ޑްރަގް ބޮޑުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު ބަދަލު ކުރަނީ

މިހާރު އޮތްގޮތުން ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު، ގާނޫނަށް ގެންނަން ސަރުކާރަށް އެއްވެސް ހުރަހެއް ނެތެވެ. ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ މަޖިލީހުގައި އެބަ އޮތެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެއަށް ވެސް އޮތް އެންމެ ބޮޑު މައްސަލަ އެވެ. މުޅި ދުނިޔޭގައި ވެސް އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަތަކެއްގެ އަސްލަކީ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފެތުރިފައި ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށެވެ. އެކަން ހައްލު ކުރުމަށް ސީރިއަސް / މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިހާރު ވަނީ މަަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެ މިނިސްޓްރީން އެކުލަވާލި ޑްރާފްޓްގައި 500 ގްރާމަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރި ކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނު ބަދަލު ކުރަން ހިމަނާފައިވެ އެވެ. އެ ޑްރާފްޓް ވަރަށް އަވަހަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ އެވެ. އަދި އެ އޮފީހުން ގާނޫނު އެކުލަވާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާނެ އެވެ.

މިހާރު އޮތްގޮތުން ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު، ގާނޫނަށް ގެންނަން ސަރުކާރަށް އެއްވެސް ހުރަހެއް ނެތެވެ. ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ މަޖިލީހުގައި އެބަ އޮތެވެ.

ގާނޫނުތައް މިހާރު އޮތްގޮތުން މަސްތުވާތަކެތީގެ ކިތަންމެ ބޮޑެތި މައްސަލަތަކުގައި ވެސް މަރުގެ އަދަބެއް ކަނޑައެއް ނޭޅެ އެވެ. މަސްތުވާތަކެތި ވިއްކާ ބޮޑުން ދޫވެފައި ތިބޭ ކަމުގެ ޝަކުވާ އަކީ ރައްޔިތުންގެ ބޮޑު ޝަކުވާ އެކެވެ. ގާނޫނު ހިންގަނީ އޭގެ ވަބާގައި ޖެހި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެކަނި ކަމަށް އާންމުން ދެކެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން؛ ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިހާރުވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަ ތިއްބެވެ. ތިން މީހަކު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ވަނީ ހުކުމް ކޮށްފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެއީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރެވެ. މިހާރު މި އޮތީ އެ ޕާޓީ ބައިވެރިވާ ދެވަނަ ސަރުކާރެއް އުފެދިފައެވެ.

ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެރިކަމުގައި ހުންނަވާ ކިތަންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ވެސް ހެއްދެވި އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެކަން ކުރެވިފައެއް ނުވެއެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ. އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ފަސް އަހަރުގެ ދައުރުގައި ކޮށްފައެއް ނުވެ އެވެ. 

މި ސަރުކާރުގެ ވިސްނުން؛ މަރުގެ އަދަބު އުވައިނުލެވޭނެ

ރާއްޖޭގެ ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތް ގޮތުން މަަރުގެ އަދަބު ރާއްޖޭގެ ގާނޫނީ ނިޒާމުން އުވައިނުލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި މަދަނީ އަދި ސިޔާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ރިޕޯޓު އދ އަށް އިއްވުމަށް ޖެނީވާގައި އޮތް ސެޝަނުގައި ރިވީއު ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެފައި ވަނީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅަނީ ދިވެހި ޖިނާއީ ގާނޫނުގައި ބަޔާންކުރާ އެންމެ ބޮޑެތި ކުށްތަކަށް އެކަނި ކަމަށެވެ. 

ގާނޫނުގައި މަރުގެ އަދަބު ދިނުމަށް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެގެން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، އެމީހާގެ މައްޗަށް އުފުލި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރުއީ ކޯޓެއްގަައި ސާބިތުކުރެވުމުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގެ ބިންގަލަކީ އިސްލާމްދީން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މަަރުގެ އަދަބު ކަނޑައަޅާފައިވަނީ ވަރަށް މަދު ކުށްތަކަކަށްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެ ގާނޫނުތަކަށް ރައްޔިތުން ރުހުން އޮތްކަމަށާއި، އެ އަދަބު އުވައިލުމަކީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށެވެ.

މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދޭން ކަނޑައަޅަން ކުރާ މަސައްކަތާއި ދެކޮޅަށް ޔޫރަޕް ތެދުވާނެ އެވެ. ޔޫރަޕުން ދަނީ އެފަދަ ނިންމުންތައް ނިންމާ ގައުމުތަކާއި ދެކޮޅަށް ތެދުވެ ތަފާތު ބަހަނާތައް ނެރެ އެކަންކަން ހުއްޓުވަން މަަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މީހުންގެ ގައުމުތަކުގައި އެ މީހުން ބޭނުން ކުށަކަށް މަރުގެ އަދަބު ދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.