"ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރަށްފަހު ވަރަށް ކަންކަން ޕޮޒިޓިވްކޮށް ބަދަލުވެގެން އައިތަން ފެނުނު. އެހެންވީމަ ކުރިއަށް އޮތްތާނގަ އަޅުގަނޑުމެން ގަބޫލުކުރަނީ އިންޑިއާ މާކެޓް ވަރަށް ބޮޑަށް ފުޅާ ވެގެން ދާނެ ކަމަށް،" ޝިއުރީ ވިދާޅުވި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާއިން ރާއްޖެއާމެދު އޮތް ނުތަނަވަސްކަން ކުޑަވެ، ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
އިންޑީއާގައި ޓޫރިޒަމް މާކެޓް ކުރަން ބޭއްވި ބޮޑު ރޯޑް ޝޯއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިއުރީ ވިދާޅުވީ އިންޑިއާ މާކެޓް ހަވަނައިގަ އޮތް އަތުމަކީ އެއްގޮތަކަށް ވެސް ބަލަން ބޭނުންވާ ތަނެއް ނޫން ކަމަށެވެ.
އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާން ދިމާވި އެއް ސަބަބުގެ ތެރޭގައި، ސަރުކާރުގެ ބައެއް އިސްވެރިން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔުން ހިމެނެ އެވެ. އޭގެ ސަބަބުން އިންޑިއާގެ މަޝްހޫރު ތަރިން ރާއްޖެއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވެސް ހިންގާފައިވެ އެވެ.
"ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރަށްފަހު ވަރަށް ކަންކަން ޕޮޒިޓިވްކޮށް ބަދަލުވެގެން އައިތަން ފެނުނު. އެހެންވީމަ ކުރިއަށް އޮތްތާނގަ އަޅުގަނޑުމެން ގަބޫލުކުރަނީ އިންޑިއާ މާކެޓް ވަރަށް ބޮޑަށް ފުޅާ ވެގެން ދާނެ ކަމަށް،" ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ ރައީސްގެ ދަތުރުފުޅަށްފަހު އިންޑިއާއިން ރާއްޖެއާމެދު އޮތް ނުތަނަވަސްކަން ކުޑަވެ، މަޝްހޫރު ތަރިން އައިސް ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭނުތައް ވެސް މިހާރު ހިންގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ދާދި ފަހުން ރާއްޖެ އައި ބޮލީވުޑް ތަރި މަލައިކާ އަރޯރާ އަދި ލަވަކިޔުންތެރިޔާ ޝާން ރާއްޖެ ޕްރޮމޯޓް ކޮށްފައިވާކަން ޝިއުރީ ފާހަގަކުރެއްވި އެވެ.
"ކުރީގަ އޮތް އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް ފިލައިގެން ގޮސްފި. ސްޓާރުން ވެސް ސޯޝަލް މީޑިއާގަ ޕޯސްޓް ކުރުމާ މިކަންތައްތައް ވެސް އެބަ ކުރޭ،" ޝިއުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ބޮޑު ތިން ސިޓީގައި ބޭއްވި ރޯޑް ޝޯ ވަރަށް ކާމިޔާބު ކަމަށާއި މި ހަރަކާތުގެ ތެރެއިން އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއި ސިވިލް އޭވިއޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި، ކުދި ސިޓީތަކުގައިވެސް ރޯޑް ޝޯޓައް ބާއްވަން އެބޭފުޅުން ހިޔާލު ދެއްވާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މިހުރިހާ ކަމަކީ އިންޑިއާ މާކެޓް އަނެއްކާވެސް ރާއްޖޭގެ ޓޮޕް ތިނަކަށް އަންނާނެ ކަމުގެ ފެހި ސިގްނަލެއް ކަމުގައި ވެސް ޝިއުރީ ވިދާޅުވި އެވެ.