ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ލަފާ ދެނީ

ގާނޫނު އޮތް ގޮތުން، މަޖިލީހަކަށް އެ އިދާރާގެ މެންބަރުން ވަކިކުރުމުގެ ބާރެއް ނެތެވެ. އެހެންކަމުން ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހަތަރު މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ތިއްބަވާ މެންބަރުން: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދޭން ވަނީ ފާސްކޮށްފައި --

ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޓަރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދެވެ. ސާޖިދު ކޮމެޓީއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޮމެޓީން ވަނީ މެންބަރުން ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އޭގެ ފަހުން ކޮމެޓީ މެންބަރުން ވަނީ ޓްރައިބިއުނަލްއަށް ގޮސް އެތަނުގެ ހާލަތު ވެސް ބަލާފަ އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީގައި ހަތަރު މެންބަރަކު ވަކިކުރަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އޭނާ ވިދާޅުވީ އެ އިދާރާއިން ފާހަގަކުރެވުނު މައްސަލަތަކަށް ބަލާއިރު، މައްސަލަ ނިންމަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ވަކިކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ މިތަނަށް ހުށަހެޅި މީހާ [ސާޖިދު] ވަކިކޮށްގެން ނުވާނެ މީގަ ހުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު ވެސް. އެހެން އަޅުގަނޑު މި ދަންނަވަނީ އެކަން އެގޮތަށް ކޮށްފިއްޔާ އޭނާ އަމިއްލައަށް ހެޔޮ ނިޔަތުގަ މައްސަލަ ހުށަހަޅާ މީހާ ދަންތުރައިގަ ޖެހޭގޮތް ވާނީ،" މެންބަރު ވިދާޅުވި އެވެ.

ގާނޫނު އޮތް ގޮތުން، މަޖިލީހަކަށް އެ އިދާރާގެ މެންބަރުން ވަކިކުރުމުގެ ބާރެއް ނެތެވެ. އެހެންކަމުން ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހަތަރު މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދިނުމަށެވެ. ވަކިކުރަން ނިންމި ހަތަރު މެންބަރުންނަކީ؛

  • މުހައްމަދު މުނައްވަރު އަލީ - ރައީސް
  • ހުސެއިން ޒައިދާން - ނައިބް ރައީސް
  • ހަދީޖާ ނައީމް - މެންބަރު
  • އަހުމަދު އަޝްރަފު - މެންބަރު

ކޮމެޓީން ބެލި މައްސަލައިގައި ދެން ނިންމާފައި ވަނީ އެ މީހުން ނުހައްގު މުއްސަނދިކަން ހޯދައި ހިންގި ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށާއި، މައްސަލަތައް ބަލާ ބެންޗު ވަކި ތަރުތީބަކުން އެކުލަވާލުމަށް އެތަނުގެ ގަވާއިދު އިސްލާހު ކުރުމަށް އެންގުމަށެވެ. އެގޮތަށް އަންގަން ނިންމާފައި ވަނީ، މިހާރު ގަވާއިދު އޮތް ގޮތުން މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދުގެ ކުޑަ ބޮޑުމިނަށް ބަލައި ޓްރައިބިއުނަލްގެ ރައީސަށް ބޭނުން ގޮތަކަށް ބެންޗު އެތުރުމުގެ ބާރު އޮތުމުން އެއީ އިންސާފުވެރި ގޮތަކަށް ނުވާތީ އެވެ.

ތިންވަނަ ކަމަކަށް ފާސްކޮށްފައި ވަނީ، އެތަން ހިންގާ އިމާރާތަކީ ކުރަން ޖެހޭ މަސައްކަތަށް ވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތުން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަމަށް ހައްލު ގެނައުމަށް އެ އިދާރާއަށް އެންގުމަށެވެ.

ޓެކްސްއާ ގުޅޭ އެކި މައްސަލަތައް ބަލާ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުން އައްޔަނު ކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.