އާރްޑީސީގެ ނަން ބޭނުންކޮށްގެން ސަރުކާރުން ކުޅެނީ ޑްރާމާ: މޫކޭ

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ތުހުމަތުކުރެއްވި ގޮތުގައި އާ މެނޭޖުމެންޓުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ އެއްވެސް މިންވަރަކަށް ކަންކަން ނުބައްލަވައި އޮޅުވައިލެއްވުމުގެ ނިޔަތުގައި ދެއްކެވި ވާހަކަފުޅެކެވެ.

އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ މަނިކު (މޫކޭ)

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ނަން ބޭނުންކޮށްގެން މިހާރުގެ ސަރުކާރުން ކުޅެނީ މުޅިންވެސް ޑްރާމާކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. 

މޫކޭ މިފަދައިން ވިދާޅުވީ އާރްޑީސީގެ އާ މެނޭޖުމެންޓުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ކުންފުނީގެ މާލީ ހާލަތާ ގުޅޭ ގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެން މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. 

އާރްޑީސީގެ ދަރަނި 830 މިލިއަނެއްހައި ރުފިޔާއަށް އަރާފައިވާއިރު އެއްވެސް ލިޔެކިޔުމެއް ނެތި 160 މިލިއަނެއްހައި ރުފިޔާ ކުންފުނިން އެކި ފަރާތްތަކަށް ކުރިން ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ އާ މެނޭޖުމެންޓުން އެދުވަހު ބުނެފައިވެ އެވެ. އެ ވާހަކަފުޅުތަކާ ގުޅިގެން އެސްއޯއީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީ ވެވަޑައިގަތުމަށް މޫކޭއާއި އެއިރުގެ ޗީފް ފައިނޭންޝަލް އޮފިސާ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައިވެ އެވެ. 

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ތުހުމަތުކުރެއްވި ގޮތުގައި އާ މެނޭޖުމެންޓުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ އެއްވެސް މިންވަރަކަށް ކަންކަން ނުބައްލަވައި އޮޅުވައިލެއްވުމުގެ ނިޔަތުގައި ދެއްކެވި ވާހަކަފުޅެކެވެ. އަދި އެބޭފުޅުންނަށް ކުންފުނީގެ މާލީ ހާލަތު ނޭނގޭކަމުގެ ހެއްކެއްގެ ގޮތުގައި މޫކޭ ފާހަގަކުރެއްވީ އެކި ދުވަސްވަރު އެ ކުންފުނީގެ ދަރަންޏާ ގުޅޭ ގޮތުން މިހާރުގެ ސަރުކާރުގެ ވެރިން އެކި އަދަދުތައް ވިދާޅުވެފައި އޮތުމެވެ. 

"އެންމެ ފުރަތަމަ ސަރުކާރު ބަދަލުވެ ކުންފުންޏާަ ހަވާލުވެ އައު މެނޭޖުމެންޓުން ކުންފުނީގެ އެމްޑީ ދައުލަތުގެ މީޑިއާއަށް އިންޓަވިއު ދެއްވަމުން ވިދާޅުވި ކުންފުނީގެ ދަރަނި މިހާރު 300 މިލިއަނާ ގާތްކުރެއޭ. އޭގެ ކުރިން ޓްރާންސިޝަނަލް މަރުހަލާގައި ވިދާޅުވެފައި އެބައޮތް 200 މިލިއަނޭ [ދަރަންޏަކީ]. އަދި އޭގެފަހުން ވީޓީވީގެ ޕްރޮގުރާމެއްގައި ވިދާޅުވެފައި އެބައޮތް 500 މިލިއަނޭ ދަރަންޏަކީ. ކުރީ ދުވަހު އެސްއޯއީ ކޮމިޓީގައި ވިދާޅުވެފައި އެބައޮތް 837 މިލިއަނޭ ދަރަންޏަކީ. އެހެންވީމާ އެބޭފުޅުންގެ މައުލޫމާތު ނެތް މިންވަރު އެނގިގެންދާނެ މިކަމުންވެސް،" މޫކޭ ވިދާޅުވި އެވެ. 

މޫކޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދައުލަތުގެ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އާރްޑީސީގެ ނަން ބޭނުންކޮށްގެން ސަރުކާރުން ޑްރާމާއެއް ކުޅުނު ކަމަށެވެ. އެގޮތުން ފުލުހުންނާއި އޭސީސީއާއި ހޯމް މިނިސްޓްރީ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އާރްޑީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރިކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ އެއިން މައްސަލައަކާ ގުޅިގެން މިއަދާ ހަމައަށް ސުވާލެއްކޮށް ތަހުގީގެއް ހިންގާފައި ނުވާ ކަމަށެވެ. 

"ދައުލަތުގެ ތިން މުއައްސަސާގެ ވެރިން، ފުލުހާއި އޭސީސީއާއި ހޯމް މިނިސްޓްރީން މީޑިއާއަށް އަރާވަޑައިގެން އާރްޑީސީގެ ނަން ބޭނުންކޮށްގެން ޑްރާމާތަކެއް ކުޅުއްވި. މިއަދާ ހަމައަށްވެސް ނެގި އިތުރު ބަޔާނެއް، ކުރި ސުވާލެއް އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން ގެންގޮސް ތަހުގީގެއް ނުކުރޭ، ސުވާލެއް ނުކުރޭ، ގެއްލުނުކަމަށް ބުނާ ތަކެތި ހޯދާކަށް އެއްވެސް ކަމެއް ނުކުރޭ،" މޫކޭ ވިދާޅުވި އެވެ. 

ސަރުކާރާމެދު ރައްޔިތުން ހިތްހަމަނުޖެހި ސަރުކާރަށް ފިއްތުން ކުރިމަތިވާ ކޮންމެ ފަހަރަކު ސަރުކާރުން އާރްޑީސީގެ ނަން ބޭނުންކޮށްގެން ޑްރާމާ ކުޅެމުންދާ ކަމަށް މޫކޭ ތުހުމަތުކުރެއްވި އެވެ. 

ލިޔެކިޔުން ނެތި 161 މިލިއަން ރުފިޔާގެ ޕޭމެންޓު ހަދާފައިވާ ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުނާތީ އެފަދަ ބޮޑު އަދަދެއްގެ ފައިސާ ގެއްލުވާލާފައިވާކަމަށްވާނަމަ އެ މައްސަލައެއް ބައްލަވަންޖެހޭނެ ކަމަށާއި، އެ ފައިސާ އަނބުރާ ހޯދަންޖެހޭނެ ކަމަށެވެ. ކުންފުނީގެ ޕޮލިސީތައް ފުލުހުންގެ ތަހުގީގަށް ނުގެންދާ ކަމަށާއި، އެ ސިޔާސަތުތަކާ ނުލައި ސިޔާސަތުތަކާ ހިލާފަށް ކުރީގެ މެނޭޖުމެންޓުން ކަމެއް ކުރިކަން ނޭނގޭނެ ކަމުގައި މޫކޭ ވިދާޅުވި އެވެ. 

ޔާސިރު ހަސަން

ކުންފުންޏަކީ އަލަށް ގާއިމުކުރެވުނު ކުންފުންޏެއްކަމަށްވާއިރު 2022 ވަނަ އަހަރުން ފެށިގެން ޑިޖިޓަލް ނިޒާމެއް ގާއިމުކޮށް އެ ނިޒާމު މެދުވެރިނުކޮށް ޕޭމެންޓު ނުހެދޭ ގޮތް ހަދާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

އީއާރްޕީ ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެއީ މައިކްރޮސޮފްޓް ޑައިނެމިކްސް ސިސްޓަމްކަން ފާހަގަކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔާސިރު ހަސަން ވިދާޅުވީ އެ ސިސްޓަމުގެ ތެރެއިން ނޫނީ އެއްވެސް ފައިސާއެއް ދޫކޮށްފައިނުވާނެ ކަމަށެވެ. ބިޑިން މަރުހަލާއިން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ ކަމެއް ސިސްޓަމްގެ ތެރެއިން ފެންނާނެ ކަމަށެވެ. 

ބިޑުކުރުމަށްފަހު ހިދުމަތް ލިބުނުކަމަށް ސޮއިކޮށް ޕާޗޭސް އޯޑަރެއް ދޫކޮށްފައި ނޫނީ އެއްވެސް ފައިސާއެއް ދޫކުރުމަށް އެޕްރޫވުކުރުމަށް ސީއެފްއޯއާ ހަމައަށް ނާންނާނެ ކަމުގައި ޔާސިރު ވިދާޅުވި އެވެ. އެއް މިލިއަނުން ދަށުގެ ޕޭމެންޓުތަކަށް ސީއެފްއޯއަށް އެޕްރޫވުކުރެވޭ ގޮތަށް އުސޫލު އޮތް ނަމަވެސް ހުރިހާ ޕޭމެންޓުތައް އެޕްރޫވުކުރައްވަނީ ހުރިހާ ލިޔެކިޔުންތައް ފުރިހަމަވުމުން ކަމަށެވެ. އެ ހުރިހާ ޕްރޮސެސްއެއް ހިނގާފައިވަނީ އީއާރްޕީ ސިސްޓަމުގެ ތެރެއިން ކަމަށެވެ. 

އިތުރަށް ޔާސިރު ވިދާޅުވީ އެ ސިސްޓަމުގެ ތެރެއިން ލިޔެކިޔުންތައް ރިކޮންސައިލްކުރަން މިހާރުގެ މެނޭޖުމެންޓަށް ނޭނގޭނަމަ ކުރިން ހިނގާފައި ހުރި އެއްވެސް ކަމެއް ބަލަންވެސް އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.