ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ސަރަހައްދުގެ އުޖާލާ ކަމާއި ފާގަތި މުސްތަގުބަލެއް ބިނާ ކުރުމަށް ކަމަށެވެ.
ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް އިންޑިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
އެމަނިކުފާނު ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ޓެގް ކުރައްވާ ޝުކުރު އަދާ ކުރައްވާފަ އެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާއި ބައްދަލްވުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ގުޅުން ވަރުގަދަވަމުންދާއިރު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގައި ގައުމުތަކުގެ ގުޅުން ބަދަހި ވަމުން ދާ ކަމަށެވެ. އެ ގޮތުން ސަލާމަތާއި ތަރައްގީއާ ސަގާފީ ކަންކަމުގައި ދެމުންދާ އެއްބާރުލުން ފާހަގަ ކުރެއްވި އެެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ ސަރަހައްދުގެ އުޖާލާ ކަމާއި ފާގަތި މުސްތަގުބަލެއް ބިނާ ކުރުމަށް ކަމަށެވެ.
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅު ކުރެއްވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރް، ދާދި ފަހުން ވަނީ ރައީސް މުއިއްޒުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ބައްދަލްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންދިއުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލި މައްސަލާ ގައި ދެ ގައުމުގެ ގުޅުން ހީނަރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ދެ ގައުމުން މަޝްވަރާގެ އުސޫލު ހިޔާރުކޮށް އެކަމުގައި އަމަލު ކުުރި ގޮތުން ދެ ގައުމުގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެއް ނުވެ އެވެ.
ރައީސް މުއިއްޒާއި ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަނީ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރަކަށް މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ވެސް ކުރައްވާފަ އެވެ.