އެކްސް ގައި ޕޯސްޓެއް ކުރައްވާ ރައީސް މުއިއްޒު ވަނީ ޔޫނުސް އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާގެ ޒައާމަތުގައި އެ ގައުމަށް ތަރައްގީއާ ކުރިއެރުމަށް އެދިވަޑައިގެންނެވި އެވެ.
އަވައްޓެރި ބަންގްލަދޭޝްގެ ވަގުތީ ވެރިއަކަށް ހަމަޖެއްސެވި މުހައްމަދު ޔޫނުސް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ފެށި ސިލްސިލާ މުޒާހާރަތައް އެންމެ ފަހުން ބޮޑު ހަމަނުޖެހުމަށް ބަދަލުވެ ބޮޑު ލޭއޮހޮރުވުމަކާ ދިމާއަށް މިސްރާބު ޖަހާފައި ވަނިކޮށް ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ އެ ގައުމު ވެސް ދޫކުރައްވާ ވަޑައިގެންފަ އެވެ.
އަސްކަރިއްޔާގެ އެހީތެރިކަމާ އެކު އެ ގައުމުގެ މައި ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ވަގުތީ ސަރުކާރެއް ވަނީ އެކުލަވާފަ އެވެ. ވެރިއަކަށް ހަމަޖެއްސެވީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މުހައްމަދު ޔޫނުސް އެވެ. އޭނާ އަކީ ނޯބެލް އިނާމު ވެސް ހާސިލުކުރައްވާފައިވާ ބަންގްލަދޭޝް ގައި ވަރަށް މަގުބޫލު ލީޑަރެކެވެ.
އެކްސް ގައި ޕޯސްޓެއް ކުރައްވާ ރައީސް މުއިއްޒު ވަނީ ޔޫނުސް އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އޭނާގެ ޒައާމަތުގައި އެ ގައުމަށް ތަރައްގީއާ ކުރިއެރުމަށް އެދިވަޑައިގެންނެވި އެވެ.
އުމުރުން 84 އަހަރުފުޅުގެ ޔޫނުސް ވަނީ މަގާމާއި ހަވާލުވެވަޑައިގަތުމަށް ބަންގްލަދޭޝް އަށް މިއަދު ވަޑައިގެންފަ އެވެ. އިގްތިސާދީ ތަޖުރިބާކާރެއް ކަަމަށްވާ ޔޫނުސް ސިފަ ކުރެއްވި ގޮތުގައި ބަންގަލްދޭޝް އަށް މިއީ ދެވަނަ ފަހަރަށް މިނިވަން ކަން ލިބުން ފަދަ ކަމެކެވެ.
ބޮޑު ހަލަބޮލި ކަމެއްގައި އޮތް ބަންގަލްދޭޝް އަލުން ހަމައަޅުވާ އިންސާފުން އެއްކިބާވެފައިވާ ކަންކަން އިންސާފުގެ މަގަށް ގެނެސް މިދިޔަ ދުވަސްތަކުގައި ހިނގާދިޔަ ގާނޫނާއި ހިލާފު ކަންކަން ހަމައަކަށް އެޅުވުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް ބަންގްލަދޭޝް ގައި ހަސީނާއަށް ތާއީދު ކުރާ އެތައް މިލިއަން ބަޔަކު އެބަ ތިއްބެވެ.