އެމްޑީޕީ މެންބަރުން ހައިޖާނު ހެދުން| ހަތަރު މެންބަރެއްގެ ނަން އިއްވަވައިފި

މަޖިލީހުގެ ނިޒާމު ގެއްލުވައިލެއްވުމަށް މަސައްކަތްކުރެއްވުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެންބަރެއްގެ ނަން އިއްވަވައި މަޖިލިސް ތަޅުމުން ނުކުމެވަޑައިގަތުމަށް މަޖިލީހުގެ ރިޔާސަތުން އަންގަވާފައިވެ އެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވަނީ

މިއަދު ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ.އަލީ ހައިދަރާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރު ކުރެއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރައްވަން ފެށުމުން އެ މެންބަރުންގެ ނަންފުޅުތައް މަޖިލީހުގެ ރިޔާސަތުން އިއްވައިފި އެވެ. 

މަޖިލީހުގެ ޖަލްސާގައި މެންބަރުން އިހުތިޖާޖު ކުރައްވަން ފެއްޓެވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ވަޒީރު ޖަވާބުނުދެއްވާ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއް ނެންގެވުމުން އެއީ މަޖިލީހުގެ ނިޒާމާ ގުޅުންހުރި މައްސަލައެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ. 

ޒިޔާދު ތަކުރާރުކޮށް ވަޒީރާ ކުރެއްވި ސުވާލަކީ ކުރީ ސަރުކާރުން ނެރުނު  ފުލެޓު ލިސްޓު ސަރުކާރުން މުރާޖައާކުރާއިރު ގޯތީގެ ލިސްޓު މުރާޖައާނުކުރައްވަނީ އެ ލިސްޓު ނެރުނު ގޮތް ރަނގަޅުވުމުންތޯ އެވެ. އެ ސުވާލާއެކު ޒިޔާދު ކުރެއްވި އިތުރު ދެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވި އެވެ. 

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ގޯތި ނުވަތަ ފުލެޓު ލިބުނީ ހައްގުވެރިންނަށްކަން ކަށަވަރުކޮށްފައި ނޫނީ ކުރިން ގޯއްޗެއް ނުވަތަ ފުލެޓެއް ދީފައިވާ ލިސްޓަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. 

މިނިސްޓަރުގެ ޖަވާބަށްފަހު ނިޒާމީ ނުކުތާއެއް ނަންގަވައިގެން އެ ސުވާލު އަލުން ޒިޔާދު ކުރެއްވި އެވެ. އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ޒިޔާދު ކުރެއްވީ ސުވާލެއްކަމަށާއި، އެއީ މަޖިލީހުގެ ނިޒާމާ ގުޅުންހުރި ނުކުތާއެއް ނޫން ކަމަށެވެ. 

މަޖިލީހުގެ ރިޔާސަތުން ދެއްވި ޖަވާބާމެދު ހިތްހަމަޖެހިވަޑައިނުގެން އަލުން ނިޒާމީ ނުކުތާއެއް ނަންގަވައިގެން އެ ސުވާލަށް ވަޒީރު ޖަވާބުނުދެއްވާތީ ޒިޔާދު ޝަކުވާ ކުރެއްވި އެވެ. އެ ޝަކުވާއާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ ޒިޔާދު ފާހަގަަކުރެއްވީ ނިޒާމީ ނުކުތާއެއް ނޫން ކަމަށެވެ. އަދި މެންބަރަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތިން ފަހަރު އެންގެވުމަށްފަހު މެންބަރުންގެ ނަން އިއްވެވި އެވެ. 

އެއާއެކު އެމްޑީޕީގެ މެންބަރުން ގޮނޑިތައް ދޫކުރައްވައި ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަން ފެއްޓެވުމުން އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި، ކެޔޮދޫ ދާއިރާގެ މެންބރު މުހައްމަދު ނިއުޝާދަަށް ތަކުރާރުކޮށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އެންގެވުމަށްފަހު ތިން ބޭފުޅުންގެ ނަންފުޅު ރިޔާސަތުން އިއްވެވި އެވެ. އެއަށްފަހު މަޖިލިސް މެދުކަނޑާލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.