އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލު ކުރިއަށްނުދާ ސަބަބު އޮޅުންފިލުއްވަން އެދިވަޑައިގެންފި

މީކާއިލު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ބިލު ކޮމިޓީއަށް ފޮނުވިތާ 59 ދުވސް ފާއިތުވިއިރު އެ ބިލާ ގުޅޭ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުހިނގާ ކަމަށެވެ.

މީކާއިލް ނަސީމް އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ހުށަހެޅުއްވި ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާއަށް ފޮނުވީ ޖޫން 10 ވަނަ ދުވަހު

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގުރޭޝަން ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ހުށަަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށްނުދާ ސަބަބު އޮޅުންފިލުވައިދެއްވަަން އޭނާ އެދިވަޑައިގެންފި އެވެ. 

މީކާއީލު ހުށަހަޅުއްވާފައިވަނީ އިމިގުރޭޝަން ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެނުވެވޭ މީހުންގެ ލިސްޓަށް އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ. އެ އިސްލާހުގައި އިސްރާއީލު ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކުރާ މީހުންނަށްވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ގާނޫނުގައި ހިމެނުމުގައި ހުށަހަޅުއްވާފައިވެ އެވެ. 

މީކާއީލު މިބިލު ހުށަހަޅުއްވާފައިވަނިކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު ސަރުކާރުންވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފަ އެވެ. އަދި އެކަން އެދުވަހު ސަރުކާރުންވެސް އިއުލާނުކުރި އެވެ. 

އެއަށްފަހު ސަަރުކާރު ހިންގާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުންވަނީ މީކާއިލު ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ފާސްކޮށްފަ އެވެ. މަޖިލީހަށް ބިލު ބަލައިގަތުމުން އެ ބިލު ފޮނުވާފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ. 

ބިލު ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ 10 ޖޫން 2024 ވަނަ ދުވަހު އެވެ. ނަމަވެސް އެފަހުން އެ ބިލުމުގެ މާ ބޮޑު މަސައްކަތެއް ކޮމިޓީގައި ކުރެވިފައިނުވެ އެވެ. 

އެ ބިލުގެ މަސައްކަތް ނުހިނގާތީ މީކާއިލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ބިލު ކޮމިޓީއަށް ފޮނުވިތާ 59 ދުވސް ފާއިތުވިއިރު އެ ބިލާ ގުޅޭ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުހިނގާ ކަމަށެވެ. އަދި ބިލުގެ މަސައްކަތެއް ކުރަން ތާވަލުވެސް ކޮށްފައި ނެތް ކަމަށެވެ. 

އިސްރާއީލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީގައި ނުހިނގައި، އެ މަސައްކަތް ތާވަލުވެސް ނުކުރެވި ދިގުލައިގެން ގޮސްފައިވާ ސަބަބު ސާފުކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށް މީކާއިލު މަޖިލީހުގެ ރައީސަަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.