަދަދެކެވެ. މި މަޝްރޫއުތައް ފަށައި އަގަށް 300 ޕަސެންޓުގެ ވޭރިއޭޝަނެއްލުމަކީ މަޝްރޫއުތައް ނުނިމި ފައިސާ ނުދެވިގެން އުޅޭ އެއް ސަބަބެވެ.

ކޮންމެ އަހަރަކު މަޖިލީހަށް ބަޖެޓު ހުށަހެޅުމާއެކު މަޖިލީހުން އެ ބަޖެޓު ކޮށައި މަށާލަ އެވެ. ބަޖެޓު ހަދަން ކިތަންމެ ޓެކްނިކަލް މަސައްކަތެއް ކުރިނަމަވެސް ބަޖެޓުގެ ބޭރުގައި އޮންނަ ކަވަރުނޫން ހުރިހާ ކަމެއް ފާސްވާއިރު އޮންނަނީ ބަދަލުކޮށްލާފަ އެވެ. މަޖިލީހުގަ ތިއްބަވާ މެންބަރުން ބޭނުންވާ ގޮތަށް ބަޖެޓު ކޮށާލަ އެވެ. ހާއްސަކޮށް ޕަބްލިކް އިންފްރާންސްޓްޗަކްޗާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުގެ ބަޔަކަށް ބޮޑު ބަދަލެއް އާދެ އެވެ. ފާސްވާއިރު ބަޖެޓު އޮންނަނީ މަޖިލީހުގައި އެއިރަކު ތިއްބަވާ މެންބަރުންގެ ސިޔާސީ އޮއެވަރަށް ފަހިވާގޮތަށް ރަށްރަށުގައި މަޝްރޫއު ހިންގަން ރައްޔިތުންގެ ލޮލުގައި "އަނދުން" އެޅުން ކުރަހާލާ ކަރުދާހެއްގެ ގޮތުގަ އެވެ. ފާސްކުރާ ބަޖެޓުގައި ރަށެއްގެ ނަރުދަމާ އަޅަން 100ރ. ޖަހާފަ ހުރެދާނެ އެވެ. ނުވަތަ ބަނދަރު ހަދަން 10،000ރ. ދީފައި ހުރެދާނެ އެވެ. އަދި މި ވަރަކުން ނިމުނީއެއް ނޫނެވެ.

 މި ބަޖެޓުން ހަރަދު ކުރަމުންދަނިކޮށް ބަޖެޓުގެ ބޭރުން ބޮޑެތި މަޝްރޫއު ތަކެއް ހިންގަން ފަށަ އެވެ. ކުރިމަތިވާ އިންތިހާބަކާ ދިމާކޮށް ސިޔާސީ މަންފާއެއް ހޯދަން ގިނަ މަޝްރޫއުތަކެއް ފަށަ އެވެ. ފައިސާ ހޯދަނީ ކޮން ތަނަކުންކަން ނޭނގޭ އެތައް ކަމެއް ފަށަ އެވެ. މިއީ މިކަން އަބަދު ވެސް ކުރާ ގޮތެވެ. އެކަމަކު މިކަން އެންމެ ގާތުން ތަޖުރިބާކޮށްލަން ފުރުސަތު ލިބޭނީ މިދިޔަ ފަސް އަހަރުގަ އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީގެ ތެރޭގައި އޮތް ކޯޅުމަށް ތަސައްލީއެއް ހޯދަން ރައީސް ސޯލިހު ފެކްޝަނުން މަޝްރޫއުތަކެއް ފެށި އެވެ. މަޖިލީސް އިންތިހާބުގެ ގޮނޑި ނަގަން ކޮމަންޑޫ އާއި އަލިފުށީގައި ހިންގި މަޝްރޫއަކީ މިގޮތަށް ހިންގި ދެ މަޝްރޫ އެވެ.

ފިނޭންސުގެ މައުލޫމާތު ތަކަށް ބަލާނަމަ މިވަގުތު ސަރުކާރުގެ މަޝްރޫއު ލިސްޓުގައި 3000 މަޝްރޫއުގެ "ޕައިޕްލައިނެއް" އެބައޮތެވެ. އެކި މަރުހަލާތުގައި ހުރި މަޝްރޫއުތަކުގެ އަދަދު 3،000 އަށް އަރަ އެވެ. މާނައަކީ ދިވެހި 382،571 އާބާދީގެ ބޮލަކަށް ބަލާނަމަ 120 މަޝްރޫއު ފެށި ހުރީ އެކި މަރުހަލާތަކުގަ އެވެ. ތަރައްގީގެ މަޝްރޫއު ހިންގުމަކީ ކިތަންމެހާ ވެސް އުފަކެވެ. ޓެކްސް ނަގަނީވެސް އެކަން ކުރާށެވެ. މަޝްރޫއު ހިންގަންވެސް ޖެހެ އެވެ. ރައްޔިތުން ބޭނުންވަނީ ވެސް އެގޮތެވެ. އެކަމަކު ދިވެހި ސަރުކާރުގެ ބަޖެޓުގެ ހިސާބުތަކާއި ބަޖެޓަށް މިހާރު ވަމުންދާ ގޮތަށް ބަލާއިރު ހިތުހުރި އަދަދެއް ޖަހައިގެން ތަރައްގީގެ މަޝްރޫއު ހިންގައިގެން ރާއްޖެއަށް ހަމަނޭވާ ލެވެން ނެތްކަން އެނގެ އެވެ. ސަބަބަކީ މިހާރު ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތަށް ކުރިއަށްދާނަމަ ބަޖެޓަށް ނުކަތާ ވަރަށް ހަރަދު ބޮޑުވެގެން ދިއުމުގެ އިތުރުން މަޝްރޫއުތަކުން ދިވެހިންނަށް ލިބޭ މަންފާ ވެސް ކުޑަވަމުން ދިއުމެވެ. މިކަން މީގެ 10 އަހަރުކުރިން ފާހަގަ ވިނަމަވެސް މިދިޔަ ފަސް އަހަރު ނިމި މިހާރުގެ ހާލަތަށް ބަލާއިރު ބިރުވެރި ތޫފާނެއްގެ ގޮތުގައި ދަނީ އެކަން ފެންނަމުންނެވެ. އަހަރުން އަހަރަށް ދަނީ ޕީއެސްއައިޕީގެ ލިސްޓު ދިގުވެ އަދަދުތައް މަތިވަމުންނެވެ. އެކަމަކު ޕީއެސްއައިޕީއަށް ކުރާ ހަރަދާ އެއްވަރުގެ ނަތީޖާއެއް ނުފެނެ އެވެ.  މަޝްރޫއުތައް ނިމި މަރާމެއް ނުކުރެ އެވެ. މަޝްރޫއު ނިމުމުން ފައިސާ ދޭން ދައުލަތަށް ދަތިވެ އެވެ. 

ސުވާލަކީ މިހާރު މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ދާނަމަ ކުރިމަގުގައި އޮތީ ކޮން ބިރެއް ހެއްޔެވެ ؟ މިހާރު މަޝްރޫއުތައް މިގޮތުގައި ކުރިއަށް ގެންގޮސްފިނަމަ ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައި ހެއްޔެވެ ؟

"ބަޖެޓުން ބޭރުން ކުއްލި ކުއްލިއަށް މަޝްރޫއު ފެށުން އެބަޖެހޭ ހުއްޓުވަން،" މަޖިލީހުގައި ބަޖެޓު ކޮމެޓީގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.

މި ކަމަކީ މި ވަގުތު ބަޖެޓުގެ ހަރަދުތައް ހައްދުން ނައްޓާލައިގެން ދިއުމުގެ އެއް ސަބަބެވެ. ފިނޭންސް މިނިސްޓްރީން ވެސް އެކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންވެ ފިނޭންސުން ވަނީ މިހާރު ބޮއްސުންލާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އަލުން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ފިޔަވަޅު އަޅަން ޖެހޭ ސަބަބަކީ ކުދި އަދަދުތައް ބަޖެޓުގައި ޖަހައި ބަޖެޓު ތަންފިޒު ކުރަން ފެށުމުން ދައުލަތުގެ މާލިއްޔާ މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަވަމުން ދިއުމެވެ. މި ފިޔަވަޅުތަކާއެކު އަންނަ 2025 ވަނަ އަހަރާ ހަމައަށް ބެލިނަމަވެސް ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް ވަނީ އަޅަން މަޖުބޫރުވެފަ އެވެ. މިހާރުގެ އަންދާޒާތައް ދައްކާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ދައުލަތުގެ ހަރަދުގެ ލިސްޓު ދިގުވެ 60 ބިލިއަން ރުފިޔާއަށް އަރައިގެންދާނެ އެވެ. އަދި ދިވެހި ދައުލަތަކީ ކިތަންމެ ހެޔޮވަރު އާމްދަނީއެއް ލިބެމުންދާ ދައުލަތަކަށް ވީނަމަވެސް ދުވަހަކު ވެސް ލިބޭ އެއްޗަކުން އުޅޭނެ ބަޔަކަށް ނުވާނެ އެވެ. ދިވެހި އިގްތިސޯދު ކިތަންމެ ދުޅަހެޔޮކޮށް ހުއްޓަސް ދައުލަތުގެ ފިސްކަލް ހާލަތު ދާނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.

މިހާލަތު ބަދަލު ކުރަން ސަރުކާރު ތައްޔާރު

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް މައުލޫމަތު ހިއްސާ ކުރަނީ -- މަޖިލިސް

ފިނޭންސް މިނިސްޓްރީގެ ނައިބް އަހުމަދު ސާއިދު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ އެންމެ މުހިންމުކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ލިސްޓު ތަރުތީބު ކުރުމެވެ. މިއާއެކު ޕީއެސްއައިޕީ އަށް ބަޖެޓުގައި ޖަހާ އަދަދަކީ ރިއަލިސްޓިކް ނުވަަތަ މަޝްރޫއު ނިންމޭނެ އަދަދަކަށް ހެދުމެވެ. އެނޫން ގޮތަކަށް ކަންތައްކޮށްފިނަމަ ދައުލަތުގެ ހަރަދުތައް ހައްދުން ނައްޓާލާނެ ކަމަށް ސާއިދު ފާހަގަ ކުރެއްވި އެވެ.

މި ފިޔަވަޅުތައް ނާޅައިފިނަމަ އަބަދު ވެސް ބަޖެޓު އޮންނާނީ ބޮޑު ތަނުން ދަރާފަ އެވެ. މިގޮތަށް ދޫކޮށްލައިފިނަމަ ސްރީލަންކާގެ ހާލަތު މަޑުމަޑުން ރާއްޖެ އަށް ލައްގާނެ އެވެ. ލަންކާގެ ހާލަތަކީ ދައުލަތުގެ ފިސްކަލް ހާލަތު ގޯސްވި ވަގުތު ދަރަނި ބޮޑުވުމާއެކު އިގްތިސޯދު ފުނޑި އާމްދަނީގެ ދޮރުތައް ބަންދުވުމުން ކޮޅުނބު ބަނދަރަށް ވަތް ހާލަތެވެ. މާލޭގެ ބަނދަރަށް އެ ހާލަތު ވަންނާނީ އާމްދަނީ ލިބި އިގްތިސޯދު ރަނގަޅުވެ އޮވެ އެހެންނަމަވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެންނެވެ. މިކަން ފޫބައްދަން ޓެކްސް ބޮޑު ކުރުމާއި ފީތައް އިތުރު ކުރުން ވެސް ގެންދެވޭނީ ވަކި މިން ވަރަކަށެވެ. ޓެކްސް ވަކިވަރަށްވުރެ ބޮޑުކޮށްފިނަމަ އާމްދަނީއަށް އަސަރު ކުރާނެ އެވެ. ދެން އޮތީ ލޯނު ނެގުމެވެ. ދަރަނި ނަގަން ބޭރުން ދަރަނީގެ ލިސްޓުތަކުން ޖާގަ ލިބޭނީ ވެސް ވަކި މިންގަނޑެއްގެ ތެރޭގައި އާމްދަނީ އާއި ޖުމްލަ ދަރަނި ހިފެހެއްޓިގެންނެވެ. 

ބިރަކީ އަންސެކިއުޑް ފައިނޭންސިން ގެޕް ފުޅާވުން

އަންސެކިއުޑް ފައިނޭންސިން ނުވަތަ ފައިސާ ހޯދޭނެ މިންވަރު ޔަގީން ނުވާ އަދަދު ބިލިއަން ރުފިޔާއިން : މިބައި އިތުރުވުމުގެ އެއް ސަބަބަކީ ހަރަދުތައް މަތިވެގެން ދިއުން -- މައުލޫމާތު ފިނޭންސް

މާލީ ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުން މިހާރު އަޅަން ފަށާފައިވާ މާލީ އިސްލާހުތައް ނާޅައިފިނަަމަ މި ހުރިހާ ދޮރެއް މަޑުމަޑުން ލެއްޕުން ގާތެވެ. މި ހާލަތު ރާއްޖެ އަށް އައިސްފައިވަނީ ކުއްލި އަކަށް ނޫނެވެ. 

ދައުލަތުގެ ބަޖެޓް 2018 ވަނަ އަހަރުގެ ބަޖެޓް 28.2 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިދިޔަ 2023 އަށް ބަލާނަމަ ބަޖެޓު ވަނީ 49 ބިލިއަން ރުފިޔާ އަށް ބޮޑުވެފަ އެވެ. މި ބަޖެޓުގެ ހަރަދުހުރީ 47 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ 2023-2018 އަށް ބަލާނަމަ ޓެކްސް ބޮޑުކޮށްގެން އާމްދަނީ މަތިކުރުމުން 10 ބިލިއަން ރުފިޔާ އާމްދަނީ އަށް އިތުރުވެފަ އެވެ. އެކަމަކު ހަރަދު ވަނީ 20 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މި އަދަދު ކުޑަކުރަން ލޯނުމައްޗަށް ލޯނު ނެގިނަމަވެސް މި އަދަދު ކުޑައެއް ނުވެ އެވެ. ނަތީޖާއަކީ އަންސެކިއުޑް ފައިނޭންސިން ނުވަތަ ހޯދޭނެ އަދަދު ޔަގީންނުވާ ފައިސާގެ އަދަދު މަތިވެގެން ދިއުމެވެ. މިހާރުގެ ހާލަތަކީ އަންސެކިއުޑް ފައިނޭންސިން ގެޕް 18 ބިލިއަން ރުފިޔާ މަތީގައި ހުރުމެވެ. މިހާރުގެ ހާލަތުގައި ދެމިއޮވެއްޖެނަމަ 2026 ވަނަ އަހަރު މި އަދަދު 23 ބިލިއަން ރުފިޔާ އަށް މަތިވާނެ އެވެ. 

މި ހުރިހާ ގޯހެއްގެ ވެސް ހަގީގަކީ އެއް ސަބަބަކީ ހައްދެއްނެތި މަޝްރޫއު ހިންގުމެވެ. މިކަމަކީ ގާނޫނީ ގޮތުން ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ނަމަވެސް އެކަން މިއޮތީ ކޮށްފަ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއު ކޮށްފައިވާ ފާއިތުވި އަހަރުގެ ބަޖެޓު ރިވީއު ރިޕޯޓުގައި ޕީއެސްއައިޕީ ބައިގައިވާ ގޮތުން ބައެއް މަޝްރޫއުތަކަށް ހަރަދު ކޮށްފައި ހުރީ ހަރަދުކުރަން ބަޖެޓުގައި ހިމެނި މިންވަރަށްވުރެ އިތުރަށެވެ. އަނެއްބައި މަޝްރޫއުތަކަށް ހަރަދުކުރަން ކަނޑައެޅި މިންވަރަށް ހަރަދު ނުކުރެ އެވެ. ދެން ހުރީ ބަޖެޓުގައި ނުހިމަނައި ހިންގި މަޝްރޫއުތަކެވެ.

އެ ރިޕޯޓުގައި ބަޔާންކުރި ގޮތުގައި މުޅި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރަން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތީ 8.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށް 9.2 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ހަރަދުކުރި އެވެ. އެއީ ޕީއެސްއައިޕީ ބަޖެޓަށްވުރެ 8 އިންސައްތަ އިތުރު މިންވަރެކެވެ.

ޕީއެސްއައިޕީ މަޝްރޫއު ތަކަށް ކުރި ހަރަދު އިތުރުވިއިރު ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް 501 މަޝްރޫއަކަށް ހަރަދު ކޮށްފައިވެ އެވެ. އެ މަޝްރޫއުތަކަށް ބަޖެޓުކުރި މިންވަރަށް ވުރެ އިތުރަށް 4.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އަދި ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- އޮޑިޓް އޮފީސް

ބަޖެޓުގެ ބޭރުން ހިންގި މަޝްރޫއުތައް

  •  ބިން ހިއްކުމާއި މަގު ހެދުން: ބަޖެޓުކުރީ 547 މިލިއަން | ހަރަދުކުރީ 1.9 ބިލިއަން
  •  ފެނާއި ނަރުދަމާގެ މަޝްރޫއުތައް: ބަޖެޓުކުރީ 442 މިލިއަން | ހަރަދުކުރީ 1.09 ބިލިއަން
  •  ބަނދަރު ހެދުމާއި ދަތުރުފަތުރު: ބަޖެޓުކުރީ 298 މިލިއަން | ހަރަދުކުރީ 1.4 ބިލއިަން
  •  ތިމާވެށީގެ ރައްކާތެރިކަމަށް: ބަޖެޓުކުރީ 145 | ހަރަދުކުރީ 580 މިލިއަން


ހަގީގަތަކީ މިގޮތަށް ކަން ކުރަން ފުރުސަތު އޮވެގެން ނުވާނެ އެވެ. ސަރުކާރުން ބޭނުންވީމަ މި ފަސް އަހަރު ފުޑްސެލް އެރިނާ އަޅާފަ އަންނަ ސަރުކާރުން އެކަން ހުއްޓާލަންވީ އެވެ. އެ ފަސް އަހަރު އެތަންތަން ވީރާނާވާން ދޫކޮށްލާނީ އެވެ. އަދި އެ ސަރުކާރުން ފަށަންވީ ޕާކު އެރީނާ މަޝްރޫ ތަކެކެވެ. މިހެން ހެދުމުން ރައްޔިތުން ބޭނުންވާ ފައިދާއާ ދަނީ ދުރުވަމުންނެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތާއި ދައުލަތުގެ އާމްދަނީ ހުރި މިންވަރު ކެރި ކުޅަދާނަ ކަމެއްނޫނެވެ. ރާއްޖެ ފަދަ އެހެން ގައުމުތަކުގެ މިސާލުން ބަލާނަމަވެސް ޕީއެސްއައިޕީ ބަޖެޓު ރާއްޖޭގައި އިންތިހާ އަށް ބޮޑުކަން ފާހަގަވެ އެވެ. އެ ގައުމުތަކީ ރާއްޖެ އަށް ވުރެ ބޮލަކަށް ޖެހޭ އާމްދަނީ އާއި ޖުމްލަ ޖީޑީޕީ ވެސް ބޮޑު ގައުމުތަކެވެ.

ރާއްޖެ ފަދަ އެހެން ގައުމުތަކުގައި ޕީއެސްއައިޕީ ހަރަދު

ރާއްޖޭގެ ޖީޑީޕީއަކީ ހަ ބިލިއަން ޑޮލަރެވެ. ޖުމްލަ އާބާދީ 515،122 މީހުން ދިރިއުޅޭއިރު ދިވެހިގެ އަދަދަކީ 382،571 އެވެ. އެކަމަކު ޖުމްލަ ޖުމްލަ ދަރަނި ހުރީ 8 ބިލިއަން ޑޮލަރު ނުވަތަ 118 ބިލިއަން ރުފިޔާގަ އެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނީގެ ނިސްބަތް ހުރީ 134 ޕަސެންޓުގަ އެވެ. ރާއްޖޭގެ ޕީއެސްއައިޕީ މަޝްރޫއުއަށް މިދިޔަ އަހަރު އަށް ބިލިއަން ބަޖެޓުކޮށް ހަރަދު ފޫނައްޓައިގެން ގޮސް ހަރަދު 12 ބިލިއަން ހަރަދުކުރި އެވެ. 

ރާއްޖެ ފަދަ ޖަޒީރާ ދެ ގައުމު ކަމަށްވާ އިންޑިއާ ކަނޑުގެ މޮރިޝަސް އާއި ސީޝެލްގެ ހާލަތަށް ބަލާއިރު ނިސްބަތުން ފެންނަނީ ރާއްޖޭގެ ޕީއެސްއައިޕީ ބަޖެޓު ބޮޑު ކަމެވެ. އަދި ބަޖެޓުން ހަރަދު ކުރަން ކަނޑައަޅައި ހަރަދު ކުރަމުންދާ ގޮތަށް ބަލާއިރު މިދެ ގައުމުގެ އާމްދަނީ އާއި ފިސްކަލް ހާލަތުވެސް ތަފާތެވެ. ރާއްޖެއާ އެއް ހާލަތެއްގައި މި ދެ ގައުމުގެ ދައުލަތުގެ ފިސްކަލް ހާލަތު ނެތްނަމަވެސް ޕީއެސްއައިޕީ ހަރަދުތައް ހުރީ ބަލެހެއްޓިގެން ހިނގާނެ ނިޒާމެއްގެ ތެރޭގަ އެވެ.

މޮރިޝަސް ޕީއެސްއައިޕީ އާއި ޖީޑީޕީ

  •  މޮރިޝަސް - އާބާދީ 1.2 މިލިއަން
  •  ޖީޑީޕީ 13 ބިލިއަން ޑޮލަރު
  •  ޖީޑީޕީގެ ނިސްބަތުން ދަރަނި 90 ޕަސެންޓް
  •  6 ރަށުގެ މައްޗަށް ބެހިފައިވާ ޖަޒީރާއެއް
  •  މޮރިޝަސްގެ ޕީއެސްއައިޕީ ބަޖެޓް - މޮރޫޝިއަން ރުޕީސް 49 ނުވަތަ ދިވެހި 16 ބިލިއަން ރުފިޔާ
  •  މޮޝިޝަސް ޕީއެސްއައިޕީ ހަރަދު -ގެ 60 ޕަސެންޓް އިކޮނޮމިކް ސެކްޓާ. ސޯޝަލް ސެންޓާ އަށް 40 ޕަސެންޓް
  •  ކުރިއަށް އޮތް ދެ އަހަރު ފެނުގެ ނިޒާމަށް 12 ބިލިއަން ރުޕީސް
ރާއްޖެ ފަދަ ޖަޒީރާ ދެ ގައުމެއްގެ ޕީއެސްއައިޕީ ހަރަދާއި އެ ދެ ގައުމުގެ އިގްތިސޯދު

މޮރިޝަންގެ އެސްއޯއީތަކަކީ ވަރުގަދަ ކުންފުނިތަކެއް ހުރި ގައުމެކެވެ. އެހެންވެ މި އެސްއޯއީތަކުން އަންނަ އަހަރު 15 ބިލިއަން ރުޕީސް ބޯހިޔާވަހިކަމަށް ހަރަދު ކުރާނެ އެވެ. މިގޮތުން 8،000 ހައުސިން ޔުނިޓުއަކަށް 22 ބިލިއަން މޮރިޝަސް ރުފިޔާ ނުވަތަ ދިވެހި 7 ބިލިއަން ދިވެހި ރުފިޔާ ހަރަދުކުރާނެ އެވެ.

ސީޝެލްސް ޕީއެސްއައިޕީ އާއި ޖީޑީޕީ

  •  އާބާދީ 119,878 މީހުން
  •  ސީޝެލްސް ޖީޑީޕީ 1.5 ބިލިއަން ޑޮލަރު
  •  ބޮލަކަށް ޖެހޭ އާމްދަނީ 13،000 ޑޮލަރުން މަތި
  •  ޖީޑީޕީގެ ނިސްބަތުން ދަރަނި 65.1 ޕަސެންޓް
  •  މި އަހަރުގެ ޕީއެސްއައިޕީ 2 ބިލިއަން ސީޝެލްސް ރުޕީ / ދެ ބިލިއަން ދިވެހި ރުފިޔާ

ސީޝެލްސްއިން ޕީއެސްއައިޕީ ބަޖެޓު ދޫކޮށްފައިވަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ މިނިސްޓްރީ އޮފް ލޭންޑް އެންޑް ހައުސިން (421.3 މިލިއަން ރުފިޔާގެ މަޝްރޫ) އަދި ޓްރާންސްޕޯޓް މިނިސްޓްރީ (275.7 މިލިއަން  ރުޕީސް) އަދި އެޑިއުކޭޝަން މިނިސްޓްރީ (142 މިލިއަން ރުޕީސް) އަދި ރައީސް އޮފީސް (81 މިލިއަން ރުޕީސް) އެވެ.

މަޝްރޫއު ފަށާފަ އަގު ބޮޑު ކުރުން މައްސަލައެއް

އެމްޓީސީސީ އިން ރަށެއްގައި މަސައްކަތް ކުރަނީ : މަޝްރޫއުތައް ނިންމުމުގައި އެމްޓީސީސީގެ ދައުރު ބޮޑު -- އެމްޓީސީސީ

ދުނިޔޭގެ މާލީ އިދާރާތަކުގެ މެދުގައި ރާއްޖެއަކީ ޕަބްލިކް އިންފްރާންސްޓްޗަކްޗާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއު ހިންގުމުގެ ޗެމްޕިއަނެވެ. ނުވަތަ އާބާދީގެ ނިސްބަތުން ތަރައްގީގެ މަޝްރޫއުތަކަށް ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދާ ގައުމެވެ. އެކަމަކު މިހާރު މިހޭދަ ކުރާ ގޮތަށް ބަލާނަމަ 90 ޕަސެންޓް ދަނީ ވޭސްޓޭޖަށެވެ. މިހާރު ކުރިއަށްދާ ބައެއް ޕީއެސްއައިޕީ މަޝްރޫއުތަކަކީ ފެށުމަށްފަހު 300 ޕަސެންޓް އަގުއެއްކޮށް "ވޭރިއޭޝަން" ހިމެނުން ނުވަރަ މަގު މަތިކޮށްފައިވާ މަޝްރޫއުތަކެވެ. އެންމެ ގާތުން ޕީއެސްއައިޕީގެ މަަޝްރޫއުތަކެއް ހިންގި ފެނަކަ ކުންފުންޏަށް ބަލާއިރު 2019 ވަނަ އަހަރު ހަވާލުކުރި މަޝްރޫއުތައް 2022 އައިއިރުވެސް ނުނިމެ އެވެ. އެކަމަކު ބަޖެޓުން އެ ކުންފުންޏަށް ދިޔައީ ހަރަދު ކުރަމުންނެވެ. ބަޖެޓުން ބަރާބަރަށް ފެނަކަ އަށް ފައިސާ ޕަންޕު ކުރެ އެވެ.

ހަފުތާއަކު ދެ މިލިއަން ދިނަސް ހުވަނދަކަށް ވެސް ނުވޭ

އިގްތިސޯދީ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި ތަރައްގީގެ މަޝްރޫއު ހިންގިނަމަވެސް މިހާރުގެ މޮޑެލް އަކަށް ދިވެހި ދައުލަތަށް ކުރިމަގުގައި ކެތެއް ނުކުރެވޭނެ އެވެ. ސަބަބަކީ ޕީއެސްއައިޕީ އަށް މިހާރު ހަރަދު ކުރާ ގޮތުން ބަޖެޓުން އުފެދޭ މާލީ ނުތަނަވަސްކަން މަތިވުމެވެ. މިހާރު އެތައް ކޮންޓްރެކްޓަރުންނަކަށް ފައިސާ ނުދެވި ދައުލަތް ދަރައިގެން ދިއުމުގެ ސަބަބަކީމި އެވެ.
މިހާރު ވެސް ފިނޭންސުން ހަފުތާއެއްގެ މައްޗަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކޮންޓްރެކްޓަރުންނާއި ސަރުކާރާއެކު މަސައްކަތް ކުރާ ވިޔަފާރި ތަކަށް ދޫކުރެ އެވެ. އެކަމަކު މިއީ މިހާރު ސަރުކާރު ދަރާފައިވާ މިންވަރަށް ބަލާއިރު ހުވަނދަކަށް ވެސް ނުވެ އެވެ. ކޮންމެ ހަފުތައަކު އެތައް އިންވޮއިސްއެއް ފިނޭންސުގެ ސިސްޓަމަށް އެޑްވެ އެވެ. މިކަމުގައިވެސް މިހާތަނަށް ފައިސާ ދޫކުމުގައި ތަރުތީބު ލިސްޓެއް ނެތުމުގެ ނަތީޖާއަކީ އެއިރަކު ހުންނަ ވަޒީރަކު ބޭނުންވާ ބަޔަކަށް އަވަހަށް ފައިސާ ދޫކުރެވޭނެ ގޮތަށް ނިޒާމު އޮތުމެވެ. 

މިހާރުގެ ހާލަތަށް ބަލާއިު ސަރުކާރުން އާއްމުންނަށް ދޭން ޖެހޭ ފައިސާ 9 ބިލިއަން ރުފިޔާއާށް ކައިރިކުރެ އެވެ. މި ފައިސާ ދޭން ބަލާއިރު ދައުލަތަށް ލިބޭ ފައިސާ ބަލައިގަންނަ މީރާގެ ވީކްލީ ކަލެކްޝަން ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހާއި އޮގަސް މަހާ ދެމެދަށް ބަލާނަމަ އެވްރެޖުކޮށް ހަފުތާއެއްގެ އާމްދަނީ ހުރީ 153 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާއާ ދެމެދުގަ އެވެ. މި އަހަރުގެ ޖުލައި 4، އިން އޮގަސްޓް 10 ގެ ނިޔަލަށް ބަލާނަމަ ދައުލަރަށް ލިބުނީ 153 މިލިއަން ރުފިޔާ އެވެ. އާއްމު ރައްޔިތުންނަށް ސަރުކާރުން ދޭ ފައިސާ ހަފުތާ އިން ހަފުތާއަށް ދެނީ މި ފައިސާ އިންނެވެ.

މި ފައިސާގެ ބޮޑު ބައެއް ހަރަދުވަނީ ސީދާ ރިކަރަންޓް ހޭދަ އަށެވެ. ސަރުކާރުގައި ތިބި މުވައްޒަފުންގެ މުސާރަ ދޭށެވެ. އަދި ހަމައިން ނައްޓާލާފައިވާ އާސަންދަ އާއި ސަބްސިޑީގެ ނިޒާމާއި ފޫވެއްޓިފައިވާ އެސްއޯއީތަކަށެވެ. މި ހުރިހާ ނިޒާމެއްގައި ހުރީ ހުސް މައްސަލަ އެވެ. މި ހުރިހާ ކަމެއް އޮތީ ބޮއްސުންލާފަ އެވެ. ޕީއެސްއައިޕީ ހަރަދު މައިތިއި ކުރަން ޖެހެ އެވެ. ދައުލަތް ސަލާމަތް ކުރަން ބޭނުންނަމަ ޕީއެސްއައިޕީ އަށް ހޭދަ ކުރުން ހަރުދަނާ ކުރަން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.