އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އިސްލާހުކުރުން | ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަނީ

އެ އިސްލާހުތައް ތަންފީޒުކުރަން ފެށުމުން، މިހާރު ދައުލަތުން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ތެރެއިން އެކި އިދާރާތަކުން ފޯރުކޮށްދޭ އެކި އެހީތައް ޖުމްލަކޮށް ދެން ފޯރުކޮށްދޭނީ އެންސްޕާއިން ކަމުގައި ހީނާ ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، ފޮޓޯ: ރައީސް އޮފީސް

އޮކްޓޯބަރު މަހުން ފެށިގެން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެންސްޕާއާއި އާސަންދައިގެ ހިންގުމަށާއި އެ ދެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އިސްލާހީ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މިހާރު އާސަންދަ ފިޔަވައި އެހެނިހެން އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދަ ދިނުމުގެ ކުރިން އެ ފަރާތްތަކުން ނަގާފައިވާ އިންޝުއަރެންސްއިން ފައިސާ ކަނޑަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް އޮކްޓޯބަރު މަހުން ފެށިގެން އެގޮތަށް އާސަންދައިގެ ހިދުމަތް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. 

"އަންނަ އިސްލާހުތަކުގެ ތެރެއިން އެކެއް އޮކްޓޯބަރުން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓު ކުރަން ފަށާ ބައެއް ޕޮލިސީތައް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއްނަމަ ބިލް ކްލިއާކުރާއިރު އިތުރު އިންޝުއަރެންސްއިން ފުރަތަމަ ކްލިއާކުރުމަށްފަހު ބާކީބައި އާސަންދަ އެންސްޕާއިން ކްލިއާ ކުރާ ގޮތަށް [ހަމަޖެއްސުން ހިމެނޭ]،" ހީނާ ވިދާޅުވި އެވެ. 

އޭގެ އިތުރަށްވެސް އާސަންދައާއި އެންސްޕާއިން ފޯރުކޯށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި، ހީނާ ވިދާޅުވީ ގެންނަން ވިސްނަމުންދާ އިސްލާހުތަކާ ގުޅޭ ޑްރާފްޓެއް އެކުލަވައިލާ ވަޒީރުންގެ މަޖިލީހަށް ވަރަށް އަހަވަށް ހުށަހަޅުއްވާނެ ކަމަށެވެ. 

އެ އިސްލާހުތައް ތަންފީޒުކުރަން ފެށުމުން، މިހާރު ދައުލަތުން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ތެރެއިން އެކި އިދާރާތަކުން ފޯރުކޮށްދޭ އެކި އެހީތައް ޖުމްލަކޮށް ދެން ފޯރުކޮށްދޭނީ އެންސްޕާއިން ކަމުގައި ހީނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ފޯރުކޮށްދެމުންދާ ހެލްތު އިންޝުއަރެންސްއާއި ޒަކާތު ފަންޑު ފަދަ ހިދުމަތްތައް ހިމެނޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"ނޫސަންދައާއި އަދި ސަރުކާރުގެ އެހިނެހެން މުއައްސަސާތަކުގައި އެބަހުރި މިފަދަ ބައެއް ސްކީމުތަކެއް. ރިފޯމުގެ ތެރެއިން މިފަދަ ސްކީމުތައް ޒަކާތު ފަންޑުކަމުގައިވީ ނަމަވެސް އަދި އެހެން ގޮތަކުން ރައްޔިތުންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭކަމުގައިވާނަމަ ދެން މިއަންނަ ރިފޯމުގެ ތެރެއިން އެހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދެވިގެންދާނީ އެންސްޕާގެ ތެރެއިން،" ހީނާ ވިދާޅުވި އެވެ. 

މިހާރު އެންސްޕާއިން ކުރަމުންދާ މަސައްކަތަކީ ސޯޝަލް ރެޖިސްޓާއެއް ގާއިމުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އެ ނިޒާމު ގާއިމުކުރުމުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ ކޮބައިކަން އެނގިގެންދާނެ ކަމަށާއި، އެއިރުން ގޭބީސީތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ މައުލޫމާތުތައް އެއްކުރެވި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.