ލޭނު މަސްވެރިކަމަށް ހުއްދިނުމުން ވިޔަފާރީގެ ގުޅުންތައް ގާއިމުކުރަން އުނދަގޫވާނެ: ޝާހިދު

ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެ ފިޔަވަޅަކީ ދުރު ރާސްތާ ނަތީޖާތައާމެދު ނުވިސްނައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

ލޭނު މަސްވެރިކަމަށް ހުޅުވައިލާ މިޔަރު ބޭނޭ ގޮތް ހެދުމުން ރާއްޖެެއަށް އެހެނިހެން ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމުގައި ކުރީގެ ހާރިޖީވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު ފިޝަރީޒް މިނިސްޓްރީންވަނީ ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޫކުރުމާ ގުޅޭ ހާއްސަ އުސޫލެއް ކަނޑައަޅާފަ އެވެ. އެ އުސޫލުގެ ދަށުން ލޭނު މަސްވެރިކަމަށް ހުއްދަ ދޫކުރާނީ ލޭނު މަސްވެރިކަމާ ގުޅިގެން ކުރިން ކުރެވިފައިވާ ތަޖުރިބާތަކަށް ރިއާޔަތްކޮށް ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް ކަމުގައި މިނިސްޓްރީން ބުންޏެވެ. 

އެ ގަވާއިދުގައިވަނީ ލޭނު އަޅައިގެން މަސް ބޭނުމުގެ ތެރޭގައި ބޭނޭ މިޔަރު ޕްރޮސެސްކުރުމަށް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ވަކި ހާއްސަ ހުއްދަތަކެއް ދޫކުރުމަށް ކަނޑައަޅާފަ އެވެ. އަދި ލޭނު އަޅައިގެން މަސް ބޭނުމުގެ ތެރެއިން ބޭނޭ މިޔަރު ފިޔަވައި އިތުރު މިޔަރު ބޭނުން ހުއްދަނުކުރާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ. 

އެކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެ ފިޔަވަޅަކީ ދުރު ރާސްތާ ނަތީޖާތަކަށް ނުވިސްނައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގަައި ލިބިފައިވާ ކާމިޔާބުތައް އެނިންމުމުގެ ސަބަބުން ގެއްލޭނެ ކަމުގައި ބުނެފައިވެ އެވެ. 

އެ ނިންމުމުން ދިވެހި ފަތުރުވެރިކަމަށް ގެއްލުންވާނެ ކަަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މަގާމަށް ހީނަރުކަން ލިބުމާއެކު، ރާައްޖޭގެ ލީޑާޝިޕުގެ ދައުރަށް އުނިކަން ލިބޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އަދި ލޭނު މަސްވެރިކަމުގެ ތެރެއިން ބާނަން ގަސްތުކުރާ މަހުގެ އިތުރަށް ބޭނޭ މަސް، ހާއްސަކޮށް ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް، ބޭނޭނަމަ އެކަމުން ކަނޑުގެ ދިރުންތަކުގެ ނިޒާމަށް ގެއްލުންވުމުގެ އިތުރަށް، ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމުގެ ފުރުސަތުތައް ހަނިވާނެ ކަމުގައި ޝާހިދު ވިދާޅުވި އެވެ. 

ރަނގަޅަށް ހަރުދަނާ ވިސްނުމެއް ނެތި ސަރުކާރުން ނިންމާފައިވާ ނިންމުން މުރާޖައާކޮށް ބަދަލުކުރުމަށާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހާސިލުވާނެ ގޮތަށް މަސައްކަތްކުރުމަށް ސަަރުކާރަށް ޝާހިދު އިލްތިމާސް ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.