އިގުތިސާދުގެ އަދާހަމައަށް ބަލާއިރު ފާއިތުވި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގައި އެކްސްޕޯޓުކުރި މިންވަރު 25 އިންސައްތަ ދަށްވި ނަމަވެސް އިމްޕޯޓުކުރި މިންވަރުވަނީ %3 އިތުރުވެފަ އެވެ.
ނިމުނު ޖޫން މަހު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 25 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
މަހަކު އެއްފަހަރު އެ އޮތޯރިޓީން އާންމުކުރާ އިގުތިސާދުގެ އަދާހަމައަށް ބަލާއިރު ފާއިތުވި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގައި އެކްސްޕޯޓުކުރި މިންވަރު 25 އިންސައްތަ ދަށްވި ނަމަވެސް އިމްޕޯޓުކުރި މިންވަރުވަނީ %3 އިތުރުވެފަ އެވެ.
އަހަރުން އަހަރަށް އެކްސްޕޯޓު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރީ ކަޅުބިލަމަހުގެ ބާވަތްތައް ކަމުގައިވާ ގަނޑުކުރި މަހާއި، ދަޅުގައި އަދި ޕައުޗުގައި ބަންދުކޮށްގެން ބޭރުކުރާ މަހުގެ އަދަދު ވަރަށް ބޮޑަށް މަދުވުމާއެކު، ސީދާ ރާއްޖެއިން ބޭރުކުރާ ތަކެތީގެ ނިސްބަތް ވަރަށް ބޮޑަށް މަދުވުމުންނެވެ.
ނަމަވެސް ރާއްޖެއިން ބޭރުން ގެނައުމަށްފަހު ރާއްޖޭގައި ޕްރޮސެސްކުރުމަށްފަހު ބޭރުކުރާ ތަކެތި ނުވަތަ ރީއެކްސްޕޯޓުކުރާ ތަކެތީގެ މިންވަރު މި އަހަރުގެ ޖޫން މަަހުގައި ނިމުނު އަހަރަށްވުރެ އިތުރުވިކަން އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިމްޕޯޓަށް ކުރާ ހަރަދު މި އަހަރު 3 އިންސައްތައިން އިތުރުވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު މި އަހަރު އެތެރެކުރި މިންވަރު އިތުރުވުމެވެ.
މުޅި އަހަރަަށް ބަލާއިރު ޖަނަވަރީން ފެށިގެން ޖޫންގެ ނިޔަލަށް އެކްސްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ %9 ދަށްވި އެވެ. އަދި އިމްޕޯޓުކުރި މިންވަރު 6 އިންސައްތަ އިތުރުވިކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.