ޕްރައިވެޓް ހޮސްޕިޓާތަކަށް ޕެކޭޖު އަގުތަކެއް އާސަންދައިން ތައާރަފުކުރަނީ

އެޕެކޭޖު އަގުތައް ތައާރަފުކުރެވުމުން އެ ހިދުމަތްތަކަށް އާސަންދަ ލިބޭނީ އެ ކުންފުނިން ހުށަހަޅާ އަގުތަކަށް އަމިއްލަ ހޮސްޕިޓާތަކުން އެއްބަސްވާނަމަ ކަމުގައި ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ: އަމިއްލަ ހޮސްޕިޓާތަކަށް ޕެކޭޖު އަގުތަކެއް ތައާރަފުކުރަނީ

އަމިއްލަ ހޮސްޕިޓާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް އާސަންދައިން ހާއްސަ އަގުތަކެއް ހިމެނޭ ޕެކޭޖުތަކެއް ތައާރަފުކުރަން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އާމިނިތު ޒީނިޔާ ވިދާޅުވެއްޖެ އެވެ. 

އާސަންދައާއި އެންސްޕާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ވަޑައިގެން ޒީނިޔާ މިފަދައިން ވިދާޅުވީ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. 

އަސްމާ ވިދާޅުވި ގޮތުގައި މިހާރު އާސަންދައަށް އަމިއްލަ ހޮސްޕިޓާތަކުން ބިލުކުރަމުންދަނީ ވަރަށް ބޮޑެތި އަގުތަކުގަ އެވެ. އަދި ނިކަމެތިން އެންސްޕާގެ އެހީތެރިކަން ހޯދަންޖެހެނީ އަމިއްލަ ހޮސްޕިޓާތަކުން ހިދުމަތް ދިނުމަށްފަހު ހިތުހުރި އަގެއްގައި ބިލުކުރަމުންދާތީކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އަސްމާގެ ވާހަކަފުޅާ ގުޅިގެން ޒީނިޔާ ވިދާޅުވީ މައިގަނޑު ގޮތެއްގައި ރާއްޖޭގައި އަމިއްލަ ދެ ހޮސްޕިޓާ ހުރިއިރު އެ ތަންތަނުން ހިިދުމަތްދޭ އަގުތައް "ފުދޭ ވަރަކަށް ބޮޑު" ކަމަށެވެ. އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި ޕްރޮސީޖާތަކުގެ އަގުގެ ގޮތުގައި ހޮސްޕިޓާތަކުން ދީފައި އޮންނަ އަގު އެހާ ބޮޑު ނޫން ނަމަވެސް އެންމެ ފަހުން ލިބޭ ފައިނަލް އަގު ވަރަށް ބޮޑުވާ ކަމަށެވެ. 

"ފުދޭ ވަރަކަށް އަގު ބޮޑު. އަޅުގަނޑުމެންނަށް ދީފައި އޮންނަ ޕްރޮސީޖާ ކޯސްޓު އެހާ ބޮޑެއް ނޫން. ނަމަވެސް އެމީހުން ލައިން އައިޓެމްއިން ފައިނަލް ބިލު އަންނައިރު ފައިނަލް ބިލު ބޮޑުވެގެންދަނީ،" ޒީނިޔާ ވިދާޅުވި އެވެ. 

މިހާރު އާސަންދައިން މަސައްކަތްކުރަމުންދަނީ ހިދުމަތްތަކަށް ޕެކޭޖު އަގުތަކެއް ކަނޑައެޅުމަށްކަމަށާއި، އެޕެކޭޖު އަގުތައް ތައާރަފުކުރެވުމުން އެ ހިދުމަތްތަކަށް އާސަންދަ ލިބޭނީ އެ ކުންފުނިން ހުށަހަޅާ އަގުތަކަށް އަމިއްލަ ހޮސްޕިޓާތަކުން އެއްބަސްވާނަމަ ކަމުގައި ޒީނިޔާ ވިދާޅުވި އެވެ. 

"މިހާރު މަސައްކަތްކުރަމުން މިގެންދަނީ ޕެކޭޖު ޕްރައިސްތަކެއް ހަދަން. ޕެކޭޖު ޕްރައިސެއް ހަދާފައި ޕެކޭޖު ޕްރައިސެއް ހަދާފައިނޫނީ އަޅުގަނޑުމެންނަކަށް [އަގު ނުދެވޭނެ].،" ޒީނިޔާ ވިދާޅުވި އެވެ. 

ޕެކޭޖު އަގުތަކެއް ކަނޑައަޅައި އެއަގުތަކަށް ހިދުމަތްތައް ފޯރުކޮށްނުދޭނަމަ އެ ހިދުމަތް ދެން ނުލިބޭނެ ކަމަށް ކަނޑައަޅާއިރު އެކަމުގައި ސަރުކާރުގެ ފަރާތުން ޕޮލިސީ ލެވެލްގައި އެހީތެރިކަން  ބޭނުންވާނެކަން ޒީނިޔާ ފާހަގަކުރެއްވި އެވެ. އަދި އަމިއްލަ ހޮސްޕިޓާތަކުން ދޭ ބައެއް ހިދުމަތްތަކަށް އާސަންދަ ނުލިބޭ ހާލަތުގައި އެ ހިދުމަތް އައިޖީއެމްއެޗްއިން ފޯރުކޮށްދެވޭ ފެންވަރަށް އެ ހޮސްޕިޓާ ތަރައްގީވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.