ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ފަށާފަ އެވެ. މިގޮތުން އެންމެ ބޮޑު ހަރަދެއް ހިންގާ އާސަންދައި އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މެދުރާސްތާގައި އެވްރެޖުކޮށް ދައުލަތުގެ ހަރަދުން ހުންނާނީ 46.5 ބިލިއަން ރުފިޔާގައި ކަމަށާ އަހަރެއްގެ މައްޗަށް 1.1 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް ފިނޭންސުން އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުވުމުން މެދުރާސްތާގައި ހަރަދު އަހަރަކު އެވްރެޖްކޮށް 1.1 ޕަސެންޓް ދަށްވާނެކަމަށް ލަފާކުރެވޭ އެވެ. ނަމަވެސް މި ފިޔަވަޅުތައް ނާޅައިފިނަމަ މުޅި ނިޒާމު ބޮއްސުންލައި އަތް ނުފޯރާ ހިސާބަށް ހަރަދު އަރައިގެންދާނެ އެވެ.
ހަރަދު ކުޑަނުކޮށްފިނަމަ ޖުމްލަ ހަރަދު އަންނަ އަހަރު ހުންނާނީ 57.4 ބިލިއަން ރުފިޔާއަށް އުފުލޭނެ އެވެ. ނަމަވެސް ފިޔަވަޅުތަކާއެކު މި އަދަދު 46.5 ބިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެ އެވެ. އަދި އަންނަ 2026 ވަނަ އަހަރު ހަރަދު ކުޑަނުކޮށްފިނަމަ ދައުލަތުގެ ހަރަދު 55.2 ބިލިއަން އުފުލޭނެ އެވެ. ނަމަވެސް ހަރަދު ކުޑަ ކުޑަކުރުމުގެ ފިޔަވަޅުރަކާއެކު މި އަދަދު 45.5 ބިލިއަން ރުފިޔާއަށް ކުޑަވާނެ އެވެ. އަދި 2027 ވަނަ އަހަރު ކުޑަނުކޮށްފިނަމަ 56.8 ބިލިއަން އުފުލޭނެ އެވެ. އަދި ފިޔަވަޅުތަކާއެކު މި އަދަދު 46.6 ބިލިއަން ރުފިޔާއަށް ކުޑަވާނެ އެވެ. އަދި 2028 ވަނަ އަހަރު ހަރަދު ކުޑަނުކޮށްފިނަމަ ބޮއްސުންލައި ދަައުލަތުގެ ހަރަދުތައް 60 ބިލިއަންއަށް މަތިވެގެންދާނެ އެވެ. ނަމަވެސް ކުޑަކޮށްގެންގެން މި އަދަދު 49.2 ބިލިއަން ރުފިޔާއަށް ތިރި ކުރެވޭނެ އެވެ.
ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމާއެކު މާލީ އިސްލާހީ އެޖެންޑާގެ ގިނަ ޕްރޮގްރާމްތަކެއް ފަށާފަ އެވެ. މިހާރު ވެސް ބައެއް ފިޔަވަޅުތައް ވަނީ އަޅަން ފަށާފަ އެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ހަރަދު ކުޑަ ކުރަން ފިޔަވަޅު އެޅުމާއި މާލީ އިސްލާހީ އެޖެންޑާއަކީ މިހާރު އޮތް އޮޕްޝަނެއް ނޫނެވެ. މިއީ ކޮންމެހެން ވެސް ފިޔަވަޅު އަޅަން މަޖުބޫރުވެފައިވާ ކަމެކެވެ.