ބައްޕާފުޅުގެ ދިފާއުގައި ފައިސަލް | ޔާމީނުގެ ހައްގުގައި ގަނަތެޅުނީ ބައްޕަ

ޕާޓީ ކޮޅަށްޖެހުމުގެ ހުރިހާ ޒިންމާއަކާއި ތަކުލީފެއް އުފުއްލެވުމަށް މަޑުކުރެއްވި ބޭފުޅަކީ ބައްޕާފުޅު އަބްދުއްރަހީމްކަން ފާހަގަކުރައްވަމުން ފައިސަލު ވިދާޅުވީ ރައީސް ޔާމީނަށްޓަކއި ގަނަތެޅިވަޑައިގަތީ ބައްޕާފުޅު ކަމަށެވެ.

މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ޕީއެންއެފްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފާޑުވިދާޅުވާތީ އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ފައިސަލް ބައްޕާފުޅު ދިފާއުކުރައްވަައި ރައީސް ޔާމީނަށް ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ރައީސް ޔާމީނަށްޓަކައި އޭނާގެ ބައްޕަ މެދުކެނޑުމެއްނެތި 20 އަހަރު، ވަރުބަލިކަމެއް ފޫހިކަމެއް ނެތި ސިޔާސީ އަޅުމަސައްކަތް ކުރއްވިކަމަށް މުޅި ދިވެހި ގައުމު ހެކިވާނެ ކަމަށެވެ. 

އަދި 2018 ވަނަ އަހަރު ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމް އޮޑި ފަރަށް އެރީ އޭނާގެ ބައްޕާފުޅު ހިމެނިވަޑައިގަންނަވާހެން ޕާޓީގެ އިސްވެރިންގެ ގިނަ ބަޔަކު ދުރަށް ޖއްސަވައި އެމަނިކުފާނުގެ އަނބިކަނބަލުން ލައްވައި ޕާޓީ ހިންގުވުމުގެ ސަބަބުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. 

އިތުރަށް ފައިސަލް ވިދާޅުވީ މުލިއާގޭގައި އެއިރު އޮތީ ސިހުރުގެ ތަށި ދުއްވުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަތްޕުޅުގައި ވެރިކަން ކާމިޔާބުކުރައްވަން ބޭނުންކުރައްވަން އެއިރު ނެތީ ހަމައެކަނި އަލާއުއްދީނުގެ ވޮއްގަނޑާއި އުދުހޭ މުސައްލައެއް ކަމަށެވެ. 

އޭގެ އިތުރަށް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުން ފެއިލުކޮށްލެއްވީ އެބޭފުޅުން އަޅުންގެ ގޮތުގައި ބޭތިއްބެވުމަށް ރޭވި ހީލަތްތެރި ރޭވުމެއްގެ ތެރެއިންކަމަށްވެސް ފައިސަލު ތުހުމަތު ކުރެއްވި އެވެ. 

އެވަގުތު ޕާޓީގެ ގިނަ އިސްވެރިންތަކެއް ޕާޓީ ދޫކުރައްވައި ވަޑައިގަތުމުން ޕާޓީ ކޮޅަށްޖެހުމުގެ ހުރިހާ ޒިންމާއަކާއި ތަކުލީފެއް އުފުއްލެވުމަށް މަޑުކުރެއްވި ބޭފުޅަކީ ބައްޕާފުޅު އަބްދުއްރަހީމްކަން ފާހަގަކުރައްވަމުން ފައިސަލަް ވިދާޅުވީ ރައީސް ޔާމީނަށްޓަކައި 24 ގަޑިއިރު ގަނަތެޅިވަޑައިގަތީ ބައްޕާފުޅުކަމަށް މުޅި ދިވެހި ގައުމު ހެކިވާނެ ކަމަށެވެ. 

"2019 ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ވޮޑަމުލާމައްސަލައިގައި މަނިކުފާނަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ އަޅުގަނޑުގެ ބައްޕަ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސްފަހުން މަނިކުފާނު އެނބުރި އައިއިރު، ޕާޓީ ގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ އަވައްޓެރީންނާއި ދުރުތިބީންގެ ދޮޅިދަށަން އަތްލައި މަނިކުފާނުގެ ހައްޤުގައި އަވަދިވަމުން ދިޔައީ އަޅުގަނޑުގެ ބައްޕަކަން މި ދިވެހި ޤައުމު ހެކިވާނެ.،" ފައިސަލް ލިޔުއްވި އެވެ. 

އަދި އަބްދުއްރަހީމަކީ އެއްވެސް އިލްމެއް ނެތް ކިޔަވައިވިދާޅުނުވާ ބޭފުޅެއްކަމަށް ވިދާޅުވެ އެމަނިކުފާނަށް ޕީއެންއެފްގެ ވެރިން މިހާރު ކުރައްވާ ފުރައްސާރައަށް ރައްދުދެއްވައި ފައިސަލްވަނީ އިދިކޮޅުގައި އެއިރު އޮތް ބިޔަ ބޮޑު ކޯލިޝަން ޔާމީނުގެ ޣައިރު ހާޒިރުގައި ހިންގަވަން ހަވާލުކުރެއްވީ ތައުލީމެއް ނެތް ތަންދޮރު އެނގިވަޑައިނުގަންނަވާ ބޭފުޅަކާތޯ އަދި އެއިރު އަބްދުއްރަހީމް ބަރާބަރުތޯ ސުވާލު ކުރައްވާފަ އެވެ. 

ފައިސަލް ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ރައީސް ޔާމީނުގެ ވެރިކަމުގައި ހެއްދެވުމުން އެކަމުގެ ބަދަލުހިފުމަށް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތް ހެދީ އެމްޑީޕީންނެވެ. އެ ހާލަތުގައި އިދިކޮޅު ކޯލިޝަނުން ކެނޑިޑޭޓަކު ނުނެރުއްވުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅަކީ ކެހިވެރި ރޭވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. 

"2023 ގެ ރިޔާސީ ޓިކެޓުގައި މަނިކުފާނުގެ ނަން ނުބޭއްވީ އެމް.ޑީޕީންނެވެ. އެއީ އެމީހުންގެ ކެނޑިޑޭޓު ރައީސް ނަޝީދުގެ ކެނޑިޑެސީ މަނިކުފާނު އިސްވެހުރެ 2018 ގައި ދުއްވާލުމުގެ ބަދަލުގައި. މިހެން ވާނެކަން އިނގިހުރެ، އިދިކޮޅު އެންމެ ބޮޑު ކޯލިޝަން އިން ކެނޑިޑޭޓަކު ނުނެރި މުޅި ޤައުމު އެމްޑީޕީ އަތަށް ދެވަނަ ދައުރަކަށް ދޭންމަނިކުފާނު ނިންމީ މަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމުގެ ކެހިވެރި ނިޔަތުގަ،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.