މުހިންމު ބަދަލެއް، އެހެން އިންޝުއަރެންސް ގެންގުޅޭނަމަ އޭގެއިން ކެނޑުމަށްފަހު އާސަންދައިން ކަނޑަން ފަށަނީ

އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައި ތިބި މީހުން ބިލަށް ފައިސާ ދައްކާއިރު ދެން އެންމެ ފުރަތަމަ ކަނޑާނީ އެ އިންޝުއަރެންސް އިންނެވެ.

އާސަންދައިގެ ހިދުމަތް ދޭ ތަނެއް

ދައުލަތުގެ ވެލްފެއާ ނިޒާމާއި އާސަންދައިގެ ނިޒާމް ރިފޯމް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަންނަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިން ކަނޑާނީ އިތުރު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެވަފައިވާނަމަ، އެ ސްކީމުން ކެނޑުމަށްފަހުގައި ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވަމުންނެވެ. އެކަން ފާހަގަކުރެއްވީ އެހެން އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައި ތިބި މީހުންނަށް އާސަންދަ ލިބޭތީ އެކަމާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ފާހަގަކުރައްވާފައި ވަނީ އެހެން އިންޝުއަރެންސް ގެންގުޅޭ މީހުންނަށް ވެސް އާސަންދައިން ފުލް ކަވަރޭޖް ދިނުމަށްފަހު އިތުރު އިންޝުއަރެންސްތަކުން ކަނޑަނީ ބާކީ ހުންނަ އެއްޗެއް ކަމަށެވެ. އެފަދަ ފަރާތްތަކަށް އާސަންދައަކީ ދެވަނަ އޮޕްޝަންއަކަށް ހެދޭނެ ގޮތެއް އޮންނާނެތޯ މެންބަރު އެއްސެވި އެވެ.

ހީނާ ވިދާޅުވީ ޑަބަލް އިންޝުއަރެންސް މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކަން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން އިތުރު އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައި ތިބި މީހުން ބިލަށް ފައިސާ ދައްކާއިރު ދެން އެންމެ ފުރަތަމަ ކަނޑާނީ އެ އިންޝުއަރެންސްއިން ކަމަށް ހީނާ ފާހަގަކުރެއްވި އެވެ.

"އޭގެ ތެރޭގަ އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމަށްވާނަމަ މިސާލަކަށް ބިލް ކްލިއާ ކުރާއިރުގަ އެންމެ ފުރަތަމަ އެބޭފުޅެއްގެ އިތުރު އިންޝުއަރެންސްއަކުން ކްލިއާ ކުރުމަށްފަހު ދެން އާސަންދަ އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް [ބަދަލު ގެންނަނީ]،" ހީނާ ވިދާޅުވި އެވެ.

ވެލްފެއާ އަދި އާސަންދަ ސްކީމް ރިފޯމް ކުރުމަށް ކުރާ މަސައްކަތުގައި އިތުރު ބަދަލުތައް ގެންނާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. އެކަންކަން ވަރަށް އަވަހަށް ކެބިނެޓަށް ހުށަހަޅުއްވާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ، ނޫސަންދައާއި ޒަކާތު ފަންޑު ފަދަ ސަކީމްތަކުން އެހީ ފޯރުކޮށްދޭއިރު ރިފޯމްގެ ތެރެއިން އެ އެހީތައް ދެން ފޯރުކޮށްދޭނީ އެންސްޕާއިން ކަމަށެވެ.

ދިރިއުޅުމުގެ ފެންވަރު އެނގޭ ސޯޝަލް ރަޖިސްޓްރީއެއް ގާއިމް ކުރަނީ

މި ރިފޯމް މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ފެންވަރު އެނގޭ ސޯޝަލް ރަޖިސްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވީ މި ސޯޝަލް ރަޖިސްޓްރީ ގާއިމް ކުރާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލުތަކާ ގަވާއިދުތަކެއް ހަދައިގެން ކަމަށެވެ.

އޭރުން ވެލްފެއާ ނިޒާމު، ސަބްސިޑީ ނިޒާމު ނުވަތަ އާސަންދައިގެ ތެރެއިން ވެސް އެހީ ދޭއިރު އެ ރަޖިސްޓްރީގައި ހިމަނާފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން އެހީ ފޯރުކޮށްދެވިގެން ދާނެ ކަމަށް ހީނާ ވިދާޅުވި އެވެ. މިއީ އެ ނިޒާމުތައް ރިފޯމް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާއިމް ކުރާ ރަޖިސްޓްރީއެކެވެ.

ހީނާ ވިދާޅުވީ މި ރަޖިސްޓްރީ ގާއިމް ކުރާނީ އެއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހޯދައިގެން ކަމަށެވެ. އޭގެ ތެރޭގައި ގޭބިސީތަކުގެ މައުލޫމާތާއި، މީހުން ލިވިން ސްޓޭންޑާޑް ފަދަ މުހިންމު މައުލޫމާތުތައް ހިމަނާނެ ކަމަށެވެ.

"އެހެންވީމަ އެހީއަށް އެދޭ ފަރާތަކީ ނުވަތަ އަޅުގަނޑުމެން އެހީ ދޭން ޖެހޭ ފަރާތަކީ ކޮން ފަރާތްތަކެއްކަން އަޅުގަނޑުމެންނަށް އެ ސޯޝަލް ރަޖިސްޓާގެ ތެރެއިން ވަރަށް ބޮޑަށް އައިޑެންޓިފައި ވެގެން ދާނެ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ބަދަލުތައް ގެންނާނީ އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެފަދަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. މި މަސައްކަތް ނިމުމުން ދައުލަތުން ދޭ އެހީތައް ކަނޑައަޅާނީ މި ރަޖިސްޓާއަށް ބިނާކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ވެލްފެއާ ނިޒާމާއި ސަބްސިޑީ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް ފެށީ މި ނިޒާމުގެ ތެރެއިން އެހީ ލިބެން ޖެހޭ މީހުންނަށް އެހީ ނުލިބި، ފައިސާ އިސްރާފު ވަމުންދާތީ އެވެ. އެކަން މިއަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

1
450
ކަމަނަ
2 months ago

ބަލަގަ މިހާރުވެސް އިއްނަނީ އެހެން ނޫންތަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.