ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުން | ފީ ދައްކާ މުހުލަތު އަވަސްކުރަން ކޮމިޓީން ފާސްކޮށްފި

ކޮމިޓީ ފެށުމާއެކު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް އިތުރު ބަދަލެއް ގެނައުމަކާ ނުލައި ބިލު ފާސްކުރުމަށެވެ.

20 ވަނަ މަޖިލީހުގެ މެންބަރުން -- ފޮޓޯ: މަޖިލިސް

ރިސޯޓު ތަރައްގީކުރަން ކުއްޔަށް ހިފާފައިވާ ރިސޯޓެއް ނުވަތަ ބިމެއްގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މުހުލަތު އަވަސްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން މުޅި މަޖިލީހުގެ ކޮމިޓީން ރުހުން ދީފި އެވެ. 

މިމަހުގެ 13 ވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ބާއްވައި އެ ބިލު ބަލައިގަތުމަށް ފާސްކުރުމަށްފަހު އެބިލުގެ މަސައްކަތް ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައިލުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވެ އެވެ. 

ކޮމިޓީ ފެށުމާއެކު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް އިތުރު ބަދަލެއް ގެނައުމަކާ ނުލައި ބިލު ފާސްކުރުމަށެވެ. މަމްދޫހު ހުށަހެޅުއްވި ގޮތަށް ބިލު ފާސްކުރަން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ތާއީދުކުރެއްވި އެވެ. 

އެ ކޮމިޓީގައި ބިލާމެދު ބަހުސްކުރެއްވީ ތިން މެންބަރުންނެވެ. އެ ތިން މެންބަރުންގެ ތެރެއިން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު އެދިވަޑައިގަތީ ބިލު އިތުރަށް ދިރާސާކުރުމަށެވެ. 

އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތްކުރާ ސަބަބު އޮޅުންފިލުއްވަން ބޭނުންފުޅުވާކަމަށާއި އަދި މުސްތަގުބަލުގައި އެބިލުގެ ސަބަބުން ކުރާނެ އަސަރުތައް އެނގިވަޑައިގަތުމަށްވެސް ބޭނުންފުޅުވާކަމަށް އޭނާ ވިދާޅުވި އެވެ. 

ނާޒިލު ފިޔަވައި ބިލަށް ބަހުސްކުރެއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރާއި ފޭދޫ ދާއިރާގެ މެންބަރެވެ. ދެ ބޭފުޅުންވެސް ވާހަކަދެއްކެވީ ސަރުކާރުން ހުުށަހެޅި ގޮތަށް ބިލު ފާސްކުރުމަށެވެ. 

ކޮމިޓީގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރަން ފެންނަކަމަށެވެ. އަދި ބިލު މަޖިލީހުގެ ތަޅުމަށް އިތުރު އިސްލާހެއް ނުގެނެސް ފޮނުވުމަށެވެ. 

 މި އިސްލާހުގައިވާ ގޮތުން ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަ ވެގެންދާނެ އެވެ.

މި ފުރުސަތު ދޭން ނިންމީ މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ލިބޭ ފުރުސަތު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވާތީ އެވެ.

މިހާރު ގާނޫނު އޮތް ގޮތް -- ޓޫރިޒަމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ކ) ގައިވާ ވާ ގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އެ ތަނެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވެ އެވެ.

މި ގޮތަށް ބަދަލު ގެނެވޭނީ އެ މާއްދާގެ (ކ) ގެ އެއް ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތަކީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ އެ ފައިސާ އެއް ދައްކާ ހަލާސް ކުރީމަ އެވެ.

މީގެ އިތުރުން އެ ގާނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ތާރީހު ކަމަށްވާ 27 ޑިސެމްބަރު 2022 އިން ފެށިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދެއްކުން ލާޒިމްކޮށްފައިވެ އެވެ. އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިސްލާހު ކުރާ ގޮތް -- އިސްލާހު ކުރާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ އެ ފީގެ ގޮތުގައި 10 މިލިއަން ޑޮލަރު އެކީ އެއް ފަހަރާ ދައްކަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.