ގައުމަށް ގެއްލުން ލިބެނީ ސަރުކާރުގެ ގޮތެއް ނެތީމަ: ޝާހިދު

"މިކަންކަން މިގޮތަށް ދާއިރު ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް، އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސެންޓް ދަށްވެއްޖެ،"

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

ގައުމަށް މިއަދު އެކި ގޮތްގޮތުން ގެއްލުންތައް ވަމުން ދަނީ ސަރުކާރުން އަމަލުތައް ބަހައްޓަމުންދާ ގޮތުން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީން ވަރަށް ބުރަ މަސައްކަތް ކޮށްގެން ގާނޫނުއަސާސީން ހައްގުތަކެއް ކަށަވަރު ކޮށްދިން ނަމަވެސް، މިއަދު އެ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ބާރުތައް އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، މިނިވަން މުއައްސަސާތައް އުވާލައި، ލާމަރުކަޒީ ނިޒާމު ވެސް ރައްޔިތުންގެ މަޖިލީސް ތެރެއިން އުވާލަން އުޅޭ ކަމުގެ ތުހުމަތު ކުރެއްވި އެވެ. އަދި، ވެރިކަމާއި މަޖިލީހުގެ މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުން މި ސަރުކާރަށް 9 މަސް ފުރިގެންދާއިރު ރައްޔިތުން ނުކުމެވަޑައިގެން ރަށުތެރެ ބައްލަވާލައްވާ އަމިއްލަ ނަފްސާ ސުވާލުކޮށްލާށޭ، ތިމަންނަގެ މި ރަށުގައި ހިގަނމުންދަނީ ތަރައްގީގެ ކޮން މަޝްރޫއެއްތޯ. ހަމަ އެއްކަމެއް ވެސް ނުހިނގާ. ހުރިހާ ކަމެއް ހުއްޓިފަ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ދެން ފާހަގަކުރެއްވީ އިދިކޮޅުގައި އޮތް އިތުރު ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ވާހަކަ އެވެ. ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކު ގައުމުތަކާ ޖެހިގަނެ، ގައުމުތަކާ ގުޅުން ކެނޑުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭރު ވެސް ދެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭރު އިންޑިއާ އައުޓް ގޮވާފައި މިއަދު ކިޔަމުން ދަނީ "ވެލްކަމް އިންޑިއާ" ކަމަށް މަޒާޖީ ގޮތަކަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ އެހީތައް އިންޑިއާއިން އަބަދު ވެސް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް ކަމެއް ޖެހޭ ހިނދު އެންމެ އަވަހަށް އެހީވާ ގައުމު ކަމަށެވެ.

"މިކަންކަން މިގޮތަށް ދާއިރު ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް، އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސެންޓް ދަށްވެއްޖެ. އޭގެ ސަބަބުން ރިސޯޓުތައް ފަޅުވެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިވަނީ އިންތިހާޔަށް ދަށަށް ގޮސްފަ،" ޝާހިދު ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން އެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އިންޑިއާގެ ފަރާތުން ރާއްޖެއަށް އިތުރު އެހީތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.