މާލޭ މަގުތައް ހަދާނީ އަލުން ރޫޅާލަން ނުޖެހޭ ފެންވަރަށް: ރައީސް

"އުންމީދު މި ކުރަނީ މިއަހަރު ނިމޭތަނަށް ނޫނީ އަންނަ އަހަރު ކުރީކޮޅުގަ، އަދި މީ ޔަގީންކޮށް ދަންނަވާ ވާހަކައެއް ނޫން، އެކަމަކު އެހާތަނަށް އަމަލީ ފިޒިކަލް ވޯކަށް ދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަން ނިންމާފައިވާ މާލެ އަދި ވިލިމާލޭގެ މަގުތައް ހަދާނީ އަލުން ރޫޅާލަން ނުޖެހޭ ފެންވަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި މިއަދު ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގަކާއި ގޯޅިއެއް ހަދަން ނިންމާފައި ވަނީ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެހެންކަމުން މަގުތައް ހަދާއިރު ބިމު އަޑީގައި ހުރި ފެނާ ނަރުދަމާ އަދި ކަރަންޓް ސާވިސްފަދަ ނެޓްވޯކްތައް އެއްކޮށް އާ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭރުން އެކި ބޭނުންތަކަށް އަވަސް އަވަހަށް މަގުތައް ރޫޅާލަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑީވޯޓަރިން ނިޒާމް، ސްޓޯމް ވޯޓަރިން ނިޒާމް، ފަޔާ، ހައިޑްރެންޓް ނިޒާމް [އާވެސް އެކީ]. އެހެންވީމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެ، ވަރަށް ފުޅާކޮށް ކޮމްޕްރެހެންސިވްކޮށް ހައްލުވާ މައްސަލައެއްގެ ގޮތުގަ އިރާދަކުރެއްވިއްޔާ މަގުތައް ހެދިގެން ދާނީ ގޯޅިތަކާ އެކީގަ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރާއެކު ލެޓާ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފަ އެވެ. އެއަށްފަހު މި މަޝްރޫއުގެ ފީސިބިލިޓީގެ މަސައްކަތް ވަނީ ފަށާފަ އެވެ. ރައީސް ވިދާޅުވީ ވަރަށް އަވަހަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް ދެން އޮތް މަރުހަލާގެ މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

"އުންމީދު މި ކުރަނީ މިއަހަރު ނިމޭތަނަށް ނޫނީ އަންނަ އަހަރު ކުރީކޮޅުގަ، އަދި މީ ޔަގީންކޮށް ދަންނަވާ ވާހަކައެއް ނޫން، އެކަމަކު އެހާތަނަށް އަމަލީ ފިޒިކަލް ވޯކަށް ދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގައި ހަމައެކަނި ނުހިމަނައި އޮންނާނީ މާލޭގެ އުތުރުފަރާތު ބޭރުމަގު ފުޅާ ކުރުމުގެ ބައި އެކަނި ކަމަށެވެ. އެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ބަޖެޓު ކުރުމަށްފަހު ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގެ މަސައްކަތް ކުރާއިރު މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ވެސް ހިމަނާނެ ކަމަށެވެ. ކައުންސިލްގެ އެހީތެރިކަމާއި މަޝްވަރާ އެފަދަ ކަންކަމުގައި ހޯއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ޗައިނާ އިން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވައިދީ، އެކަން އިއުލާނު ކޮށްފަ އެވެ. މި ހިލޭ އެހީގެ ދަށުން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައި ވަނީ މާލެ އަދި ވިލިމާލޭގެ މަގުތައް ހެދުމަށެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރާނީ ވިލިމާލޭގައި ގާއިމް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.