މިހާލަތާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުވުމަށް ފޮރިން މިނިސްޓްރީން އަނެއްކާ ވެސް އިލްތިމާސް ކޮށްފި އެވެ.
އިނގިރޭސިވިލާތުގައި އެފަދަ ހަމަނުޖެހުމެއް އުފެދިފައިވަނީ އެ ގައުމުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ކުޑަ ކުދިންތަކެއް މަރުވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ވަނީ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކެެއް ފެށިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ 29 އިން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން އެކަން ބަލަމުންދާ ކަމަށްދާ ކަމަށެވެ.
މިހާލަތާ ގުޅިގެން، 100 އަށްވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހައި ދިވެހި ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ބުންޏެވެ.
އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވެސް ވަނީ އެދިފައެވެ.