ވަޒީފާއިން ވަކިކުރާ މައްސަލަ | އެމްޑީޕީ ސީދާ ހަރަކާތަށް ނިކުންނަނީ

ގައުމީ މަޖިލީހުހުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އެމަންޒަރު ބަލަން ނުތިބެ ވަޒީފައިން ވަކިކުރަމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ސީދާ ހަރަކާތަށް ނުކުންނަންޖެހޭނަމަ އެކަންވެސް އެ ޕާޓީން ކުރަންޖެހޭ ކަމަށެވެ.

ނުހައްގުން ގިނަ އަދަދެއްގެ ބަޔަކު މި ސަރުކާރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެ ސީދާ ހަރަކާތަށް ނިކުންނަންޖެހޭނަމަ އެކަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ. 

ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

އަންވަރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެއްވެސް އިމެއް އަދި އިންސާފެއް ނެތި ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. އަދި އެއީ އެމްޑީޕީން ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ އެމަންޒަރު ބަލަން ނުތިބެ ވަޒީފައިން ވަކިކުރަމުންދާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ސީދާ ހަރަކާތަށް ނުކުންނަންޖެހޭނަމަ އެކަންވެސް އެ ޕާޓީން ކުރަންޖެހޭ ކަމަށެވެ. 

މި ގަރާރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވީ ކޮންމެ ދިވެއްސަަކަށް ލިބޭ ގެއްލުމަކީ އެ ޕާޓީން އެކަމާމެދު ކަންބޮޑުވާނެ އަދި އެކަމަކާމެދު އަޑުއުފުލާނެ ކަމެއް ކަމަށެވެ. 

އަދި މިހާރު ވަޒީފާއިން މީހުން ވަކިކުރަމުންދާ މައްސަލަައަކީ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކުރަންޖެހޭ ކަމެއް ކަމުގައިވާނަމަ އެ ޕާޓީން އެކަމުގައި އަޑުއުފުލައި އިހުތިޖާޖުކުރުމަށް ފަސްނުޖެހޭނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ. 

ރޭ އެމްޑީޕީ ގައުމީ މަޖިލީހުންވަނީ ވަޒީފާއިން މީހުން ވަކިކުރާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ފާސްކޮށްފަ އެވެ. 

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ނައިބުރައީސް ހިސާން ހުސައިނާއި، ލީގަލް ޑިރެކްޓާ މަހުފޫޒު ސައީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫޒު ޒާކިރާއި، އަލިފުށީ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ)ގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާކިރު އަބްދުއްރަހުމާނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.