ލިސްޓު އާންމު ކުރުމުން ތިން ހަފުތާއިން 182 މިލިއަން ދައްކައިފި

ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް އެ ލިސްޓުން ވަނީ ހާމަވެފަ އެވެ. އޭގެ ތެރެއިން 182.9 މިލިއަން ރުފިޔާ މިހާރު ވަނީ ދައުލަތަށް ލިބިފަ އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓު އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ހޯމްލޭންޑު މިނިސްޓްރީން ބުނެފި އެވެ.

އެ ލިސްޓު އާންމު ކޮށްފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމަކާ ގުޅިގެންނެވެ. އެ ނިންމުން ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެއްކޮށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ލިސްޓު އެކުލަވައިލުމުގެ އިތުރަށް އެ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ. އަދި އެކަން ތަކުރާރުކުރާނަމަ ޖޫރިމަނާކުރުމުގެ އިތުރަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވެ އެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިންޓް ފީ ނުދައްކާ މީހުންގެ ލިސްޓު އާންމު ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް އެ ލިސްޓުން ވަނީ ހާމަވެފަ އެވެ. އޭގެ ތެރެއިން 182.9 މިލިއަން ރުފިޔާ މިހާރު ވަނީ ދައުލަތަށް ލިބިފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އޮޑިޓުކޮށް އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެމީހުންގެ 10 އިނގިލީގެ ނިޝާނުތަކާއި ފޭޝަލް ރިކޮގްނިޝަންއަށް ބޭނުންވާ ބައޮމެޓްރިކް ޑާޓާ އެއްކޮށް ބިދޭސީން ދެނެގަތުމަށް ނިންމަވާފައިވެ އެވެ. މިހާރުވެސް ކުރަނގި އޮޕަރޭޝަނުގެ ނަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މި މަސައްކަތްވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.