އަމިއްލަފުށި ހުޅުވިތާ 10 އަހަރު | ބޮޑު ފައިދާ ޖައްސަައި ވިއްކާލަނީ

މި ރިސޯޓް ވިއްކާލުމުގައި މެދުވެރިއެއްގެ ގޮތުގައި އުޅެނީ ހައިއެންޑް ޕްރޮޕަޓީ ވިއްކާ ޖޭއެލްއެލް އިންނެވެ.

އަމިއްލަފުށި ރިސޯޓް : ވިއްކާލަން ދަނީ މަސައްކަތް ކުރަމުން -- އަމިއްލަފުށި

މީގެ 10 އަހަރު ކުރިން 2015 ވަނަ އަހަރު ރާއްޖޭގައި ހުޅުވި އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ އަމިއްލަފުށި ރިސޯޓް ވިއްކާލަން ސިންގަޕޫރުގެ ޖޭއެލްއެލް އިން ލިސްޓްކޮށްފި އެވެ.

ބޮޑެތި ޕްރޮޕަޓީތައް ވިއްކުމުގައި ހަރަކާތްތެރިވާ ސިންގަޕޫރުގެ ޖޭއެލްއެލްގެ ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުން ވަނީ އަމިއްލަ ފުށި ވިއްކާލަން ރަސްމީކޮށް ލިސްޓްކޮށްފަ އެވެ.

ހުޅުވިތާ 10 އަހަރު، ބޮޑު ފައިދާއެއް ހޯދާނެ

މި ރިސޯޓް ތަރައްގީ ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން އިންވެސްޓްމަންޓުންނެވެ. ގުދުރަތީ ގޮތުން ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ޔުނެސްކޯ ވޯލްޑް ބަޔޮސްފިއާ ރިޒާވްގައި ހުންނަ ލަގްޒަރީ ރިސޯޓަކީ މީގެ އަހަރުތަކެއްގެ ކުރީގައި އެންމެ މަޝްހޫރު ރާއްޖޭގެ ޓޫރިޒަމަށް މަތީ ފަންތީގެ އަގު ޖެއްސި ކޮޓަރި ވިއްކުމުގައި އެންމެ މަޝްހޫރު އެއް ރިސޯޓެވެ. މި ރިސޯޓު ތަރައްގީ ކުރި ކުންފުނިން ވަނީ އޭގެފަހުން މި ސިނާއަތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސީޕްލޭންގައި ދަތުރުކުރެވޭ 68 ވިލާ މި ރިސޯޓަކީ މިފަހުގެ ތާރީހުގައި އެންމެ މަތީ އަގެއްގައި ވިއްކޭނެ ރިސޯޓަކަށް ވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ޖޭއެލްއެލް އިން ދަނީ ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ވިއްކުމުގައި މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުވެސް ލަގްޒަރީ ރިސޯޓެއް ވިއްކާލާފަ އެވެ.

އެ ކުންފުނިން މިދިޔަ އަހަރު 200 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވެ އެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި ރާއްޖެއަކީ ޖޭއެލްއެލް އަށް ތެޔޮވަޅެއް ފަދަ ފައިދާ ބޮޑު ތަނެކެވެ. އެ ކުންފުނިން ރާއްޖޭގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭގައި ވިއްކި ރިސޯޓްތަކުގެ އަގު ދެ ބިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ޖޭއެލްއެލްގެ އަގު ބޮޑު ބައެއް މުއާމަލާތްތަށް

  • 2017 - ރަންދެލި ރިސޯޓް 215 މިލިއަން ޑޮލަރު
  • 2019 - ކޮންޑްރެޑް ރަންދެލި ރިސޯޓް 180 މިލިއަން ޑޮލަރު
  • 2019 - އަނަންތާރާ ދިގުރަށް / ނަލަދޫ 174 މިލިއަން ޑޮލަރު
  • 2022 - ޝެރެޓަން ފުލްމޫން 155 މިލިއަން ޑޮލަރު
  • 2023 - ގއ. އަމާރީ ހޮވަށްޑާ 60 މިލިއަން ޑޮލަރު

ޖޭއެލްއެލް އިން މިހާތަނަށް އަހަރެއްގެ މައްޗަށް އެންމެ ގިނަ ޕްރޮޕަޓީ ވިއްކާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުނިން އެންމެ މަތީ ފަންތި - އަޕްސްކޭލްގައި ވިއްކި ރިސޯޓުތަކުގެ އަދަދު 150 މިލިއަން ޑޮލަރަށް އަރަ އެވެ.

މި ސަރަހައްދުން ޕްރޮޕަޓީ ވިއްކުމުގައި ރާއްޖެއާ ވާދަ ކުރަން ބައެއް ގައުމުތަކުން ކައިރި ކުރި ނަމަވެސް ރާއްޖޭގައި ލިބޭ ވަރަށް އަގު ނުލިބޭކަން ޖޭއެލްއެލް އިން ފާހަގަ ކުރެ އެވެ. ރާއްޖޭގައި ވިއްކާ ރިސޯޓުތަކަށް ދުނިޔޭގެ އިންވެސްޓަރުންގެ މެދުގައި ބޮޑު އަގު ލިބޭ މައިގަނޑު ސަބަބަކީ ރާއްޖޭގައި އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓް ތަކެއް ހުރުމުންނެވެ. އޭގެ ސަބަބުން ރާއްޖޭގެ ރިސޯޓްތަކުގެ ކޮޓަރިއަކުން ލިބޭ އާމްދަނީ ނުވަތަ ރެވެނިއުޕާ އެވައިލަބަލް ރޫމް (އާރުއީވީޕޭއޭއާރު) މައްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.