މިނިސްޓަރު ވިދާޅުވީ އިސްލާހުތަކަކީ މުހިއްމުކަމަކަށްވާއިރު އެކަން ކުރާނެ ގޮތެއް ކުރިން ރޭވިފައި ނެތް ކަމަށެވެ. އަދި އެ އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ހަދަންޖެހޭ ދިރާސާތައްވެސް ހަދާފައި ނެތް ކަމަށެވެ.
މި އަހަރުގެ މެދު ތެރޭގައި މާލީ އިސްލާހުތައް ތަންފީޒުކުރަން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ އިސްލާހުތައް ގެނައުމަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނެތްކަމުގައި ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަަފީގު ވިދާޅުވެއްޖެ އެވެ.
ޑރ.ޝަފީގު މިފަދައިން ވިދާޅުވީ ދައުލަތުގެ ހަރަދާއި އާމްދަނީގެ މެދުރާސްތާ ސްޓްރެޓެޖީއާއި ދަރަންޏާ ގުޅޭ ސްޓްރެޓެޖީއާ ބެހޭ ގޮތުން ރައްޔިތުންގެ މަަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ. ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު ހަރަދުތައްވެސް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ދަރަނި އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޝަފީގު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމާއެކު ކުރިއަށް އޮތް ދެ އަހަރު އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
އެ އިސްލާހުތައް ތަންފީޒުނުކުރެވިއްޖެނަމަ މި އަހަރު ފާސްކުރި 49.9 ބިލިއަން ރުފިޔާގެ ބަޖެޓު އަހަރު ނިމޭއިރު 57.3 ބިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި އެފަދައިން އިސްލާހުތައް ތަންފީޒުނުކޮށްފިނަމަ ބަޖެޓުގެ ޑެފިސިޓުވެސް އިންތިހާއަށް ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާހުތައް ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އިސްލާހުތަކަކީ މި އަހަރުގެ މެދުތެރޭގައި ތަންފީޒުކުރަން ބަޖެޓުގައި ހިމަނާފައިވާ އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް އެ އިސްލާހުތައް ތަންފީޒުކުރަން ފެށުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަަށާއި، އިސްލާހުތައް ގެންނަންޖެހޭނީ ރޭވުންތެރިކަމާައި ވިސްނުންތެރިކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މި އަހަރުގެ ބަޖެޓު، 2024 ގެ ބަަޖެޓުގައިވަނީ އަހަރުގެ މެދުތެރޭގައި މި ރިފޯމް ގެންނަންޖެހޭ ގޮތަށް. އެކަމަކު މިރިފޯމް ގެނައުމުގައި އެކުލަވާލަންޖެހޭ ސިޔާސަތުތައް، ކުރަންޖެހޭ ކަންކަން ވަރަަށް ގިނަ. އަދި އެކަންކަމަކީ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރުން މުހިއްމު ކަމެއް،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާހުތަކަކީ މުހިއްމުކަމަކަށްވާއިރު އެކަން ކުރާނެ ގޮތެއް ކުރިން ރޭވިފައި ނެތް ކަމަށެވެ. އަދި އެ އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ހަދަންޖެހޭ ދިރާސާތައްވެސް ހަދާފައި ނެތް ކަމަށެވެ. މިހާރު އެ މަސައްކަތްތައް ނިންމަައި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.