މި ކައުންސިލަކީ އިލްމީ ދިރާސާތައް ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަޔާ އެޑިޔުކޭޝަނުން އެކުލަވައިލާ، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ގައުމީ ދިރާސާ ކައުންސިލަށް މެންބަރުން އައްޔަނުކުރަން މެންބަރު ކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ ދިރާސާ ކައުންސިލަކީ ދިވެހިރާއްޖޭގައި އިލްމީ ދިރާސާތައް ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކާ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އެކުލަވައިލާ، ނުވަ މެންބަރުންގެ މައްޗަށް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލްގެ މެންބަރުންނަކީ "ގައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާ ގައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ ވެސް މެންބަރުންނެވެ.
އެ ކައުންސިލްގެ މަސައްކަތްތަކަކީ؛
މި ކައުންސިލްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހުންގެ ތެރެއިން ދެ މީހަކާއި ރާއްޖޭގެ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން މީހެކެވެ.
ދިރާސާކުރުމުގެ ދާއިރާގައި އަމަލީގޮތުން ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ ދެ މެންބަރުން ހޮވުމުގައި ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ ދިރާސާގެ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓް ކުރެއްވި މެންބަރު ރިސާޗް މަސައްކަތްތަކުގައި އުޅެފައިވާ މިންވަރަށް ބެލޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ މެންބަރު ހޮވުމުގައި، ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓް ކުރި މެންބަރު އެފަދަ މަސައްކަތްތަކުގައި އުޅެފައިވާ މިންވަރަށް ވެސް ބެލޭނެ އެވެ. ކައުންސިލަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓެވެ.
މިނިސްޓްރީން ވަނީ މި ދެ ދާއިރާއިން ތިން މެންބަރުން އައްޔަނުކުރުމަށްޓަކައި، ނޮމިނޭޝަންތައް ފޮނުއްވާ މުއައްސަސާތަކުން ކޮށްފައިވާ ކަމާ ގުޅޭ މަސައްކަތްތަކުގެ މައުލޫމާތު ހިމެނޭ ލިޔުމަކާ އެކު ނޮމިނޭޓް ކުރާ ގާބިލު މީހުންގެ މައުލޫމާތު ފޮނުވަން ވަނީ އެދިފަ އެވެ.