މީރާގެ ލަދުގަންވާ ލިސްޓުގައި ޖީއެމްއާރާއެކު 394 ނަން

މީރާއިން މިފަހަރު އާކޮށްފައި ނެރުނު ލަދުގަންނަވާ ލިސްޓުގައި ހިމެނެނީ ފައިސާ ނުދައްކާ 138 ފަރާތާއި ޓެކްސް ބަޔާން ނުށަނާޅާ 256 ފަރާތެވެ. ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ ވިޔަފާރިތަކެއްގެ ނަން ހިމެނެ އެވެ.

އިންޑިއާގެ ޖީއެމްއާރު ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށަން ތައްޔާރުވެ އެ ކުންފުނީގެ އިސްވެރިންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ޓީއެމްޖީ ފޮޓޯއެއް

ދިވެހި ދައުލަތަށް ދައްކަން ޖެހޭ، ޓެކްސް ނުދައްކާތީ "ނޭމް އެންޑް ޝޭމް" ލިސްޓް / ލަދުގަންނަވާ ލިސްޓެއްގައި ހިމަނައި ނަން ހާމަ ކުރަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާއްމުކުރި ލިސްޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުވި، އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު، 394 ނަމެއް އާއްމު ކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން އެކުލަވާލައިލި "ނޭމް އެންޑް ޝޭމް" ނުވަތަ ނަން ހާމަކޮށްގެން ލަދު ގަންނަވާ ލިސްޓު މިއަދު އާއްމު ކޮށްފައިވާއިރު އެ ލިސްޓުގައި ޓެކްސް ނުދައްކާ މީހުންގެ އިތުރުން ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތައް ވެސް ހިމެނެ އެވެ. މި ޓެކުހުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓީޖީއެސްޓީ އާއި ވިތު ހޯލްޑިންގް ޓެކްސް އެވެ. މިފަހަރުގެ ލިސްޓުގައި ހިމެނެނީ މިދިޔަ އަހަރުގެ ނިޔަލަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ތަކެވެ.

މީރާއިން މިއަދު ލިސްޓު ހާމަ ކުރިއިރު ރާއްޖޭގެ މަޝްހޫރު ބައެއް ބޮޑެތި ވިޔަފާރީގެ ނަންތައް ވެސް ހިމެނެ އެވެ. އޭގެތޭގައި އެކި ސިނާއަތްތަކުގައި ގިނަ އަދަދަކަށް ވިޔަފާރި ކުރާ ފަރާތްތައް ވެސް ހިމެނެ އެވެ. ޓެކްސް ނުދައްކާ ލިސްޓް ހެދި އިރު 138 ފަރާތެއްގެ ނަން މީރާގެ ލަދުގަންވާލާ ލިސްޓަށް ލާފައި ވެއެވެ.

ޓެކްސް ނުދައްކާ ބަޔާން ހުށަނާޅާ މަޝްހޫރު ނަންތައް

  •  ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި
  •  ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީގެ ހިއްސާ އޮންނަ ރޮމްބަސް ކުންފުނި
  •  މަޝްހޫރު ވިޔަފާރި ވެރިޔާ އަތަމާ އަބްދުއްލަތީފުގެ އާއިލީ ވިޔަފާރި، އަތަމާ މެރިން
  •  ޖައުސާ އިންވެސްޓްމަންޓް
  •  ލިޓަސް އޮޓޯމޮބައިލްސް
  •  މަޝްހޫރު ބްލޫބޭ ހިންގި، ބްލޫބޭ ކުންފުނި
  •  ބިޒްނަސް އިމޭޖު ގްރޫޕް (ބިގް)
  •  ގޯލްޑަން ގޭޓް ޕްރައިވެޓް ލިމިޓެޑް
  •  ޕުލްމޭރިއާ ރިސޯޓްސް
  •  ޕޮއިސް ޑިސްރިބިއުޓާސް
  •  ރެއިންބޯގެ، ރެއިން ލޭންޑް ކުންފުނި
  •  އައިލޭންޑް ވޮޔޮޖަސް މޯލްޑިވްސް
  •  ލޯމާ ރިސޯޓްސް މާމިގިލި

މީރާގެ ސްޕޯކްޕާސަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ މި ލިސްޓުގައި ހިމެނޭ ނަންތަކަކީ ހަމައެކަނި މިދިޔަ އަހަރު މި ޓެކްސް އާއި ބަޔާން ހުށަނާޅާ މީހުން ނޫން ކަމަށާ، މިއި މިދިޔަ އަހަރާ ހަމައަށް ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތައް ކަމަށާ، ނަން ހާމަ ކުރުމަށް ފަހު ޕޮލިސީއާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

"ލިސްޓު ނެރުމަށް ފަހު 15 ދުވަހު އާއްމު ކުރާނެ. ޕޮލިސީ އިންނަ ގޮތުން ފުރަތަމަ ވެބްސައިޓުގައި އާއްމު ކުރާނީ. އޭގެފަހުން 15 ދުވަހު ބަލާނެ. އަދި ފައިލްކޮށް ޓެކްސް ދައްކާ ފަރާތްތަކުގެ ނަން އުނިކޮށް ބާކީހުރި ނަންތައް ގެޒެޓުގައި އާއްމު ކުރާނެ. އޭގެ ފަހުން އެންފޯސްމަންޓް ޕޮލިސީގެ
ދަށުން އަމަލު ކުރާން ފަށާނެ،" ޝަރީފު ވިދާޅުވި އެވެ."އެންފޯސްމަންޓް ޕޮލިސީގައި ހިމެނޭނެ އެކައުންޓް ފްރީޒް ކުރުމާއި ކޯޓު މަރުހަލާ ވެސް."

ނޭމް އެންޑް ޝޭމް ލިސްޓެއް މީރާއިން އާއްމު ކުރިއިރު ކުރިން ނެރުނު މިފަދަ ޓެކްސް ނުދައްކާ ލިސްޓުގައި ހުރި ބައެއް ފަރާތްތައް މި ލިސްޓުގައި ނެތެވެ. މީގެ މައިގަނޑު ސަބަބަކީ އެފަހަރު މީރާއިން އާއްމުކުރި ލިސްޓުގައި ހުރީ "ނޮން ޓެކްސް" ކެޓަގަރީގައި ހިމެނޭ އެކަމަކު ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ފަރާތްތަކަށްވުމެވެ. އެ ފަހަރު ލިސްޓުގައި ގިނައިން ހިމެނެނީ ޓޫރިޒަމް ލޭންޑް ރެންޓް އާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކެވެ.

މީރާ އިން އެފަހަރު ނެރުނު "ނޭމް އެންޑް ޝޭމް" ނުވަތަ ނަން ހާމަކޮށް ލަދުގަންވާލުމުގެ އުސޫލުގެ ދަށުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކާ ތިބި ފަރާތްތަކުގެ ނަން މި މަހު ހާމަ ކުރަން ފަށާނެ ކަމަށެވެ.

މީރާ އިން ވަނީ މި އުސޫލުގެ ދަށުން މެއި މަހު ބިމު ކުލި ނުދައްކާ 12 ރިސޯޓާއި ހަތަރު ކުންފުންޏެއްގެ ނަން ހާމަ ކޮށްފަ އެވެ. މި ނަންތަކުގައި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓެއް ހިމެނޭއިރު، މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ. ލިސްޓުގައި ގިނައިން ހިމެނެނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ރަށްތަކެވެ.

ކުލި ނުދައްކައިގެން ކުރިން އިއުލާނު ކުރި 12 ރިސޯޓް

  •  އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
  •  ތްރީއޭ ކުންފުނީގެ ފިލިތެޔޮ
  •  ރީކޯ މޫސަގެ ރަހާ ރިސޯޓް
  •  އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
  •  ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
  •  ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
  •  އައްޑޫ ސައުތު ޕާމް މޯލްޑިވްސް
  •  ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
  •  ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
  •  ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
  •  ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު

އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓު ދައްކާ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް އޮތީ ލަދާ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.