މެންބަރުންގެ އަދަދު މަދު ކުރަން ޕާޓީތަކުން ތާއީދު؛ ތަފާތު ހުށަހެޅުންތަކެއް

ކޮމެޓީގައި ވާހަކަދައްކަމުން ޕާޓީތަކުން ވަނީ ގަރާރަށް ތާއީދުކޮށްފަ އެވެ. އަދި، އެ ޕާޓީތަކުގެ ވިސްނުން ހުރި ގޮތާއި، ބައެއް ކަންކަމަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރައްޔިތުންގެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައިވާ ގޮތަށް، މަޖިލީހަށް އިންތިހާބުކުރާ މެންބަރުންގެ އަދަދު މަދުކުރަން ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ގަރާރުގައި އޭނާ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މެންބަރުންގެ ތާއީދު ކުރުމަށެވެ. އެ މާއްދާތަކުގައި ވަނީ ކޮންމެ 5000 ދިވެހި ރައްޔިތަކަށް މަޖިލީހުގައި މެންބަރަކު ހުންނަން ވާނެ ކަމެވެ.

މި ގަރާރު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަސައްކަތް ފަށާފައިވާއިރު، މިއަދު ވަނީ ހަ ޕާޓީއެއް ކޮމެޓީއަށް ހާޒިރުކޮށް ހިޔާލު ހޯދާފަ އެވެ. މި ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސް، އަދާލަތު ޕާޓީ، އެމްއާރްއެމް، އެމްޑީއޭ އަދި އެމްއެންޕީގެ ފަރާތުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެޓީގައި ވާހަކަދައްކަމުން ޕާޓީތަކުން ވަނީ ގަރާރަށް ތާއީދުކޮށްފަ އެވެ. އަދި، އެ ޕާޓީތަކުގެ ވިސްނުން ހުރި ގޮތާއި، ބައެއް ކަންކަމަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފަ އެވެ.

ޑިމޮކްރެޓްސްގެ ހުށަހެޅުން؛ ސިޔާސީ ޕާޓީތަކަށް ސްލޮޓްތައް ދިނުން

ކޮމެޓީ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އެއް ކަމަކީ ސިޔާސީ ޕާޓީތަކަށް ވަކި ސްލޮޓްތަކެއް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމެވެ. ޑިމޮކްރެޓްސްގެ ނައިބް ރައީސް އައިޝަތު އަލައިކާ އަދުނާން ވަނީ ޕާޓީތަކަށް ސްލޮޓް ދިނުން ހިމަނައިގެން ދެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.

ދެވަނަ ކަމަކަށް އަލައިކާ ވިދާޅުވީ، މަޖިލީހަކީ ގާނޫނު ހަދާ ތަނަކަށް ވުމުން ކޮންމެ ރައްޔިތަކަށް މެންބަރަކު ހުރުން ލާޒިމް ނޫން ކަމަށެވެ. އެގޮތުން، އަތޮޅުތަކަށް ބަހާލައިގެން މެންބަރުން އިންތިހާބު ކުރުމަކީ ވެސް ބަދަލު ގެނެވިދާނެ ގޮތެއް ކަން ފާހަގަކުރެއްވި އެވެ. އޭގެ ސަބަބަކަށް ފާހަގަކުރެއްވީ ބޮލަކަށް މެންބަރަކު އިންތިހާބު ކުރިޔަސް، އެ މެންބަރަކަށް ރަގަޅަށް ރައްޔިތުން ތަމްސީލު ނުކުރެވުމެވެ.

އަލައިކާ ވިދާޅުވީ މެންބަރުންގެ އަދަދު ގިނަވުމަކީ ދައުލަތުގެ ބުރައެއްކަން އެޕާޓީން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ސިޔާސީ އިންތިހާބުގައި އެޕާޓީން އާންމުކުރި މެނިފެސްޓޯގައި ވެސް އެކަމަށް ހައްލު ގެނައުމަށް ހިމަނާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އެމްއާރްއެމްގެ ހުށަހެޅުން؛ މަޖިލީހުގައި ދެ ގެއެއް ބޭއްވުން

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވެސް ވިދާޅުވީ މެންބަރުންގެ އަދަދު ބޮޑުވުމަކީ ދައުލަތުގެ ބަޖެޓަށް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށެވެ. އޭގެ އިތުރުން ކުދިކުދި އާބާދީތަކުގެ މެންބަރުން އިންތިހާބު ކުރާއިރު ޑިމޮކްރެސީގެ ރޫހާ ހިލާފަށް، މީހުންނަށް ރިޝްވަތު ދީގެން އިންތިހާބުތައް ކާމިޔާބު ކުރާ ކަމަށެވެ.

"ޑިމޮކްރަސީގެ ރޫހާ ހިލާފަށް ހިނގާ ކަންކަން މިއީ. ފަސޭހައިން ކޮރަޕްޓުވާ ގޮތަކަށް މިއޮންނަނީ [ވޯޓު ދޭ] އާބާތީތަައް ކުޑަވީމާ.،" ފާރިސް ވިދާޅުވި އެވެ.  

ފާރިސް ހުށަހެޅުއްވީ މަޖިލީހަކީ ބައިކެމަރަލް ތަނަކަށް ހަދައި މަތި ގެއަކާއި ދަށު ގެއެއް އޮންނަ ތަނަކަށް ހެދުމެވެ. އެގޮތަށް ބަދަލުކުރާއިރު ޖުމްލަ މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ނުވާ ގޮތަށް ކެޕް ކުރަން ވާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

އަދާލަތުގެ ހުށަހެޅުން؛ އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުން

އަދާލަތު ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ރަޖިސްޓްރާ އާދަމް މުހައްމަދު ވިދާޅުވީ ގަރާރުގައިވާ ގޮތަށް ތާއީދު ކުރި ނަމަވެސް، ކޮންމެ 10 އަހަރަކުން އެ އަދަދު ރިވިއު ކުރުން މުހިންމު ކަމަށެވެ. އަދި، ގާނޫނުއަސާސީ ބަދަލުކުރަން ވާނީ އިރުއިރުކޮޅާ ބަދަލު ނުގެންނާނެ ގޮތަކަށް ވަރަށް ބޮޑަށް ދިރާސާތައް ކުރުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ބޮޑު އާބާދީއެއް އަންހެނުން ތަމްސީލު ކުރާއިރު، މަޖިލީހުގައި ތިބެނީ ތިން އަންހެނުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރަން ވަކި ނިސްބަތެއް ކަނޑައެޅި ގޮތަށް، އަންހެނުންގެ ރިސޯސަސް ބޭނުން ކުރުމަށް ވަކި ކޯޓާއެއް އަންހެން މެންބަރުން އިންތިހާބު ކުރަން ކަނޑައެޅުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އާދާލަތުން ވެސް ފާހަގަކޮށްފައި ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް މެންބަރުންގެ އަދަދު މަދު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރާ ކޯލިޝަނެއްގައި އޮތް އެމްޑީއޭ އަދި އެމްއެންޕީން ވެސް ވަނީ ގަރާރަށް ތާއީދުކޮށްފަ އެވެ. އިތުރު ޕާޓީތަކުން ފާހަގަކުރި ގޮތަށް، ގާނޫނުއަސާސީއަށް ބަދަލު ގެންނަން ވާނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ތަޖުރިބާކާރުންނާއި ރައްޔިތުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށްފަހުގައި ކަމަށް ދެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ކޮމެޓީއަށް ހާޒިރުވެ، އެމްޑީޕީން ވެސް ބުނެފައި ވަނީ ދިރާސާ ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ގަރާރަށް އެ ޕާޓީން ވެސް ތާއީދުކޮށްފައިވެ އެވެ.

މިއަދުގެ ބައްދަލުވުމަށް ޕީޕަލްސް ނޭޝަނަލް ޕްރޮންޓް އަދި އެމްޑީޓީއަށް ވެސް ދައުވަތު ދިނެވެ. ނަމަވެސް މި ދެ ޕާޓީން މި ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.