ގަވާއިދަށް ގެނައި ބަދަލާއެކު ބިލުތައް ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުލިބޭ: ނާޒިލު

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލު، ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ސަބަބުން މަޖިލީހަށް ހުށަހަޅާ ބިލުތައް ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުލިބޭކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ވިދާޅުވެއްޖެ އެވެ. 

ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލު ވިދާޅުވީ ކުރިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ބިލާމެދު ބަހުސްކުރަން ފެށުމުގެ ކުރިން ތިން ދުވަހުގެ މުހުލަތެއް މެންބަރުންނަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް 20 ވަނަ މަޖިލީހުގެ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ބިލެއްގެ ފުރަތަމަަ ކިޔުން އިއްވުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލަށް ބަހުސްކުރަން ފެށޭކަން ފާހަގަކުރައްވައި ނާޒިލު ވިދާޅުވީ އެއީ ބިލަށް ބަހުސްކުރަން ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. 

ނާޒިލު ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅޭ ގިނަ ބިލުތަކަކީ ވަރަށް ބޮޑަށް ދިރާސާކުރަންޖެހޭ އަދި ވަރަށް ބޮޑަށް ކިޔަންޖެހޭ ބިލުތަކަކެވެ. އަދި ގިނަ ބިލުތަކަކީ ބޮޑެތި ބިލުތަކެއްކަމުންނާއި، ހުރިހާ މެންބަރުންނަކީ ހުށަހެޅޭ ކޮންމެ ބިލަކާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާނެ ބޭފުޅުންނަށް ނުވާތީ ބިލުތައް ދިރާސާކުރައްވަން އެ ބޭފުޅުންނަށް ވަގުތު ބޭނުންވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

"މަޖިލިސް މެންބަރުންގެ ތެރޭގައި އަޅުގަނޑުމެންގެ އެމްޑީޕީގެ މެންބަރުން ނޫން އެހެން މެންބަރުންގެ މެދުގައިވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް އެކަންތަކާ.،" ނާޒިލު ވިދާޅުވި އެވެ. 

މިސާލެއްގެ ގޮތުން ނާޒިލު ފާހަގަކުރެއްވީ ފާއިތުވި ހޯމަދުވަހު ފުރަތަމަ ކިޔުން އިއްވި އިންޝުއަރެންސް ބިލެވެ. ޖެހިގެންއައި އަންގާރަދުވަހު އެ ބިލުގެ ބަހުސް މަޖިލީހުގައި ފެށިގެންދިޔައިރު، އެކަށީގެންވާ ގޮތަކަށް ބިލު ދިރާސާނުކުރެވޭތީ ރަނގަޅު އޮއްޓަރު ހުރި ބަހުސެއް މަޖިލީހުގެ ތަޅުމުގައި ކުރިއަށްނުގެންދެވުނު ކަމުގައި އޭނާ ވިދާޅުވި އެވެ. 

13 ބާބުގެ މައްޗަށް އެކުލެވޭ 98 ސަފުހާގެ ބިލު ވިދާޅުވުމަށްފަހު މެންބަރުން އެބިލާ ގުޅޭ މައުލޫމާތު ހޯއްދެވުމަކީ އެކަށީގެންވާ ގޮތެއްގައި ބިލާމެދު ބަހުސްކުރެއްވުމަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައި ފާހަގަކުރައްވައި ނާޒިލު ތުހުމަތުކުރެއްވި ގޮތުގައި މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަކީ ސަރުކާރުން ބޭނުންވާ ކަންކަން އަވަަސް އަރުވާލައިގެން ނިންމުމަށް ގެނައި އިސްލާހުތަކެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.