"ސަރުކާރަށް އެހީވެގެން ވެސް ގައުމު ސަލާމަތް ކުރަން މަސައްކަތް ކުރާނަން"

"ސަރުކާރަށް އެހީތެރިވެގެން ވެސް މި ގައުމު ކަޅު އަނދިރި އަނދަވަޅަކަށް ވެއްޓުނަ ނުދޭން ކުރާ ހުރިހާ މަސައްކަތެއް ކުރަން އެބަ ޖެހޭ،"

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު -- ފޮޓޯ: އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ގައުމު އަނދަވަޅަކަށް ވެއްޓުނަނުދީ ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދުވަސްތަކަކަށްފަހު ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ވަރަށް ބުރަ މަސައްކަތުން ގާނޫނުއަސާސީން ހޯދި ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ. ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ނުބައި ސިގުނަލެއް ކަމަށާއި މިއީ އެމްޑީޕީން ޖާގަ ދޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، "ސަރުކާރަށް އެހީތެރިވެގެން ވެސް މި ގައުމު ކަޅު އަނދިރި އަނދަވަޅަކަށް ވެއްޓުނަ ނުދޭން ކުރާ ހުރިހާ މަސައްކަތެއް ކުރަން އެބަ ޖެހޭ،" 

ފައްޔާޒް ވިދާޅުވީ މިހާތަނަށް އެޕާޓީން އެކި ގޮތްގޮތަށް އިދިކޮޅުގެ އަޑު ސަރުކާރަށް އިއްވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ނުކުރެވޭ ކަންކަން ވެސް ސަރުކާރުން ޖަހަމުން ދަނީ އެމްޑީޕީގެ "ބޮލަށް" ކަމަށާއި، އެހެންކަމުން ޕާޓީގެ އަޑު މިއަދު އިއްވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

"މި ތަނުގައި ދެއްކެވުނު އެކިއެކި ވާހަކައިގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ އެނގޭ މިއަދު ދިވެހި ރައްޔިތުންނަށް އެބަ ބޭނުންވޭ ކަން މިހާރު މި އޮތް ވަަރަށް ވުރެ ވަރުގަދަކޮށް އަޅުގަނޑުމެންގެ ޕާޓީ ހަރަކާތްތެރިވާން،"  ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: އެމްޑީޕީ

އެހެންކަމުން، ހަފްތާއަކު އެއްފަހަރު ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، ކޮންމެ ދާއިރާއެއް ތަމްސީލު ކުރެވޭ ގޮތަށް ރަށްރަށުގެ ހާލަތު ބެލުމަށް ނިންމާފައިވާކަން ވެސް އިއުލާނު ކުރެއްވި އެވެ.

"މިއަދުގެ ހާލަތާ މިއަދު ދިވެހިރާއްޖެ ކަންކުރަން ނޭންގި ނާގާބިލުކަންމަތީގައި ގޮސް ސަލާމަތުގެ އައްސޭރިއަށް ރީތިކޮށް ގެންދެވެން އޮތް ގައުމެއް ގޮސް އަނދަވަޅަކަށް ވައްޓާލާތަން ބަލަން އިތުރަށް އަޅުގަނޑުމެންނަށް ތިބެން ދަތިވޭ. އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދޭން ފަށައިފި،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާތަކުން މީހުން ކެނޑުން އިތުރުވަމުންދާ ކަމަށާއި، ތަކެތީގެ އަގު ވެސް އެތައް ގުނައެއް ބޮޑުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދޭން ވެސް ދަތިވެދާނެ ކަމަށެވެ.

ކަންކަން ރަގަޅުކުރަން އެމްޑީޕީން ސަރުކާރަށް ޖާގަ ދީން ނަމަވެސް ދެން އެފުރުސަތު ދެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.