އޮކްޓޯބަރާއި ނޮވެމްބަރުގައި ހުޅުމާލެ ދޭކާއި ތިނެއްގެ ގޯތިތައް ހަވާލުކުރެވޭނެ

"ހުޅުމާލެ ފޭސް ދޭކުން ދޭންޖެހޭ ގޯތިތައް ބަހާފައި ހުރިއިރު ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާ ބައެއް މަގުތަކުންނާ ގޯޅިތަކުން ގޯތި ދީފަ އެބަހުރި،"

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހުގައި --

ކުރީ ސަރުކާރުން ހުޅުމާލެ ފޭސް ދޭކާއި ތިނަކުން ދޭން ނިންމާފައިވާ ގޯތިތައް މިއަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ގޯތި ދޫކޮށްފައި ހުރި ގޯތިތައް މީހުންނަށް ދިރިއުޅެވޭ ތަންތަނަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 1407 ގޯއްޗާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 699 ގޯތި ދެވޭނެ ތާރީހެއް ވިދާޅުވެދެއްވާފައިވެ އެވެ. ލަސްވަނީ އެތަންތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ؛

  • ފޭސް 2 އިން އޮކްޓޯބަރުގައި ގޯތި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް
  • ފޭސް 3 އިން ގޯތި ދޫކުރެވޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރުގައި ކަމަށް
  • ގިރާވަރުފަޅުން ގޯތި ދޫކުރެވޭނެ ތާރީހު ނޭންގޭ ކަމަށް

"ހުޅުމާލެ ފޭސް ދޭކުން ދޭންޖެހޭ ގޯތިތައް ބަހާފައި ހުރިއިރު ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާ ބައެއް މަގުތަކުންނާ ގޯޅިތަކުން ގޯތި ދީފަ އެބަހުރި. ބައެއް ގޯތިތައް ހުރީ ކަރަންޓު ނަރުތަކާ ކަރަންޓު ފޮށިތައް ގޯތިތެރެއަށްވާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަންކަން ހައްލުކޮށް، ފަސްދުނިތައް ނަގައި، ކަރަންޓު ފޮށިތައް ދުރުކުރުމަށްފަހު ބިން ސާފުކޮށްފައި މިހާރު ވެސް ގޯތި ދޭންޖެހޭ 623 މީހަކާ ގޯތި ހަވާލުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ ފޭސް ތިނަކާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ ފަޅުން ކަމަށެވެ. ރާއްޖޭގެ ގާނޫނުތައް އޮތީ ފަޅުން ބައެއް މީހެއްގެ ނަން މައްޗަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ނޫން ކަމަށާއި، އެތަންތަނުން ގޯތި ދެވޭނީ ހިއްކާ ނިންމާފައި ކަމަށެވެ.

"އެއީ ޒިންމާދާރު ސަރުކާރަކުން ކަން ކުރައްވާނެ ގޮތެއް ވެސް ނޫން. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވަނީ ޒިންމާދާރުކަންމަތީގަ ގޯތި ބައްސަވަން. އެހެންވީމަ ހުޅުމާލެ ފޭސް 3 ގެ ފަޅުން ގޯތި ލިބުނު 699 ފަރާތަށް ވެސް މިސަރުކާރުން ގޯތި ހަވާލުކުރާނީ ބިން ހިއްކުމަށްފަހު ބިމުން،" މިނިސްޓަރު ވިދާޅުވި އެވެ. 

ގިރާވަރުފަޅުން 5186 މީހުންނަށް ލިބުނު ގޯތިތައް، އެއްވެސް މީހަކު އުނިވާނެހެން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު އެރުއްވި އެވެ. ވިދާޅުވީ، އެތަން ހިއްކުމުގެ އަމަލީ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމެންޓުން ކުރައްވަމުން ގެންދަވާ ކަމަށެވެ. މަސައްކަތް ނިންމޭނެ ވަކި ތާރީހެއް އަދި ނޭންގޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ގޯއްޗާ ބެހޭގޮތުން ޖުމްލަކޮށް އަޅުގަނޑު ފާހަގަކުރާނީ، ގޯތި ލިބުނު އެންމެންނަށް ގޯތި ހަވާލުކުރާނަމޭ، އެއީ އެފަރާތްތަކުގެ ހައްގެއް ކަމަށް އަޅުގަނޑުމެން ދެކެމޭ. އެ ހައްގު ޔަގީންކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.