"ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގައި ކުޅިވަރުގެ މަޝްރޫއުތައް ހިންގާނެ، ގޮންޖެހުން ބޮޑު"

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރާނީ ކޮންމެ ރަށެއްގައިވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫއުތަކަށް އިސްކަންދީގެން ފުރަތަމަ އެ މަޝްރޫއުތައް ނިންމުމަށްފަހު ދެން ހުރި މަޝްރޫއުތައް ކުރިއަށްގެންދާ ގޮތަށެވެ.

ސްޕޯޓްސް މިނިސްޓަރު ޑރ.އަބްދުﷲ ރާފިއު، ފޮޓޯ: މިހާރު

ތަފާތުކުރުމެއް ނެތި ހުރިހާ ރަށެއްގައި އަދި ހުރިހާ ސަރަހައްދެއްގައިވެސް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށްފަހު އިތުރު ސުވާލުގެ ވަގުތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އަމީން ފައިސަލު ސުވާލުކުރެއްވީ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އޭނާގެ ދާއިރާގެ މަޝްރޫއުތަކާ ގުޅޭ ގޮތުންނެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް މި އަހަރު ފެށޭނެތޯ ސުވާލު ކުރެއްވުމާއެކު އަމީން ފައިސަލު ވިދާޅުވީ މިނިސްޓަރުންނަށް އޭނާ ފޮނުއްވި މެސެޖަކަށް ޖަވާބުދެއްވި ހަމައެކަނި މިނިސްޓަރީ ރާފިއު ކަމަށެވެ. 

"ވަޒީރަކީ އަޅުގަނޑު ވަރަަށް ގިނަ ވަޒީރުންނަށް ފޮނުވި މެސެޖުގެ ތެރެއިން ހަމައެކަނި ޖަވާބެއް ދެއްވި ވަޒީރު. އުންމީދުކުރަން ތަފާތުކުރުމެއް ނެތި ތިގޮތުގައި ދެމިހުންނަވާނެ ކަމުގައި،" އަމީން ވިދާޅުވި އެވެ. 

އަމީން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުޅިވަރަކީ މީހުން އެއްބައިވަންތަަ ކުރުވާ ކަމެއް ކަމަށެވެ. އަދި ކުޅިވަރުގައި ހިތްހަމަނުޖެހުމާއި ތަޅާފޮޅުންތަކެއް ނޯންނާނެ ކަމަށާއި، މިނިސްޓްރީން އަމަލުކުރަމުންދާނީވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށެވެ. 

"އެހެންވީމާ ކުޅިވަރުގެ ރޫހާ އެއްގޮތަށް އަޅުގަނޑުމެން އަމަލުކުރަމުންދާނީވެސް. އެހެންވީމާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ވަކި ރަށެއް، ވަކި ރީޖަންއެއް ތަފާތުކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫއުތައް އަޅުގަނޑުމެން ކުރިއަށްގެންދާނެ،" ރާފިއު ވިދާޅުވި އެވެ. 

ނަމަވެސް އެފަދައިން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުމަކީ ކުރީ ސަރުކާރުން މިނިސްޓްރީގެ ދެ އަހަރުގެ ބަޖެޓަށްވުރެ ގިނަ ފައިސާ ހޭދަވާ މަޝްރޫއުތައް ހިންގުމަށް އެއްބަސްވުން ހަދައި މަސައްކަތް ހަވާލުކޮށްފައި އޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރާނީ ކޮންމެ ރަށެއްގައިވެސް އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫއުތަކަށް އިސްކަންދީގެން ފުރަތަމަ އެ މަޝްރޫއުތައް ނިންމުމަށްފަހު ދެން ހުރި މަޝްރޫއުތައް ކުރިއަށްގެންދާ ގޮތަށެވެ. 

ކުޅިވަރުގެ މަޝްރޫއުތަކަށް ބަޖެޓު ނެތުން ކުޅިވަރުގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކުރި ނަމަވެސް އެއިން ގިނަ މަސައްކަތްތަކަށް ބަޖެޓުކޮށްފައިވާ ފައިސާއަކީ އެ މަޝްރޫއު އެކީ ނިންމައިލުމަށް އެކަށީގެންވާ އަދަދަކަށްނުވާކަން މިނިސްޓަރު ކުރިން ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ގިނަ ފަހަރަށް ފައިސާ ހަމަޖެހިފައި ހުންނަނީ މަޝްރޫއު ފެށުމަށް ބޭނުންވާ އެޑްވާންސް ފައިސާވެސް ދޫކުރެވޭ މިންވަރަށް ނޫންކަން އޭނާ ފާހަގަކުރައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.