އިންޑިޔާގެ މިނިވަން ދުވަހު ރައީސްގެ ތަހުނިޔާ، ދެ ގައުމުގެ ގުޅުމުން ލިބޭ ތަރައްގީ ފާހަގަކުރެއްވި

އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ ތާރީހީ ޒަމާންވީ ގުޅުމެއް ކަމަށާއި ޒަމާނާއެކު ބަދަލުވެފައިވަނީ ދިވެހިރާއްޖެއާއި މުޅި ދެކުނު އޭޝިޔާއަށް ކުރިއެރުމާއި ތަނަވަސްކަަން ގެނެސްދޭ ގުޅުމަކަށް ކަމަށް

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ 78 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވުމާއެކު ދެ ގައުމުގެ މެދުގައި މިހާރު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަނަވަސްކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފި އެވެ. 

އިންޑިޔާގެ މިނިވަންދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒުވަނީ އިންޑިޔާގެ ރައީސްއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާއި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވާފަ އެވެ. 

އެއަށްފަހު އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ ތާރީހީ ޒަމާންވީ ގުޅުމެކެވެ. އަދި އެ ގުޅުން ޒަމާނާއެކު ބަދަލުވެފައިވަނީ ދިވެހިރާއްޖެއާއި މުޅި ދެކުނު އޭޝިޔާއަށް ކުރިއެރުމާއި ތަނަވަސްކަަން ގެނެސްދޭ ގުޅުމަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމަށްވެސް ކުރިއެރުމާއި ތަނަވަަސްކަން ލިބޭ އަދި ހިއްސާވަނިވި އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ގުޅުމެއްގެ ގޮތުގައި ދެމިއޮންނާނެކަން ޔަގީން ކުރައްވާ ކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލެއްވުމުގެ ވައުދާއެކު އެވެ. އެމަނިކުފާނުވަނީ އިންތިހާބުވެވަޑައިގަތުމާއެކު އެ މަސައްކަތް ފައްޓަވާފަ އެވެ. މިހާރު އިންޑިޔާއިންވަނީ ރާައްޖޭގައި ތިބި އެގައުމުގެ ހުރިހާ ސިފައިން ގައުމަށް އަނބުރާ ގެންގޮސްފަަ އެވެ. 

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައު ދައުރަކަށް އިންތިހާބުވެވަޑައިގެން ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ. އެގޮތުން ފާއިތުވި ހަފުތާ ބަންދުގައި އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރުވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަައި ރާއްޖެއަށް ވަޑައިގެންފަ އެވެ. 

އެ ދަތުރުފުޅުގައި އޭނާވަނީ ރައީސް މުއިއްޒާއި ސަރުކާރުގެ އެހެނިހެން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިހުނަށްވުރެ ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގި ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.