ސަރުކާރުން ވަނީ ކުވެއިތު ފަންޑުން ނެގި މި ލޯނުގެ ބޭނުންކޮށްގެން ކުދި ހޮސްޕިޓަލްތަކެއް އަޅަން ނިންމާފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލްތަކެއް އަޅަން ކުވެއިތު ފަންޑުން ސަރުކާރުން ނެގި ލޯނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ލޯނުގެ މައުލޫމާތު މާލިއްޔަތު ކޮމެޓީއަށް ހިއްސާ ކުރުމާއެކު ވާހަކަ ދައްކަވަމުން އެމްޑީޕީ މެންބަރު ޑރ. ޝަމްހީދު ވިދާޅުވީ މި ލޯނުގެ އިންޓެސްޓާއި ލޯނުގެ ކޮންޑިޝަންތައް ހުރީ ވަރަށް ރަނގަޅަށެވެ. ނަމަވެސް އެ މެންބަރުގެ ކަންބޮޑު ވުމަކީ 30 އެނދުގެ ހޮސްޕިޓަލްތަކެއް ކުދިކުދި ރަަށްރަށުގައި އަޅާއިރު ހިންގާނެ ހަރަދު ކަވަރު ކުރަން ސަރުކާރުން ކުރާނެ ކަންތައްތަކެއް ނޭނގުމެވެ.
ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއަށް ކުވެއިތު ފަންޑުން ވަނީ ރާއްޖެއަށް 9.8 މިލިޔަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. މި ލޯނުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރެއްވީ މިދިޔަ މަހު އެވެ.
މި ލޯނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ޚިދުމަތުގެ އިލެކްޓްރޯ- ޓެކްނިކަލް މަސައްކަތްތައްކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަމާ ގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރުންގެ ހިދުމަތްތަކުގެ އިތުރުން މަޝްރޫޢު ތަންފީޒު ކުރުމަށްޓަކައި ޔުނިޓެއް ގާއިމްކުރުން ވެސް މިމަޝްރޫއުގައި ހިމެނެ އެވެ.