ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ އިސްތިއުނާފަށް

އެ އޮފީހުން ހައިކޯޓުގައި އެދިފައި ވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޖިހާދުގެ މައްޗަށް އުފުލައިފައި ވަނީ 2011 ވަނަ އަހަރު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ދައުވާ އެވެ. ޝަރީއަތުގައި ދައުވާ އިއްވުމުން މީގެ ކުރިން ޖިހާދު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ބޭރުކޮށްލެއްވީ ގާޒީ ހުސެއިން ފާއިޒް ރަޝާސެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. 

"މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން،" ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ހައިކޯޓުގައި އެދިފައި ވަނީ މި މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.

މައްސަލައިގެ ހުލާސާ - ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގަ އެވެ.


ޖިހާދަށް ދައުވާ ކުރީ އެ އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ކެބިނެޓުން ނިންމި ނިންމުމާ ހިލާފަށް ފުށިދިއްގަރުފަޅުގައި ޓޫރިސްޓު ޒޯނެއް ތަރައްގީކުރަން އުފެއްދި ކުންފުނީގައި ސަރުކާރުގެ ހިއްސާ އޮންނަ މިންވަރު 50 ޕަސެންޓުން 25 އިންސައްތައަށް މަދުވުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.