ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި، ހިމާޔަތަށް ބޭނުން ވެފައި

މި ގަބުރުސްތާނުގައި ދައުލަތުގެ އިއްޒަތްތެރީންނާއި އިލްމުވެރީންނާއި ކުޑަބަނޑޭރީންނާއި ތަކުރުފާނުންނާއި ކަލޭފާނުންނާއި ހިދުމަތްތެރި ހަތީބުންނާއި ކަތީބުންނާއި އިޖުތިމާއީ ބޮޑެތި ހިދުމަތްތެރީންނާއި ހިދުމަތްތެރި އާންމު ރައްޔިތުންގެ މަހާނަ ވެ އެވެ.

ތަކަންދޫ ގަބުރުސްތާނު: މިއީ ރާއްޖޭގެ އެންމެ ބޮޑު ގަބުރުސްތާނު --

ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނަކީ ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ގަބުރުސްތާނު ކަމަށް ޒުވާން ތާރީހީ ދިރާސާކުރުންތެރިޔާ އަހްމަދު ސާލިމް ވިދާޅުވެއްޖެ އެވެ.

އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ގަދީމީ އެއް ގަބުރުސްތާނެވެ. ކޯގަންނު ގަބުރުސްތާނު ގައި 1535 މަހާނަ --މަހާނަގާ ހުރި ކަމަށް ރިކޯޑު ކުރެވިފައިވެ އެވެ.

ކޯގަންނު ގަބުރުސްތާނުގެ ބޮޑުކަމާއި ދޮށިކަމާއި ތާރީހީ ގޮތުން އެތަނަށް ލިބިގެންވާ ހާއްސަ އެތައް ސަބަބަކާ ހުރެ އެ ގަބުރުސްތާނަކީ ސަގާފީ ތަރިކައިގެ ގޮތުން ރާއްޖޭގެ އެންމެ މުއްސަނދި އެއް ގަބުރުސްތާނެވެ. އަދި އެއީ ރާއްޖޭގެ ގައުމީ ތަރިކައެއް ވެސް މެ އެވެ. ކޯގަންނު ގަބުރުސްތާނު ވަނީ "ވޯލްޑް މޮނިއުމަންޓް ފަންޑް" ގެ "ވޮޗް ލިސްޓް" ގައި 2022 ވަނަ އަހަރު ހިމެނިފަ އެވެ.

ތަކަންދޫ ގަބުރުސްތާނު: މިއީ ރާއްޖޭގެ އެންމެ ބޮޑު ގަބުރުސްތާނު --

ތަކަންދޫ އަކީ ވެސް ވަރަށް ބޮޑު ބަގުރުސްތާނެއް އޮތް ރަށެކެވެ. ނަމަވެސް މިހާތަނަށް އެ ގަބުރުސްތާނަށް މާބޮޑު ސަމާލު ކަމެއް ދެވިފަ އެއް ނުވެ އެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެތަން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފަ އެއް ނުވެ އެވެ.

ނަމަވެސް އެ ރަށަށްދާ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ތަނަކަށް ގަބުރުސްތާނުވެ އެވެ. އެހާ ބޮޑު ގަބުރުސްތާނެއް އެ ރަށުގައި އޮތް ސަބަބާމެދު ސުވާލުކޮށް އެ ތަނަށް ޒިޔާރަތް ކުރެ އެވެ.

ސާލިމް ވިދާޅުވި ގޮތުގައި އިއްޔެ އޭނާއާ ރަށުގެ ބައެއް އެކުވެރީން ވަނީ އެ ގަބުރުސްތާނަށް ވަދެ ހުރިހާ މަހާނައެއްގެ މަހާނަގާ ގުނާފަ އެވެ. އެ ކަބުރުސްތާނު ގައި 1722 މަހާނަގާ ހުއްޓެވެ. މިއީ 1535 މަހާނަގާ ހުރި ކޯގަންނު ގަބުރުސްތާނަށް ވުރެ 187 މަހާނަ (މަހާނަގާ) އިތުރު އަދަދެކެވެ.

"ހަގީގަތުގައި އެންމެ ބޮޑު ގަބުރުސްތާނަކީ އެންމެ މަހާނަ [މަހާނަގާ] ގިނަ ގަބުރުސްތާން،" ސާލިމް ވިދާޅުވި އެވެ.

ތަކަންދޫ ގަބުރުސްތާނު: މިއީ ރާއްޖޭގެ އެންމެ ބޮޑު ގަބުރުސްތާނު --

ސާލިމް ވިދާޅުވި ގޮތުގައި ކުރިން ހުރި މިހާރު ފެންނާން ނެތް މަހާނަގާތަކާ އެކު 2000 އަށް ވުރެ ގިނަ މަހާނަ ތަކަންދޫ ގަބުރުސްތާނުގައި ވާކަމަށް ލަފާކުރެވެ އެވެ.

"ވީމާ ތިލަދުންމަތީ ތަކަންދޫ ގަބުރުސްތާނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު. އަދި މި ގަބުރުސްތާނަކީ ދުނިޔޭގައި އޮތް ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު ކަމަށް ފެނެ،"

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފުތަރުގައި ވެސް ނުހިމެނޭ ތަކަންދޫ ގަބުރުސްތާނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ މި ރާއްޖޭގެ އަގުހުރި އާސާރު ކަމުގައި ވެސް ވިދާޅުވި އެވެ. އަދި އެއީ ސަގާފީ ތަރިކައެއް ކަމާއި ގައުމީ ތަރިކައެއް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މިތަނުގައި މިހާރު ފެންނާން ހުރި އެންމެ ދުވަސްވީ މަހާނައަށް 327 އަހަރު ވެއްޖެ އެވެ. މިތަނުގައި ހުރި ހިރިގަލުގެ އާސާރީ ހުކުރު މިސްކިތާއި އިދު މިސްކިތުގެ ތެރެއިން އީދު މިސްކިތަކީ މި މަހާނައަށް ވުރެ މުސްކުޅި ތަންތަން ކަން ލިޔެކިޔުމުން ފެނެ އެވެ.

މި ގަބުރުސްތާނުގައި ދައުލަތުގެ އިއްޒަތްތެރީންނާއި އިލްމުވެރީންނާއި ކުޑަބަނޑޭރީންނާއި ތަކުރުފާނުންނާއި ކަލޭފާނުންނާއި ހިދުމަތްތެރި ހަތީބުންނާއި ކަތީބުންނާއި އިޖުތިމާއީ ބޮޑެތި ހިދުމަތްތެރީންނާއި ހިދުމަތްތެރި އާންމު ރައްޔިތުންގެ މަހާނަ ވެ އެވެ.

ތަކަންދޫ ގަބުރުސްތާނު: މިއީ ރާއްޖޭގެ އެންމެ ބޮޑު ގަބުރުސްތާނު --

ވެވާއި ބޮޑުވަޅާއި އަށްކަންވަޅާއި ހަތަރެސްކަން ވަޅާއި ދިވެހި ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކައިދޭ ގާގަލާއި މިސްކިތް -- މިސްކިތުގެ އަސަރު ވެސް މިތަނުން ފެންނަން އެބަހުއްޓެވެ. މީގެ 50 ވަރަކަށް އަހަރު ކުރިއާ ހަމައަށް މިތަނުގައި ހުރި ހުކުރުމިސްކިތަކީ މާލޭ ހުކުރުމިސްކިތާއި އީދުމިސްކިތާ ދާދި އެއްގޮތަށް ހުރި ބިނާއެއް ކަމަށް ތަކަންދޫގެ ދުވަސްވީ މީހުން ބުނެ އެވެ.

އަދި ތަކަންދޫގައި މި ގަބުރުސްތާނަށް ވުރެ ވެސް ދޮށީ ދެތިން ގަބުރުސްތާނެއް އޮތް ކަމަށް ސާލިމް ވިދާޅުވި އެވެ.

ތަކަންދޫ ގަބުރުސްތާނު؛ ތަކަންދޫއަށް ޒިޔާރަތް ކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯ ގްރާފަރުންގެ އެންމެ ބޮޑު ސަމާލު ކަމެއް ހުއްޓެނީ މި ގަބުރުސްތާނަކަށެވެ. މިހާތަނަށް ނަގާފައިވާ މި ގަބުރުސްތާނުގެ އޭރިއަލް މަންޒަރުތަކާއި ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ. ގަބުރުސްތާނުގެ ބޮޑުކަމާއި މަހާނަގާ ގިނަ ކަމާއި ތަރުތީބު ކަމަކީ އިތުރަށް ޝައުގުވެރިކުރުވާ ކަންކަމެވެ.

މި ގަބުރުސްތާނު ބެލެހެއްޓުމަށް ދައުލަތުން މިހާތަނަށް ސަމާލު ކަމެއް ދީފައި ނެތް ނަމަވެސް ތަކަންދޫގެ ރައްޔިތުން މި ތަން ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށް ގިނަ މަަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަހަރަކު ދެ ފަހަރު ރައްޔިތުން ނިކުމެ މުޅި ގަބުރުސްތާނު ނޮޅާ ސާފުކުރެ އެވެ.

މިހާތަނަށް ބޮޑު ގެއްލުމެއް ނުލިބި މަހާނަގާތައް މިގޮތަށް ފެންނަން ހުރީ އެތަނަށް އެ ރައްޔިތުންގެ ހިތުގައި ހާއްސަ މަގާމެއް އޮތީތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.