ބޮޑު ދަރަނި ދައްކާނެ ގޮތް އެކުލަވާލައި އެގޮތް ކިޔައިދީފި

ސަރުކާރުން ވަނީ އެސްޑީއެފް 2026 އަންނަން ވާއިރަށް 250 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް ބުނެފަ އެވެ. މި ފަންޑުންވެސް ބައެއް ބޮޑު ލޯނު ދައްކަން ނަގާނެ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް މައުލޫމަތު ހިއްސާ ކުރަނީ -- މަޖިލިސް

ދަރަނި ދެއްކިނަމަވެސް އެސްޑީއެފުގައި ސޭވް ހުންނާނެ

ރާއްޖޭން 2026 ވަނަ އަހަރު ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކާނެ ގޮތް އެކުލަވާލައި، އެ ދަރަނި ދައްކާނެ ގޮތް ރައްޔިތުން މަޖިލީހަށް ހިއްސާކޮށްފި އެވެ. 

ރާއްޖޭގެ ތާރީހުގައި އެއްފަހަރާ ދައްކާ ދަރަނީގެ އެންމެ ބޮޑު އަދަދުގެ ގޮތުގައި 2026 ވަނަ އަހަރު ސީދާ ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދަރަނި ސާވިސް ކުރުމުގެ ހަރަދާއެކު ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. 

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި ދަރަނީގެ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ބޮޑު ދަރަނި ދައްކާނެ ގޮތް އެކުލަވާލައި ނިމިފައިވާ ކަމަށާ މެދުރަސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ހިމަނައި އެކަން ހާސިލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ދަަރަނި ދައްކައި އެސްޑީއެފްގައި ބާކީ ހުންނާނެ

މިގޮތުން އެ ބަޔާނުގައިވާ ގޮތުން މި ދަރަނި ދައްކާނީ މިހާރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް ޖަމާ ކުރަމުންދާ ގޮތަށް ޖަމާކޮށް އެ ފަންޑު 250 މިލިއަން ޑޮލަރަށަށްވުރެ ބޮޑުކޮށް، އެ ފަންޑުން ނަގާ 200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރު ރީފައިނޭންސްކޮށްގެންނެވެ. "މިރާ" އަށް އެނގިފައިވަ ގޮތުގައި މިހާރު ޓޫރިޒަމްގެ ބައެއް ފީތަކަށް ގެންނަ ބަދަލާއެކު އެސްޑީއެފް ފަންޑު އިތުރުކޮށް ބޮޑު ލޯނު ދެއްކިނަމަވެސް އެ ފަންޑުގައި އިތުރު ފައިސާ ހުންނާނެ އެވެ. 

ރާއްޖެއަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން ދޭ

ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވާ މި މައުލޫމާތުތަކާ ބެހޭ ގޮތުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ދަރަނި ދައްކާނެ ގޮތް އޮތުމުން ޔަގީން ވެގެންދަނީ ރާއްޖެ ބަނގުރޫޓު ވެގެންނުދާނެ ކަމަށެވެ. 

އާއްމުންނަށް އަސަރުކުރާ ޓެކުހެއް ބޮޑެއް ނުކުރާނެ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި މި ދަރަނި ދައްކަން ރައްޔިތުންނަށް އަސަރު ކުރާނެ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ އެވެ. އެކަމަކު ބައެއް ފީތަކަށް ބަދަލު ގެންދާނެ ކަމަށާ އެ ފީތަކަށް ބަދަލު ގެންނަނީ ދަަރަނި ދައްކަން ޖެހެނީ ޑޮލަރުން ދައްކަން ޖެހޭތީ އެވެ. 

"ފީތަކަކަށް ބަދަލު ގެންނަނީ އެސްޑީއެފް އަށް އިތުރު ކުރަން. އެ އަމާޒަށް ދާން. މިއީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް. ދައުލަތުން ފިއުލް އަށް ވެސް ބޮޑު އެއްޗެއް ހޭދަކުރަން ޖެހޭ. އެވްރެޖުކޮށް ހަފުތާއަކު 150 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ. ފިއުލް ބިލް ދައްކަނީ ޑޮލަރުން ހަދަން ޖެހޭ ޕޭމަންޓެއް. މީގެ އިތުރުން ބޭރަށް ދައްކަން ޖެހޭ ބިލަށް ދައްކަން ޖެހޭ ބޭރު ފައިސާ ގިނަ،" ޝަފީގު ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. މިގޮތުން މި އިސްލާހުތަކާއެކު މިހާރު 124 ޕަސެންޓުގައި ހުރި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު 2028 ވަނަ އަހަރު އަންނަންވާއިރަށް 85 ޕަސެންޓަށް ތިރިކުރަން ވަނީ ނިންމާފަ އެވެ. އަދި އެ އަހަރު ރާއްޖޭން ހުށަހަޅާނީ 100 ޕަސެންޓް އަރަނި ބަޖެޓެއް ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.