އިންޑިއާ މާކެޓު 2021 ވަނަ އަހަރުން ފެށިގެން ދިޔައީ ދަށްވަމުންނެވެ. އެކަމަކު މި މާކެޓު ރަނގަޅު ކުރަން ފޯކަސް މަސައްކަތްތަކެއް މިހާތަނަށް ނުކުރެވެ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރަށްވުރެ އަހަރެއް ދަނީ ޓޫރިޒަމް އޮފް ސީޒަންގެ ތަދު ގަދަ ވަމުންނެވެ. ވޭތުވެދިޔަ އަށް އަހަރު ދުވަހަށް ބަލާނަމަ ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ވަނީ 50 ޕަސެންޓުން 38 ޕަސެންޓަށް ސޮއްސަލާފަ އެވެ. އެކަމަކު މިކަމަށް ޓާގެޓްކޮގެން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ނުކުރެ އެވެ. އޮފް ސީޒަންގެ ދަތުގަދަވެ ޓޫރިޒަމަށް ލިބޭ ގެއްލުން މެއިމަހުން އޮގަސްޓް މަހަށް ގަދަވަމުން ދިޔަނަމަވެސް އެކަމަށް މަސައްކަތް ތަކެއް ނުކުރުމުގެ ނަތީޖާއަކީ މިދިޔަ އަހަރު މި ގެއްލުން ބޮޑުވުމެވެ. މިދިޔަ އަހަރު އޮފް ސީޒަންގައި ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 38 ޕަސެންޓުގަ އެވެ. ކައިރީގައި ދުނިޔޭގެ ބޮޑު ޓޫރިޒަމް މާކެޓެއް އޮތްނަމަވެސް އޮފް ސީޒަނަށް އެ މާކެޓުގެ ބޭނުމެއް ވެސް ނުކުރެވެ އެވެ. ޓޫރިޒަމް ހީނަރު ތިން މަހު އިންޑިއާ މާކެޓުގެ ބޭނުން ކުރެވިދާނެ ހެއްޔެވެ ؟ މިކަމަށް މިހާތަނަށް މަސައްކަތްތަކެއް ނުކުރެވި އޮތީ ކީއް ވެގެން ހެއްޔެވެ؟
"މިހާރު މަސައްކަތް ފަށަން މި ތައްޔާރު ވަނީ އަންނަ އަހަރުގެ ލޯ ސީޒަނަށް މަސައްކަތް ފަށަން. އަޅުގަނޑުގެ އަމާޒަކީ އަންނަ އަހަރުގެ ލޯސީޒަން މި އަހަރަށްވުރެ 15 ޕަސެންޓުގެ ކުރިއެރުމެއް ހޯދުން. އެކަމަށް މިގޮތަށް މަސައްކަތް ކުރެއްވިއްޖެނަމަ އެއީ އިންޑަސްޓްރީ އަށް ކޮށްދެވޭނެ ކަމެއް. މީގެ ސަބަބުން ރާއްޖޭގެ ރެވެނިއު ލޯސީޒަންގައި މަތި ކުރެވޭނެ،" ގައުމީ ޓީވީގެ ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި އެވެ.
އާއްމުކޮށް ރާއްޖޭގެ ޓޫރިޒަމް ހީނަރު ދުވަސްތަކަށް ވެއްޓެނީ މެއިމަހާއި އޮގަސްޓް މަހު އެވެ.މި ދުވަސްވަރަކީ ރާއްޖޭގެ ރިސޯޓްތަކުގެ މަރާމާތު ކުރާ ދުވަސްވަރެވެ. ސަބަބަކީ ޔޫރަޕުގެ ހޫނު މޫސުމާއެކު އަންނަ މީހުންގެ އަދަދު މަދުވުމެވެ. ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަތް އަހަރަށް ބަލާއިރު މެއި މަހެއްގައި އޮކިއުޕެންސީ އެންމެ މައްޗަށް ގޮސްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރުގެ މެއި މަހު އޮކިއުޕެންސީ 50.7 ޕަސެންޓަށް އުފުލުނެވެ. އޭގެފަހުން މެއިމަހު އޮކިއުޕެންސީ މުޅިންވެސް ހުރީ 40 ޕަސެންޓަށްވުރެ ދަަށުގަ އެވެ. އަދި ޖޫން މަހަށް ބަލާއިރު ފެންނަނީ ހާލު ދެރަކޮށެވެ. އަށް އަހަރުގެ ތަފާސް ހިސާބުން ފެންނަނީ އޮކިއުޕެންސީ 40 ޕަސެންޓަށް ސޮއްސާލާފައި އޮތް ތަނެވެ. މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން އައިނަމަވެސް މިދިޔަ އަހަރުގެ ޖޫންމަހު އޮކިއުޕެންސީ ހުރީ 43.4 ޕަސެންޓުގަ އެވެ. އަދި ޖުލައި މަހު 2017 ވަނަ އަހަރު އޮކިއުޕެންސީ 57 ޕަސެންޓަށް އުފުނުނަމަވެސް އޭގެފަހުން އޮކިއުޕެންސީ ހުރީ 40 ޕަސެންޓުގަ އެވެ. މީގެ ސަބަބުން ޓޫރިޒަމަށް އަހަރުގެ ކުރީކޮޅު ބޮޑު އާމްދަނީއެއް ލިބުނުނަމަވެސް ޓޫރިޒަމަަށް ލިބޭ އާމްދަނީ މި ދުވަސްވަރު ބޮޑުތަނުން ދައްވެފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ އަހަރު ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައިނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ލިބިފައިވަނީ 140.15 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މި އަދަދުން ދޭހަވަނީ އަހަރުން އަހަރަށް އޮފް ސީޒަންގެ ސަބަބުން ޓޫރިޒަމަށް ލިބޭ ގެއްލުން ބޮޑު ތަނުން މަތިވަމުންދާ ކަމެވެ. މިކަމަށް އަޅާ ނުލައިފިނަމަ ޓޫރިޒަމް އެންމެ ރަނގަޅު ދުވަސްވަރު ލިބޭ އާމްދަނީގެ ބޮޑުބައެއް އޮފް ސީޒަންގެ ތިން މަހު ގެއްލިގެން ދިއުމުގެ ބިރު އެބައޮތެވެ.
ހަގީގަތަކީ އިންޑިއާ މާކެޓުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައެއް ނުކުރެވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ކިތަންމެ އިންޑިއާއަށް ޑިޕްލޮމެޓިން ރިލޭޝަން ރަނގަޅުވި ނަމަވެސް ޓޫރިޒަމަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟
ޓޫރިޒަމް ނަމްބަރު ތަކުން ފެންނަނީ 2021 އިން ފެށިގެން އިންޑިއާ މާކެޓު ބޮޑުތަނުން ދަަށްވަމުން ދިޔަ ތަނެވެ. ކޮވިޑާއެކު ނަމްބަރު މަތިވީ ކަރަންޓީން ވާން ރާއްޖެ ބޭނުން ކުރީމަކަން އެންމެންނަށް އެނގެ އެވެ. އޭގެ ފަހުން އިންޑިއާ އެއްވަނާގައި އޮތީ ޗައިނާ ފަދަ މާކެޓުތައް ނެތުމުންކަން ހިސާބުތަކުން ސާބިތުވެ އެވެ. އިންޑިއާގައި މާކެޓު ކުރުމުގެ މާނައަކީ ތަނަކުން ހޮވާލައިގެން ސޯޝަލް މީޑިއާގައި ފޮލޯވާސް ތަކެއް ތިބި ބަޔަކު ގެނައުމެއް ވެސް ނޫނެވެ. މިހާތަނަށް ކުރި ކަމަކީމި އެވެ. އޭރަކު އެމްއެމްޕީއާރުސީގެ ވެރިއަކަށް ހުރި މީހަކު ހިތްރުހޭ ބަޔަށް ދެކޮޅު ޓިކެޓު ދީގެން ޓޫރިޒަމް އިންޑަސްޓްރީން ހިލޭ ހުރުން ލިބޭ ގޮތަށް އިންޑިއާގެ ކޮންމެ ވެސް ބަޔަކު ގެންނަނީ އެވެ. ރާއްޖެ އާއި އިންޑިއާއަކީ ކަލްޗަރަލް ގޮތުން ކިތަންމެ ގާތްކަމެއް ހުރި ދެ ގައުމަށްވީ ނަމަވެސް ހަގީގަތުގައި އިންޑިއާ އިން މި ގައުމަށް ޓޫރިސްޓުންނެއް ނުގެނެވެ އެވެ. މަސައްކަތެއް ނުކުރެވެ އެވެ. މީގައި ބައެއް ސަބަބުތައްވެސް އެބަހުއްޓެވެ. އެއް ކަމަކީ އެ މީހުން ބޭނުންވާ ބައެއް ހިދުމަތްތައް ރާއްޖޭގައި ނެތުމެވެ. ހާއްސަކޮށް ޝޮޕިން އާއި ކެއުންތައް އެކަށީގެން ނުވުމަކީ މީގެ ދެ ސަބަބެވެ.
މިހުރިހާ ކަމެއް މިގޮތަށް އޮއްވައި ވެރިކަން ބަދަލުވެ އިންޑިއާއެކު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގައި އެ މާކެޓުން ބޮޑު ބައެއް ގެއްލިގެން ދިޔަ އެވެ. މި މާކެޓަކީ މާބޮޑު ސްޕެންޑިން ޕަވާއެއް ނެތް މާކެޓެއްނަމަވެސް ގެސްޓްހައުސް އާއި ރިސޯޓްތަކަށް ވެސް މި މާކެޓުން ފައިދާ ނެގިދާނެ އެވެ.
އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި އިންޑިއާގައި އެންމެފަހުން ބޭއްވި "ވެލަކަމް އިންޑިއާ" ރޯޑްޝޯ އިން އެނގިގެން ދިޔައީ އެ މާކެޓުން ކުރަން ޖެހޭ މަސައްކަތް ގިނަ ކަމެވެ. މިހާރު ކުރާ ގޮތަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފޯކަސް ގިނަ މަސައްކަތްތަކެއް ކޮށްގެން ނޫން ގޮތަކަށް މި މާކެޓު ޓެޕްކުރަން ދަތިވާނެ އެވެ. ސަބަބަކީ ވާދަވެރި މާކެޓުތަކުން މި ގައުމުން ޓޫރިސްޓުން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދިއުން ކަމަށް ގިޔާސް ފާހަގަ ކުރެއްވި އެވެ.
"މަޓާޓޯ އިން 2012 ވަނަ އަހަރު އިންޑިއާގައި ފެއާއެއްގައި ބައިވެރިވިން. އޭރު ބުނިން 10 އަހަރުފަހުން އިންޑިއާ އެއްވަނައަށް އަރާނެ ކަމަށް. އެކަމަކު އެއަށްވުރެ އަވަހަށް އެރީ. އެ މާކެޓުގައި ޕޮޓެންޝަލް އެބަހުރި،" އަބްދުﷲ ވިދާޅުވި އެވެ.
މި މާކެޓުގައި މާކެޓިން ވަރުގަދަ ކުރެއްވިއްޖެނަމަ އޮފް ސީޒަންގައި ޓޫރިޒަމަށް އަންނަ ދަތު ކުޑަކުރެވިދާނެ ކަމަށް މާހިރުން ވެސް ގަބޫލު ކުރައްވަ އެވެ. ސަބަބަކީ އިންޑިއާ ގާތުގައި އޮތުމާއެކު މި މާކެޓަށް އޮފް ސީޒަންގައި ހާއްސަ އަގުތަކެއް ދީފިނަމަ ގިނަ އަދަދެއްގެ މީހުން ގެންނަން ފުރުސަތު އޮތުމެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖެއާ އިންވެގެން ދޮޅު ގަޑިއިރުން ދެވޭ ހިސާބުގައި އިންޑިއާ އޮތްއިރު އެ ގައުމުން ޓޫރިސްޓުން އިތުރު ކުރަން މިހާތަނަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވެ އެވެ. އިންޑިއާގެ އިތުރުން އެންމެ ބޮޑުކޮށް ހޭދަކުރާ ރަޝިއާ އާއި ޗައިނާ އަދި އިޓަލީގައިވެސް އިތުރު މާކެޓިން ގިނަ ހަރަކާތް ތަކެއް ހިންގާނެކަން މިނިސްޓަރު ފައިސަލް ފާހަގަ ކުރެއްވި އެވެ.
"އިންޑިއާއަކީ އެކި ފަންތީގެ މީހުން އަންނަ މާކެޓެއް. މިހާރު ޓާގެޓް ކުރަނީ ލޯސީޒަނަށް އިތުރު މަސައްކަތްތަކެއް ކުރުން،" ފައިސަލް ވިދާޅުވި އެވެ.
އޮފް ސީޒަންގައި ޓޫރިޒަމަށް ލިބޭ ގެއްލުން ކުޑަކުރަން ޓޫރިޒަމް މިނިސްޓްރީގެ އިސް ނެގުމާއެކު ތައްޔާރުވަމުންދާ އަނެއް މަސައްކަތަކީ ބޭރުގައި ހުރި ދިވެހި އެމްބަސީތައް މާކެޓިންގައި އެކްޓިވް ކުރުމެވެ. ބޭރުގައި ހުރި މިޝަންތަކުގައި ތިބި މުވައްޒަފުންނީ ހަމައެކަނި ބޭރު ކަރައެއް ބަލައިލަން ގޮސް ތިބި ބަޔަކަށް ހެދުމުގެ ބަދަލުގައި އެމީހުންގެ ފަރާތުން އިގްތިސޯދަށް މަންފާ ލިބޭނެ މަސައްކަތްތަކެއް ކުރުމެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ބޭރުގައި ހުރި މިޝަންތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އެވެ. މިހާރުގެ އަމާޒަކީ މާކެޓިން އަށް މިހާރު ކުރަމުންދާ ކަންތައްތަކުގެ ބަދަލުގައި އިތުރު ކަންކަން ކޮށްގެން ޓޫރިޒަމްގެ ޕޮޒިޝަން މައްޗަށް ޖެއްސުމެވެ.
"ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން އެކްޗެންޖު ޓްރިޕްތައްވެސް ރާވަން ޕްލޭންގައި އެބަހުރި. މީގެ އިތުރުން ވެސް ގިނަ ކަންތައް ތަކެއް ކުރާނަން،" ޝިއުރީ ވިދާޅުވި އެވެ.
އޮފް ސީޒަނަށް ކުރެވޭނެ މަސައްކަތް ބައިވަރެވެ. އިންޑިއާ މާކެޓަކީ އޮފް ސީޒަންގެ ހުސްތަން ފުރޭނެ މާކެޓެކެވެ. އެމާކެޓުގައި އޮޓެންޝަލް ވެސް އެބަހުއްޓެވެ. އެކަމަކު ސިޔާސީ ގޮތުން ކިތަންމެ ގާތް ވިޔަސް އިންޑިއާއިން ޓޫރިސްޓުންނެއް ނާންނާނެ އެވެ. ޓޫރިސްޓުން ގެނެވޭނީ އެކަމަށް މަސައްކަތް ކޮށްގެންނެވެ.