މަޖިލިހަށް އޭޑީކޭގެ ޕްރެޒެންޓޭޝަނެއް | އާސަންދައިން 250 މިލިއަން ރުފިޔާ ދައްކަންޖެހޭ

އޭޑީކޭ ނާޝިދު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރާއި މި ސަރުކާރުންވެސް ފައިސާދޭ ވަރަށް ދެމުން ގެންދެ އެވެ. ނަމަވެސް އެ އަދަދާއި އޭޑީކޭގެ ހަރަދުތަކާ ނުބައްދަލު ކަމަށް ނާޝިދު ފާހަގަ ކުރެއްވި އެވެ.

އޭޑީކޭ ކުންފުނީގެ ވެރިޔާ ނާޝިދު ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ

އާސަންދަ ކުންފުނިން އޭޑީކޭ ހޮސްޕިޓަލަށް ދޭން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާ އަށް އަރާ ކަމަށާ، މި ފައިސާ ނުދޭނަމަ ހޮސްޕިޓަލްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ހާލަތަށް ހިނގައިދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ އިން ރައްޔިތުން މަޖިލީހަށް މިއަދު ދިން ޕްރެޒެންޓޭޝަންގައި އޭޑީކޭ ކުންފުނީގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވި ގޮތުގައި އާސަންދައިން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ އަދަދު ޖުލައިގެ ނިޔަލަށް 250 މިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. މި ހަލާތަށް އައިސްފައިވަނީ މިދިޔަ އަހަރުން ފެށިގެން އެ ކުންފުންޏަށް އާސަންދަ އިން ދޭން ޖެހޭ ފައިސާ ނުދެވި ލަސް ވެގެން ދިއުމުން ކަމަށް ނާޝިދު ވިދާޅުވި އެވެ.

ބައެއް ހިދުމަތްތައް އޮތީ ހުއްޓުމާ ހިސާބުގަ

ނާޝިދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން އެކި ތާރީހުތަކުގައި އެ ކުންފުނިން ދިޔައީ ސަރުކާރުގައި ފައިސާ ދޭން އެދެމުންނެވެ. މިހާރުގެ ހާލަތުން އޭޑީކޭ ހޮސްޕިޓަލާއި ފާމަސީ އަށް ހާއްސަ ވިޔަފާރިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވި އެ ކުންފުނީގެ އެހެން ވިޔަފާރި ތަކުން ފައިސާ ނަގާ ހިސާބަށް ވަނީ ހާލަތު ގޯސްވެފަ އެވެ.

"އަޅުގަނޑުމެންގެ ރިސޯޓެއް އޮވޭ. މިހާރު އެތަނުން ވެސް ފައިސާ ނަގައިގެން ފައިސާ ދައްކަމުން މިދަނީ. މިހެން ދަނިކޮށް މާ ބޮޑު ގޮންޖެހުން ބޮޑުކަމެއް ދިމާވި އެޗްއެސްބީސީ ހުއްޓާލަން ނިންމުމުން. އެތަނުގައި އޮންނާނެ އަޅުގަނޑުމެންގެ އޯޑީ ފެސިލިޓީއެއް. އެ އޯޑީ ފެސިލިޓީ ކްލިއަކުރަން ޖެހޭ. އެ އޯޑީ ފެސިލިޓީ އަށް 25 މިލިއަން ދޭން ސަރުކާރުގައި އެދުނިން. އަޅުގަނޑުމެން ޓެކްސް ދައްކަން ޖެހޭ. ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާވާނެ،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި މި ވަގުތު އާސަންދަ އިން މަހެއްގެ މައްޗަށް 25 މިލިއަން ރުފިޔާ ދައްކާ ކަމަށާ ނަމަވެސް މަހެއްގެ މައްޗަށް ކުންފުނީގެ ހަރަދުތަކަށް 40 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އޭޑީކޭގެ ދަރަނި މައްސަލައަކީ މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވިނަމަވެސް ސިއްހީ ހިދުމަތެއް ހުއްޓުވުމަކީ މެންބަރުން ކަންބޮޑުވާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު ކޮންސާންއަކަށް ވާނީ ލައިފް ސޭވިން ޑްރަގެއް ނެތިގެން ދިއުން. މިހާރު އެ ހިސާބަށް އެބަ ދޭ. ބައެއް ސަޕްލަޔަރުންނަށް ފައިސާ ނުދެވިގެން އެ އެއްޗިހި ފޯރުކޮށް ނުދެވޭނެ. އެހެންވެ އެ ސިޗުއޭޝަނުން އަރައިގަންނަން ޖެހޭ،" ނާޝިދު ވިދާޅުވި އެވެ.

140 މިލިއަން ދައްކަން ނުޖެހޭ ދުވަހެއް ނާދެ

ނާޝިދު ވިދާޅުވި ގޮތުގައި އަބަދު ވެސް އަހަރެއްގެ މައްޗަށް 140 މިލިއަން ރުފިޔާ އާސަންދަ އިން ދައްކަން ނުޖެހޭ ދުވަސްވަރެއް މި ހިދުމަތް ފެށިފަހުން ނުދާ ކަމަށާ ނަމަވެސް މިހާރުގެ ހާލަތުން ޑިއުވެފައި އޮތް 50 މިލިއަން ރުފިޔާގެ ބިލެއް އެބައޮތެވެ. އަދި މިހާރުގެ ގޮތަށް ފައިސާ ދައްކަމުންދާނަމަ އާސަންދަ އިން ދޭންޖެހޭ ފައިސާގެ އަދަދު 400 މިލިއަން ރުފިޔާ އަށް އަންނަ އަހަރުގެ ނިޔަލަށް އަރާނެ އެވެ.

ކޮމެޓީ ބައްދަލުވުމުގައި ނާޝިދު ވަނީ އާއްމުކޮށް އޭޑީކޭ ހޮސްޕިޓަލަށް އާއްމު ރައްޔިތުން އާއްމުކޮށް ކުރާ ތުހުމަތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ. އެއީ ހޮސްޕިޓަލް ކުޑައެއްގައި ކުއްޔަށް ނަގައިގެން ހިންގަމުން ދިއުމެވެ. ނާޝިދު ވަނީ އެ ކުންފުނިން ބޮޑު ކުއްޔެއް ދައްކާއިރު އަހަރެއްގެ މައްޗަށް ޓެކުހާއި އެކި ފީތަކުގެ  ގޮތުގައި ސަރުކާރަށް 87 މިލިއަން ރުފިޔާ ދައްކާކަން ފާހަގަ ކުރައްވާފަ އެވެ.

"އޭޑީކޭ ހޮސްޕިޓަލުން މަހަކު 1.2 މިލިއަން (އަހަރަކު ސްކެއާ މީޓަރަކަށް 92 ޑޮލަރު) ކުލީގެ ގޮތުގައި ދައްކަން. ޓޫރިޒަމުން އަކަފޫޓެއް ކުއްޔަށް ދެނީ 8 ޑޮލަރު. އެހެންވެ އޭޑީކޭ ހިންގަނީ 1،100 ޕަސެންޓް ބޮޑު ކުއްޔެއްގައި،" ނާޝިދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.