ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމުން މަސްވެރިކަމާ ޓޫރިޒަމަށް ވެސް ގެއްލުންވާނެ: ނަޝީދު

ވިދާޅުވީ އެއީ ދިވެހީންގެ ދޮށީގެ މަސްވެރިކަމާއި އެ މަސްވެރިކަމުން އުފައްދާ ބާވަތްތަކުގެ ބުރޭންޑަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަކީ ގެއްލުން ބޮޑު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ އެކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

މަސްވެރިކަމަށް ގެއްލުންނުވާނެކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތަކެއް ގަވާއިދުގައި ހިމަނާ ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ނަޝީދު ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށެވެ. ވިދާޅުވީ އެއީ ދިވެހީންގެ ދޮށީގެ މަސްވެރިކަމާއި އެ މަސްވެރިކަމުން އުފައްދާ ބާވަތްތަކުގެ ބުރޭންޑަށް ގެއްލުން ވާނެ ކަމެއް ކަމަށެވެ. އަދި ލޭނު މަސްވެރިކަމުގެ ސަަބަބުން ކަނޑުގެ ރީތި ދިރިންތަކަށް ގެއްލުން ލިބި ދިވެހި ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށެވެ. އެފަދަ މަސްވެރިކަމެއްގައި ކަނޑުގެ ދިރުންތައް ކަމަށްވާ ކޯމަހާއި މިޔަރާއި މަޑިއާއި އައިންމަތީ ދޫނިތައް ހިފޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ގަވާއިދު އެކުލަވައިލިއިރު ކުރީގެ ތަޖުރިބާތަކަށް ރިއާޔަތްކޮށް، މި މަސްވެރިކަމުން އެންމެ ބޮޑު މަންފާއެއް ދިވެހިންނަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށް އިސްކަންދީ މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ބުނެފައިވަނީ، އުޅަނދުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އުޅަނދުގައި ކޮންމެހެން ހުންނަންޖެހޭނެ ހަމަތަކެއް ކަނޑައަޅާ ބަޔާންކުރެވިފައިވާނެ ކަމަށެވެ. އަދި އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރކޮށް ބެލެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމްއެއް ހަރުކުރުމުގެ އިތުރުން ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ލާޒިމް ކުރެވިފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ލޭނު މަސްވެރިން ކުރުމަށް ހުއްދަ ސަރަޙައްދެއް ކަމަށް ކަނޑައަޅާފައިވަނީ މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތާއި ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން ޢާއްމުކޮށް ހަރަކާތްތެރިވާ ސަރަޙައްދުން ބޭރުގެ ސަރަޙައްދެއްކަމަށާއި، އެ ސަރަހައްދަކީ މިއީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 (ސަތޭކަ) މޭލު ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދެއް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރަށް ލޭނު މަސްވެރިކަމުގެ ތެރެއިން އަތުލައިގަނެވޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔޭގައި އަމަލުކުރާ އެންމެ ރަނގަޅު ހަމަތަކުގެ މަތިން މިޔަރު ޕްރޮސެސްކުރުމުގެ ހުއްދަ އޮންނަ ފެސިލިޓީތަކަށް ގެންގޮސް ޕްރޮސެސްކުރުމުގެ ފުރުސަތު ގަވާއިދުން ދީފައިވީ ނަމަވެސް، މިޔަރުގެ މަސްވެރިކަމަށް ހުޅުވައިނުލާ ކަމަށް މިނިސްޓްރީން ބުންޏެވެ.  

އަދި މިޔަރަށް އަމާޒުކޮށް ލޭނު މަސްވެރިކަންކުރުމުގެ ހުއްދަ ދޭ އުޅަނދުފަހަރުން މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށާއި، އެކަން ނުކުރާކަން ކަށަވަރުކުރުމަށް ގަވާއިދުގައި އުސޫލުތަކެއް އެކަށައަޅާފައިވާ ކަމަށް މިނިސްްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.