ބަންގުލަދޭޝްގެ އާ ލީޑަރު | ޔޫނުސްގެ މާޒީން ދެތިން ސަފުހާ

ޔޫނުސަކީ އިޖުތިމާއީ ވިޔަފާރީގެ އުފެއްދުންތެރި އީޖާދީ ހިޔާލުތައް އުފަންކުރެއްވި ނޯބަލް އިނާމު ހާސިލުކުރައްވާފައިވާ އިގުތިސާދީ މާހިރެއް އަދި ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ފާޑުވިދާޅުވި ބޭފުޅެކެވެ.

ޔޫނުސް ގައުމާ މުހާތަބުކުރައްވަނީ

ފަގީރުންގެ ބޭންކަރުގެ ގޮތުގައި މަޝްހޫރު މުހައްމަދު ޔޫނުސަކީ ނޯބަލް އިނާމު ހާސިލުކުރައްވާފައިވާ އިގުތިސާދީ ދާއިރާގެ މާހިރެކެވެ. ވަގުތީ ގޮތުން ބަންގުލަދޭޝް ހިންގެވުމަށް އެ ގައުމުގެ ޒުވާނުން އެދުމުން އެކަމަށް އިޖާބަދެއްވައި އިންތިގާލީ ސަރުކާރުގެ ވެރިޔާގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ އިހަކަށް ދުވަހުއެވެ. 

އުމުރުފުޅުން 84 އަހަރުގެ ޔޫނުސް ގިނަ ބަޔަކަށް އެނގޭނީ އިޖުތިމާއީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. މައިކްރޯފައިނޭންސިން ދާއިރާ ވުޖޫދުކުރައްވައި ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ޔޫނުސަށް ނޯބަލް އިނާމު ލިބިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. އޭނާއަށް އެ އިނާމު ލިބިވަޑައިގަތީ ބަންގުލަދޭޝްގަައި ފަގީރުކަން ނައްތައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާ ގުޅިގެންނެވެ. 

އޭގެ އިތުރަށް އޭނާއަކީ ފާއިތުވި ހަފުތާ ބޮޑުވަޒީރުގެ މަގާމު ދޫކުރައްވައި ބަންގްލަދޭޝުން ދުރަށް ވަޑައިގެންނެވި ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށާއި އޭނާގެ ހުދުމުހުތާރު ވެރިކަމަށް ފާޑުވިދާޅުވި ބޭފުޅެކެވެ. 

ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ދެއްވި ހިތާބުގައި ޔޫނުސް ގޮވައިލެއްވީ ގާނޫނުގެ ވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށެވެ. "ނަފުރަތާއި ނިޒާމު ނެތިދިއުމަކީ ޑިމޮކްރަސީގެ ދުޝްމަނުން"ކަމަށް ސިފަކުރައްވަމުން އޭނާ ބަންގާޅު ޒުވާނުންނާއި ރައްޔިތުންނަށް އިލްތިމާސްކުރެއްވީ ގައުމު އާރާސްތުކޮށް ބިނާކުރުމުގެ މަސައްކަތަށް ހުރިހާ ސަމާލުކަމެއް އަނބުރައިލުމަށެވެ. 

ޔޫނުސަކީ ކޮން ބޭފުޅެއް؟

ބަންގުލަދޭޝްގެ ދެކުނުއިރުމަތީ ޝަހަރެއްކަމަށްވާ ޗިޓަގޮންގަށް 1940 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޔޫނުސް މަތީ ތައުލީމު ހާސިލުކުރެއްވީ ދާކާ ޔުނިވާސިޓީންނެވެ. އެމެރިކާގެ ފުލްބްރައިޓް ސްކޮލާޝިޕް ހާސިލުކުރައްވައިގެން އެގައުމަށް ވަޑައިގެން ވެޑަބިލްޓް ޔުނިވަސިޓީން އިކޮނޮމިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި އެވެ. 

ބަންގުލަދޭޝް ޕާކިސްތާނުން މިނިވަންވިތާ އަހަރު ދުވަސް ފަހުން 1972 ވަނަ އަހަރު އަނބުރާ ގައުމަށް ވަޑައިގެން ޗިޓަގޮންގް ޔުނިވަސިޓީގައި ކިޔަވައިދެއްވަން ފެއްޓެވިތާ ކުރު މުއްދަތެއްގެ ތެރޭގައި ބަންގުލަދޭޝަށް ބޮޑު ކާރިސާއެއް ކުރިމަތިވި އެވެ. 1974 ވަނަ އަހަރު ކުރިމަތިވި ހައިހޫނުކަމުގައި 1.5 މިލިއަން މީހުން އެ ގައުމުން މަރުވި އެވެ. 

އެ ދުވަސްވަރު ކުރިމަތިވި ހައިހޫނުކަމާއި ފަގީރުކަން ފެނިވަޑައިގެން ގައުމުގެ ރައްޔިތުންނަށް އެހީތެރިވެދެއްވުމުގެ ގޮތުން ޔުނިވާސިޓީ ދޫކުރައްވައި ކުދި ލޯނުތައް ދޫކުރަން ގްރަމީން ބޭންކުގެ ނަމުގައި ބޭންކެއް ގާއިމުކުރެއްވި އެވެ. ކުދި ލޯނުތައް ދޫކޮށްގެން ފަގީރުކަން ނައްތައިލުމުގައި ނަމޫނާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގްރަމީންގެ މަސައްކަތަށް ބަލަން ފެށި އެވެ. 

މަޑުމަޑުން ފުޅާވަމުން ގޮސް ގްރަމީން ބޭންކަކީ މިހާރު ދުނިޔޭގެ އެތައް ގައުމެއްގައި އެ ބޭންކެއްގެ ގޮފިތައް ގާއިމުވެފައިވާ ބައިނަލްއަގުވާމީ ބޭންކެކެވެ. 

ގެދޮރުވެރިކަމާއި، ތައުލީމަށާއި، ކުދި ވިޔަފާރިތަކަށާއި ހާއްސަކޮށް ބަންގުލަދޭޝްގެ އަންހެނުންނަށް އެހީތެރިވުމަށް 6 ބިލިއަނެއްހައި ޑޮލަރުގެ ލޯނު ދޫކުރިފަހުން 2006 ވަނަ އަހަރު ގްރަމީން ބޭންކާއި ޔޫނުސަށް ނޯބަލް ސުލްހައިގެ އިނާމު ދިނެވެ. 

ޔޫނުސް ހުވައިކުރެއްވުމަށްފަހު

ހަސީނާގެ ސަރުކާރާ ފުށުއެރުން

މާޒީގައި ޔޫނުސްވަނީ ތަފާތު އެތައް ފަހަރެއްގެ މަތިން ހަސީނާއަށް ފާޑުވިދާޅުވެފައެވެ. އަދި ހަސީނާވެސް ރައްދުގައި ޔޫނުސަށް އެކި ތުހުމަތުތައް އަމާޒުކުރައްވާފައިވެ އެވެ. އެގޮތުން ޔޫނުސަކީ ފަގީރުންގެ ލޭ ބޯ ބޭފުޅެއްގެ ގޮތުގައި ހަސީނާވަނީ ސިފަކުރައްވާފަ އެވެ. 

2007 ވަނަ އަހަރު ޔޫނުސްވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހިޔާލު ފާޅުކުރައްވާފަ އެވެ. އެއާއެކު އަލަށް ސިޔާސީ މަސައްކަތަށް ނުކުންނަ މީހުންނާމެދު ބަލަންޖެހޭނީ ޝައްކުގެ ނަޒަރަކުން ކަމުގައި ވިދާޅުވެ ހަސީނާ ފާޑުވިދާޅުވި އެވެ. ޕާޓީ އުފެއްދެވުމުގެ ހިޔާލުފުޅު ޔޫނުސް ފަހުން ދޫކޮށްލެއްވީ އެވެ. 

2011 ވަނަ އަހަރު ހަސީނާގެ ފުރިހަމަ ބާރުވެރިކަން ހިނގާ މަރުކަޒީ ބޭންކުން ގްރަމީން ބޭންކުގެ ސީއީއޯގެ މަގާމުން ޔޫނުސް ދުރުކުރި އެވެ. ސަބަބެއްކަމަށް ބުނީ އެ މަގާމުގައި ހުންނެވޭ ވަރަށްވުރެ ޔޫނުސް މުސްކުޅިފުޅުވީ ކަމަށެވެ. 

އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި އަބުރަށް އެރުމުގެ ތުހުމަތާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައްސަލައަކާއި ޓެކްސް އޮޅުވައިލުމުގެ ތުހުމަތު ފަދަ ތަފާތު މައްސަލަތަކުގައި އޭނާ ކޯޓަށް ދަމައި ހެދި އެވެ. 

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފުވެވަޑައިގެންފައިވާކަމަށް ބުނެ ބަންގުލަދޭޝް ކޯޓަކުން ޔޫނުސްގެ މައްޗަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އިއްވީ ޖަނަވަރީ މަހު އެވެ. މި ހަފުތާ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކޯޓުން އެ ހުކުމްވަނީ ބާތިލުކޮށްފަ އެވެ. 

ޔޫނުސް ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް އުފުލާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ދައުވާތަކެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ސިފަކުރާ ގޮތުގައި އެ ހުރިހާ ދައުވާތަކަކީވެސް ސިޔާސީ މަގުސަދެއްގައި އުފުލި ދައުވާތަކެކެވެ. 

ނަމަވެސް ހަސީނާގެ ސަރުކާރުން ބުނަމުން އައިސްފައިވަނީ ޔޫނުސާމެދު އަޅާފައިވާ އެއްވެސް ފިޔަވަޅަކީ ސިޔާސީ ނިޔަތެއްގައި އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. 

ބަންގުލަދޭޝްގެ މުޒާހަރާތަކުގެ ތެރެއިން

ދެން އޮތް މަރުހަލާ

މާހިރުން ވިދާޅުވާ ގޮތުގައި ޔޫނުސްގެ ކުރިފުޅުމަތީ އޮތީ ގޮންޖެހުންތައް ގިނަ އުދަގޫ މަސައްކަތެކެވެ. ފުރަތަމަ ގޮންޖެހުމަކީ ގައުމުގައި ގާނޫނީ ނިޒާމު އަނބުރާ އިއާދަކުރެއްވުމެވެ. އަދި މުޖުތަމައުގައި މިހާރު އޮތް އިތުބާރުގެ ހުސްކަން ފުރައި ސަރުކާރަށާއި ދައުލަތަށް ރައްޔިތުންގެ އިތުބާރު އިއާދަކުރެއްވުމަކީ ދެވަނަ ގޮންޖެހުމެވެ. 

މާހިރުން ވިދާޅުވާ ގޮތުގައި އާންމުން އެ ގައުމުގެ ފުލުހުންނާއި ޖުޑީޝަރީއާއި އެނޫންވެސް ދައުލަތުގެ މުއައްސަސާތަކަށް އިތުބާރެއް ނުކުރެ އެވެ. އެ އިތުބާރު ހޯދުންވާނީ ވަރަށް އުދަގޫ އެހާމެ ދަތި ކަމަކަށެވެ. 

ބަންގުލަދޭޝުގައި މުޒާހަރާތަކާއި އިހުތިޖާޖުތައް ފަޅަައިގެންދިޔަ އެއް ސަބަބުކަމަށްވާ އިންސާފުވެރި މިނިވަން އިންތިހާބުތަކެއް ނެތުމުގެ މައްސަލަ ހައްލުކޮށް ހުޅުވާލެވިފައިވާ އަދުލުވެރި އިންތިހާބަކަށް މަގުކޮށްޓެވުމަކީވެސް ޔޫނުސް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެކެވެ. 

ފާއިތުވި ހަފުތާތަކުގައި ހަސީނާގެ ސަރުކާރުން ގެންގުޅުނު އަނިޔާވެރި ސިޔާސަތުތަކާ ގުޅިގެން އިންސާފު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސެވުމަކީވެސް ޔޫނުސަށް ކުރިމަތިލައްވަންޖެހިވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.