ގަތުލުއާންމު ކުރިއަށްދަނިކޮށް އެމެރިކާއިން އިސްރާއީލަށް 3.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެނީ

އެމެރިކާއިން ދޭ އެހީގެ ތެރެއިން މިންވަރެެއް ލިބޭ އިސްރާއީލުގެ އަސްކަރީ ޔުނިޓުތަކުގެ ތެރޭގައި ޣައްޒާގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ތުހުމަތުވާ ޔުނިޓެއް ހިމެނެ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ކުރިއަށްދަނިކޮށް އިތުރު 3.5 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން އިސްރާއީލަށް ދިނުމަށް އެމެރިކާއިން ނިންމައިފި އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުގެ ތަރުޖަމާނެއް ހުކުރުދުވަހު ވިދާޅުވީ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އިސްރާއީލަށް އަސްކަރީ އެހީގެ ގޮތުގައި އެތައް ބިލިއަން ޑޮލަރެއް ދޫކުރަން ނިންމާފައިވާކަން އެ ޑިޕާޓުމެންޓުން ކޮންގުރެސްއަށް ބުރާސްފަތިދުވަހު އަންގާފައިވާ ކަމަށެވެ. 

މި ފައިސާއަކީ އޭޕްރީލު މަހުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި 14.5 ބިލިއަން ޑޮލަރުގެ އިސްރާއީލަށް ފަންޑުކުރުމުގެ ހާއްސަ ބިލެއްގެ ދަށުން ދޫކުރާ ފައިސާ އެވެ. މި ބިލުގެ ދަށުން ދޫކުރާ ފައިސާއަކީ ކޮންމެ އަހަރަކު އެމެރިކާއިން އިސްރާއީލަށް ދެމުންދާ 3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ އިތުރަށް ދޫކުރަން ކަނޑައެޅި ފައިސާ އެވެ. 

އެމެރިކާއިން ދޭ އެހީގެ ތެރެއިން މިންވަރެެއް ލިބޭ އިސްރާއީލުގެ އަސްކަރީ ޔުނިޓުތަކުގެ ތެރޭގައި ޣައްޒާގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ތުހުމަތުވާ ޔުނިޓެއް ހިމެނެ އެވެ. ސްޓޭޓް ޑިޕާޓުމެންޓުންވަނީ އެ ޔުނިޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅުމަށް ނިންމާފަ އެވެ. އެ ޔުނިޓުން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތަކާމެދު ހިތްހަމަޖެހޭކަމަށްވެސް އެ ޑިޕާޓުމެންޓުން ބުންޏެވެ. 

އެ ޔުނިޓަކީ ކޮބައިކަން އެމެރިކާއިން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ބައިނަލްއަގުވާމީ މީޑިއާއިން ތުހުމަތުކުރާ ގޮތުގައި އެއީ ނެޓްޒާ ޔެހޫދާ ބެޓަލިއަން އެވެ. އެއީ އާންމުކޮށް ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޔުނިޓެކެވެ. 

އެ ޔުނިޓަކީ ފަލަސްތީނުގެ މަދަނީންނަށް އަނިޔާކުރުމުގެ ތުހުމަތު އަމާޒުވެފައިވާ ޔުނިޓެކެވެ. އެގޮތުން 2022 ވަނަ އަހަރުގައި އެމެރިކާގެ ރައްޔިތުކަން އޮންނަ ފަލަސްތީނުގެ 78 އަހަރުގެ މީހަކު މަރައިލިކަމުގެ ތުހުމަތު އެ ބެޓަލިއަންއަށް އަމާޒުވެ އެވެ. 

އެ ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިނުލަން އެމެރިކާއިން ނިންމާފައިވާއިރު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ގައުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.