ނައީމާގެ މަރު: ތަހުގީގުގައި އެއްބަސްވި އަހުޒަމް ކޯޓުގައި ދައުވާތަކަށް އިންކާރުކޮށްފި

އޭރު މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބި އޮއްވައި އަހުޒަމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި އެވެ. އެ ތަހުގީގުގެ ތެރެއިން އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެ ގިނަ މައުލޫމާތުތަކެއް ދީފަ އެވެ.

ނައީމާ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އަހުޒަމް އަބްދުއްޝުކޫރު --

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ އަހުޒަމް އަބްދުއްޝުކޫރު ދައުވާތަކަށް އިންކާރުކޮށްފި އެވެ.

އޭޕްރީލް 6، 2023 ދުވަހުގެ ދަންވަރު ނައީމާ ނިދާފައި އޮއްވާ އޭނާ ދިރިއުޅޭ ގެއަށް ވަނުމަށްފަހު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުންގެ މައްޗަށެވެ. އަހުޒަމްގެ އިތުރުން ދެން ދައުވާ ކޮށްފައި ވަނީ އަބްދުލްވާހިދު ރިފާސް އަދި ހަސަން ފަވާޒްގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

ގިނަ ޒަހަމްތަކާއެކު ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 7، 2023 ގައެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ކަރު ބުރިކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އޭރު މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބި އޮއްވައި އަހުޒަމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި އެވެ. އެ ތަހުގީގުގެ ތެރެއިން އޭނާ ވަނީ ނައީމާ މަރާލިކަމަށް އެއްބަސްވެ ގިނަ މައުލޫމާތުތަކެއް ދީފަ އެވެ.

ނަމަވެސް މިއަދު ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ އިއްވުމުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުވާތައް އިއްވަމުން ދައުލަތުން ބުނެފައި ވަނީ ނައީމާގެ ކަރަށާއި ބުރަކައްޓަށް ގިނަ ޒަހަމްތަކެއް ދީފައިވާ ކަމަށެވެ. އޭގެ ފަހުން މި މައްސަލައިގައި ދައުވާ ލިބޭ ފަވާޒްގެ ކާރުގައި ގޮސް، ހަމަލާ ދޭން ގެންގުޅު ވަޅިތަކާއި، އަންގިތަކާއި އިސްޓާކީނުތައް، އަދި ލައިގެން ތިބި އަންނައުނު ވެސް އަންދާލާފައިވާ ކަމަށެވެ. އެތަކެތި އަންދާލާފައިވުމުން، ހެކި ނައްތާލަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތު އެމީހުންގެ މައްޗަށް ކޮށްފައިވެ އެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކޮށްފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރު ތަޅުލާފައި ދިއުމުންނެވެ. ދައުލަތުން ބުނީ ލޭތަކާއެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވާ ކަމަށާއި، ހަށިގަނޑު ފެނުނީ މަރުވިތާ 40 ގަޑިއިރު ފަހުން ކަމަށެވެ.

މި މައްސަލައިގައި އަހުޒަމް ދައުވާތަކަށް އިންކާރުކޮށްފައިވާއިރު، ފަވާޒް ވެސް މިއަދު ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ބުނެފައި ވަނީ ނައީމާ މަރާލަން ރާވައި، ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިނީ ފަވާޒް ކަމަށެވެ. އަމަލީ ގޮތުން ނައީމާ މަރާލީ އަހުޒަމް އަދި ރިފާސް ކަމަށެވެ. 

ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ފަވާޒް، އަހުޒަމާއި ރިފާސްއަށް ވިސްނައިދީފައިވާ ކަމަށް ފަވާޒަށް އިއްވި ދައުވާގައި ބުނެފައިވެ އެވެ. އަދި މަރާލުމުގެ އަގެއްގެ ގޮތުގައި ދެ މީހުންނަށް މަސްތުވާތަކެތި ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ރިފާސްގެ އަޑުއެހުމުގައި އޭނާ ވަނީ މިއަދު ދައުވާއަށް ޖަވާބުދާރީވާން އުޒުރުވެރިވެފަ އެވެ. ޖަވާބުދާރީވާނީ ވަކީލާ ބައްދަލު ކުރުމަށްފަހުގައި ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަހުޒަމް ތަފްސީލުކޮށް ދައުވާއަށް އިންކާރު ކުރި ސަބަބު ބުނެފައެއް ނުވެ އެވެ. އޭނާގެ ވަކީލް އެދުނީ ދެން އަންނަ ދުވަހަކު ތަފްސީލުކޮށް ސަބަބު ސާފުކޮށްދޭން ފުރުސަތެއް ދިނުމަށެވެ. މިއަދު ހަމައެކަނި ބުނެފައި ވަނީ ދައުވާގައި ބަޔާންކުރާ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އެހެންވެ އެފުރުސަތު ގާޒީ އަލީ އާދަމް ވަނީ ދެއްވާފަ އެވެ.

ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހެކި ހާމަ ކުރުމެވެ. އަހުޒަމްގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާނެ ކަމަށް މިއަދު ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.