އޭޑީކޭގެ ކުލި ކުޑަނޫންކަމަށް ނާޝިދު ވިދާޅުވުމުން ސަލީމުގެ ރައްދު

ސަަލީމު ވިދާޅުވީ އޭޑީކޭގެ ކުލީގެ ވާހަކަ ވިދާޅުވާއިރު އޭޑީކޭއިން އަކަަފޫޓަކަށް 11 ރުފިޔާގެ ކުއްޔެއް ދައްކާއިރު، މާލޭގެ ހުރިހާ ސަރަހައްދެއްގައި ހެން ކުލި އުޅެނީ އަކަފޫޓަކަށް 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގަ ކަމަށެވެ.

އޭޑީކޭ ނާޝިދާއި ރެޑްވޭވް ސަލީމު

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުކަމަށްވާ އޭޑީކޭ ހޮސްޕިޓަލުގެ ބިމު ކުލި ކުޑަނޫންކަމަށް އޭޑީކޭ ކުންފުނީގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވުމުން އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް) ރައްދު ދެއްވައިފި އެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭޑީކޭ ކުންފުންޏަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކާއި އާސަންދައިން އެ ކުންފުންޏަށް ދައްކަަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލައާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވަމުން ނާޝިދުވަނީ އެ ކުންފުންޏަށް ކުރެވޭ ބައެއް ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ. 

އޭޑީކޭއަށް ހޮސްޕިޓާ ހިންގަން 60 އަކަފޫޓާ ގާތްކުރާ މިންވަރުގެ ބޮޑު ބިމެއް މާލޭގެ އެންމެ ބިން އަގު ބޮޑު ސަަރަހައްދުން ކުއްޔަށް ދޫކޮށްފައިވަނީ ވަރަށް ހެޔޮ އަގެއްގައި ކަމަށް އާންމުން އަބަދުވެސް އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި އެހާ ހެޔޮ އަގެއްގައި ބިން ދޫކޮށްފައި އޮންނައިރުވެސް އޭޑީކޭއިން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަ އެވެ. 

އެކަމަށް ރައްދުދެއްވަމުން ނާޝިދު ވިދާޅުވީ އޭނާއަށް ބިން ދޫކޮށްފައި އޮތީ އަގުހެޔޮކޮށް ނޫން ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް އޭޑީކޭއިން ކުލީގެ ގޮތުގައި 8.2 މިލިއަން ރުފިޔާ ދައުލަތަށް ދައްކާކަމަށް ނާޝިދު ވިދާޅުވި އެވެ. އެއީ އަހަރެއްގެ މައްޗަށް އަކަމީޓަރަކަށް 92 ޑޮލަރު ކަމަށާއި ރާއްޖޭގެ ރިސޯޓުތަކުންވެސް އާންމުކޮށް އަހަރަކު އަކަމީޓަރަކަށް ކުލީގެ ގޮތުގައި ދައްކަނީ އަށް ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 1،100 އިންސައްތަ ބޮޑު އަދަދެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

"އޭޑީކޭގެ ބިން އަޅުގަނޑަށް ދީފައި އޮތީ އަގުހެޔޮކޮށެއް ނޫނޭ. އޭޑީކޭ ހޮސްޕިޓަލުން އަހަރަކު އެބަދައްކަމޭ ރެންޓުގެ ގޮތުގައި 8.2 މިލިއަން ރުފިޔާ. އެއީ ސުކެއާ މީޓަރަކަށް އަހަރަކު 92 ޑޮލަރު އަހަރަކު. އެއީ ޓޫރިޒަމް ސެކްޓަރާ އަޅާބަލައިފިނަމަ މިދައްކަނީ 8 ޑޮލަރު ސްކުއާ މީޓަރަކަށް،" ނާޝިދު ވިދާޅުވި އެވެ. 

ނާޝިދު އިތުރަށް ވިދާޅުވީ ހޮސްޕިޓަލެއް އެޅުމަށް 2014 ވަނަ އަހަރު 117،000 އަކަފޫޓުގެ ބިމެއް 54 މިލިއަން ރުފިޔާއަށް ވިއްކާފައިވާ ކަމަށެވެ. އެ ބިން ވިއްކައިލި އަގު ކޮންމެ ހަތަރު އަހަރަކުން އޭޑީކޭއިން ދައުލަތަށް ދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ނާޝިދުގެ ވާހަކަފުޅާ ގުޅިގެން ސަަލީމު ވިދާޅުވީ އޭޑީކޭގެ ކުލީގެ ވާހަކަ ވިދާޅުވާއިރު އޭޑީކޭއިން އަކަަފޫޓަކަށް 11 ރުފިޔާގެ ކުއްޔެއް ދައްކާއިރު، މާލޭގެ ހުރިހާ ސަރަހައްދެއްގައި ހެން ކުލި އުޅެނީ އަކަފޫޓަކަށް 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ ރޭޓެއްގައި ކަމަށެވެ. 

"މިހާރު މާލޭގައި އެވެރެޖުކޮށް ކޮންމެ ސަރަހައްދަކުންވެސް އުޅެނީ 40 ރުފިޔާ 50 ރުފިޔާ 60 ރުފިޔާއަށް [އަކަފޫޓެއް]. އޭޑީކޭއަށް ބިން ކުއްޔަށް ދީފައިވަރު ޖެހެނީ ގާތްގަނޑަކަށް ދިހަ ރުފިޔާ ނުވަތަ 11 ރުފިޔާ. އެހެންވީމާ ކުއްޔަކީ ބޮޑު ކުއްޔެއް ނޫންކަމަށް މިދަންނަވަނީ،" ސަލީމު ވިދާޅުވި އެވެ. 

މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި އޭޑީކޭއިން ދައްކަނީ ގާތްގަނޑަކަށް 700،000 އެއްހައި ރުފިޔާކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ އޭނާގެ ރެޑްވޭވް ކުންފުނިން ހުޅުމާލޭގައި ވިޔަފާރިކުރުމަށް ނަގާފައިވާ 23،000 އަކަފޫޓުގެ ބިމަކަށް ކޮންމެ މަހަކު 900،000 ރުފިޔާގެ ކުއްޔެއް ދައްކަވާ ކަމަށެވެ. އޭޑީކޭގެ ބިމަކީ 60،000 އެއްހައި އަކަފޫޓުގެ ބޮޑު ބިމެއްކަން ސަލީމު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު ހުޅުމާލެއިން ހިފާފައި ހުންނަ 23،000 އަކަފޫޓަށް އެބަދައްކަން 900،000 ރުފިޔާ މަހަކު. 23،000 އަކަފޫޓަށް 900،000 [ދައްކަން] ތިއީ ގާތްގަނޑަކަށް 60،000 އަކަފޫޓު،" ނާޝިދަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދުން ދޫކޮށްފައިވާ ބިމުގެ ކުއްޔާއި ހުޅުމާލެއިން އޭނާ ކުއްޔަށް ނަންގަވާފައިވާ ބިމުގެ ކުލި އަޅައިކިޔައިދެއްވަމުން ސަލީމު ވިދާޅުވި އެވެ. 

މާލޭގެ ކުލި ފާއިތުވި މުއްދަތުގައި ކުޑަނުވާކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ ބޯޅަ ދަނޑުގެ ތިރިން 600 އަކަފޫޓުގެ ކުދި ތަަންތަން 100،000 އަށްވުރެ ބޮޑު ކުއްޔަށް ހިފާފައި ހުންނަ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.