ބަންކަރިން ފަށާ ދުވަހު ބިޔަ ކޮންޓެއިނާ ބޯޓަކަށް ތެޔޮ ވިއްކަން ތައްޔާރު ވަނީ

ސަރުކާރުން ދަނީ ޕްލޭނަށް ކަންކަން ދާނަމަ އަންނަ މަހު މި ވިޔަފާރި ފަށަން ތައްޔާރު ވަމުންނެވެ. މި ވިޔަފާރި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލަކު 300 ބޯޓު ހުރަސްކުރެ އެވެ.

ބޭރު ގައުމެއްގައި އޮފްޝޯވް ބަންކަރިން ހިދުމަތުން ގޭސް ފޯރުކޮށްދެނީ : ރާއްޖޭގައި މި ވިޔަފާރި ފަށާނީ މިގޮތަށް -- އޮފްޝޯ އެނާޖީ

މޫސުން ރަނގަޅުގެ ޕްލޭނާ އެއްގޮތަށް ދާނަމަ އަންނަ މަހު ރާއްޖޭގައި އޮފް ޝޯ ބަންކަރިން ހިދުމަތް ފަށާއިރު މި ވިޔަފާރި ރާއްޖޭގައި ފަށާ ދުވަހު ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޮޑު ބޯޓަކަށް ތެޔޮ ވިއްކުމުގެ ތައްޔާރިތައް ވާން ފަށައިފި އެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަކަށް ފުރޮޅާލަން ބަންކަރިންގެ ވިޔަފާރި ރާއްޖޭގައި ފަށަން ބާއްވާ ރަސްމިއްޔާތުގެ ހޯރަފުއްޓާއި އުލިގަމުގައި ވެސް ކުރި އަށް ދާނެ އެވެ. މި ރަސްމިއްޔާތުގައި މައިގަނޑު ބައި އޮންނާނީ އުތުރުގެ ހޯރަފުށީގަ އެވެ. 

އެސްޓީއޯ އިން ރާއްޖެ އަށް ތެޔޮ އެތެރެކޮށް ރާއްޖެ ސަރަހައްދުން ދަތުރުކުރާ ކޮންޓެ އިނާ ބޯޓު ފަހަރަށް ތެޔޮ އަޅަން ފަށާ ބަންކަރިން ވިޔަފާރި ފަށާ ދުވަހު ހޯރަފުށީ ކައިރީގައި ބޯޓަކަށް ތެޔޮ ވިއްކުމުގެ ތައްޔާރީތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.  މިކަން އެސްޓީއޯ އިން ފަށަނީ ބަންކަރިންގެ ވިޔަފާރީގައި ދުނިޔޭގައި މަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. 

ތެލުން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރޭ

ސަރުކާރުން ވަނީ އަންނަ އަހަރު ބަޖެޓުގެ އަމާޒުތަކުގެ ތެރޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފަަށާނެ ކަމަށް ބުނެފަ އެވެ. މިކަން ވަނީ އަންނަ އަހަރަށް އާމްދަނީ ލިބޭނެ ކަމެއްގެ ގޮތުގައި އަންދާޒާކޮށްފަ އެވެ. 

މަޖިލީހުގައި އިއްޔެ އޮތް ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު ވަނީ ބަންކަރިން ހިދުމަތުން ރާއްޖެ އަށް އެތެރެކުރާ ތެލުންވެސް އާމްދަނީ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް

ބަންކަރިންގެ ހިދުމަތް ފަށަން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށަން އެ ކުންފުނިން ދަނީ ފުރިހަމައަށް ތައްޔާރު ވަމުންނެވެ. މިގޮތުން ބަންކަރިން ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ފަށާ މި ވިޔަފާރިގެ ދަށުން ރާއްޖެ ސަރަހައްދު ހުރަސްކޮށްދާ އާގު ބޯޓު ފަހަރަށް އެމްޖީއޯ މެރިން ގޭސް އޮއިލް އާއި ވީއެލްއެސްއެފްއޯ ފިއުލް އޮއިލް ވިއްކާނެ އެވެ.

"ފުރަތަމަ މި މަސައްކަތް ފަށަނީ 4،000 މެޓްރިކް ޓަނުގެ ދެ ފްލޯޓާއާއެކު. މީގެ ބޭނުމަކީ އަވަހަށް މިކަން ފެށުން. އެހެންނޫނީ ތަނެއް ހިއްކައިގެން މިކަން ފަށަން އަނެއްކާވެސް ގިނަ ދުވަސް ނާގެތީ،" ޝިމާދު ވިދާޅުވި އެވެ. 

ޝިމާދު ވިދާޅުވި ގޮތުގައި ވިޓޯލްއިން މި ހިދުމަތުގެ ދަށުން ރަނގަޅު ޕްރޮޑަކްޓް ފޯރުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެވެ.  

"އަމާޒަކީ ބިން ހިއްކައިގެން މި ހިދުމަތް ފެށުން. އަބަދު އޯފްޝޯ ބަންކަރިން ނުވަތަ ފްލޯޓާގައި މި ހިދުމަތް ދިނުމަކީ އެންމެ ފީޒިބަލް ކަމަށް ނުވާނެ،" ޝިމާދު ވިދާޅުވި އެވެ. 

ހިދުމަތް ފަަށަން 4،000 ޓަނުގެ ދެ އުޅަނދު

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި ބަންކަރިން ވިޔަފާރި ފަށަން ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދޭން ގެންނަ ދެ އުޅަނދު މިހާރު އަންނަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެސްޓީއިން މި ހިދުމަތް ފަށަން ގެންނަނީ 4،000 މެޓްރިކް ޓަނުގެ ދެ ބާޖެވެ. މި އުޅަނދުތައް އަންނަނީ ސިންގަޕޫރުންނެވެ. މޫސުން ރަނގަޅު ނަމަ މިމަހުގެ މެދެންހާ ހިސާބުން ރާއްޖެއަށް ބަނދަރު ކުރާނެ އެވެ. މި ދެ އުޅަނދު ރާއްޖެ އަންނަ ގޮތަށް ބަނދަރު ކުރާނީ އިހަވަންދިއްޕޮޅު ސަރަހައްދުގަ އެވެ. 

ސަރުކާރުން ވަނީ މި މަހުގެ ތެރޭގައި ރަސްމީކޮށް ބަންކަރިންގެ ވިޔަފާރި ފަށާނެ ކަމަށް ބުނެފަ އެވެ. މި ރަސްމިއްޔާތު އޮންނާނީ އިހަވަންދިއްޕޮޅުގައި މިވަގުތު އެންމެ ގިނަ މަސައްކަތްކޮށްފައިވާ ހއ. ހޯރަފުށީގަ އެވެ.

ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަނަށް ފުރުޅާލަން ސަރުކާރުން ކުރާ މަސައްކަތް ފެށުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާނީ އެސްޓީއޯ އިން މި ވިޔަފާރި ކުރާނީ ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ބިޔަ އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ އެޅުމާއި ކާބޯ ތަކެތި ފޯރުކޮށް ދިނުން ފަދަ ހިދުމަތްތަކުންނެވެ. އެސްޓީއޯ އިން ރާއްޖެ ގެންނަ ދެ އުޅަނދުން ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމުގެ ވިޔަފާރި ކުރާނީ ހޯރަފުށީ ބޭރު ކަނޑުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.

ބަންކަރިން މަސައްކަތަކީ ހިދުމަތް ފެށުމުގެ ވަށައިގެން ގިނަ ހިދުމަތްތަކެއް އޮންނަ ވިޔަފާރިއެކެވެ. އެކަމުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ކަސްޓަމްސް އާއި އިމިގްރޭޝަން އެވެ. އެސްޓީއޯ ނަގާފައި ދެން އެންމެ އިސް ދައުރެއް އަދާކުރާނެ ކުންފުންޏަކީ އެމްޕީއެލް އިންނެވެ. އެ ކުންފުނިން މިހާރު ވަނީ އުތުރަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެންގޮސްފަ އެވެ. އަދި ބައެއް ހިދުމަތްތައް ވެސް ގާއިމްކޮށްފަ އެވެ.

ބަންކަރިން ހިދުމަތް ރާއްޖޭގައި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 300-400 އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސޯދަށް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.