އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހީންގެ ރާއްޖޭގެ ކުރިމަގު ފެންނަނީ ނިކަން އުޖާލާކޮށް ކަމަށެވެ.
"ގައުމާ ރައްޔިތުންގެ ހައްގުގައި ތިޔަކުރައްވާ މަސައްކަތްޕުޅަށާ ތިޔަ ދައްކަވާ ސާބިތު ކަމަށް އައްސަރިބަހާ ސާބަސް ދަންނަވަން،" މަޖިލީސް ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ކުރީން ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަަރަކަށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ހީނަރުވާނެ ކަމަށް ބެލެވުނެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ އެކަން ކޮށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ތިބީ އެ ގައުމުގެ މަދަނީން ކަމަށް ސަރުކާރުން ބުނެ އެވެ.
ކުރީން ހީކުރެވުނު ގޮތާއި ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގެ ނަތީޖާ ވެސް ފެނެ އެވެ. އިންޑިއާ އިން ގެންދަނީ ރާއްޖެއާ އޮތް ގުޅުން ބަދަހިކޮށް އެ ގޮތުގައި ދަމަހައްޓަމުންނެވެ.