އެމްއާރްއެމްގެ ހުށަަހެޅުން؛ މަޖިލީހުގައި ދެ ގެއެއް ބޭއްވުން

ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަވާނެހެން ބައިކެމެރަލް މަޖިލީހެއް ބޭއްވުން ރަނގަޅުކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް މައުމޫން ކެމްޕެއިނަށް އަތޮޅުތަކަށް ވަޑައިގަތުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާއެކު މަޖިލީހުގައި ދެ ގެއެއް ބޭއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓުން ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ހުށަަހެޅުއްވި ގަރާރާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ. 

އެފަދައިން މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުމަށް ތާއީދުކުރައްވާ ސަބަބުތައް ތަފުސީލުކޮށްދެއްވަމުން ފާރިސް ވިދާޅުވީ، 5،000 މީހުންގެ އާބާދީއަކަށް މެންބަރަކު ކަނޑައަޅާފައި އޮންނައިރު އިންތިހާބީ ދާއިރާތަކުގެ އާބާދީ ވަރަށް ކުޑަ ކަމަށެވެ. 

ކުދިކުދި އާބާދީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ތިއްބެވުމަކީ އިންތިހާބުތަކުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ 500 އެއްހައި ވޯޓުން ކާމިޔާބުކުރެވޭ ދާއިރާތައް ހުރުމުން ސިޔާސަތުތަކެއް ހުށަހަޅައިގެން އިންތިހާބުތައް ކާމިޔާބުކުރުމުގެ ބަދަލުގައި ދާއިރާތަކަށް ނިސްބަތްވާ ބޮޑެތި އާއިލާތަކުގެ އިސް މީހުންނަށް ޒާތީ ބައެއް މަންފާތައް ހޯދައިދީގެން އިންތިހާބުތައް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. 

"ޑިމޮކްރަސީގެ ރޫހާ ހިލާފަށް ހިނގާ ކަންކަން މިއީ. ފަސޭހައިން ކޮރަޕްޓުވާ ގޮތަކަށް މިއޮންނަނީ [ވޯޓު ދޭ] އާބާތީތަައް ކުޑަވީމާ.،" ފާރިސް ވިދާޅުވި އެވެ. 

އަވައްޓެރި ބައެއް ގައުމުތަކުގައި އާބާދީތައް މާބޮޑު ނަމަވެސް އެންމެ މަދުވެގެން 200،000 މީހުންގެ އާބާދީއަކުން މަޖިލިސް މެންބަރުން އިންތިހާބުކުރާ ގޮތަށް ނިޒާމުތައް ބައްޓަންކޮށްފައި އޮންނަކަން ފާރިސް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރަށް ގާނޫނުއަސާަސީ ކުއްލިއަކަށް އިސްލާހުކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ބައެއް ކަންކަން މާޒީގައި ހިނގާފައި ހުރިކަން ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ އެކަންކަން ތަކުރާރުނުވާނެހެން ނިޒާމު ބައްޓަންކުރުމަށް މަޖިލީހަކީ ބައިކެމެރަލް ނުވަތަ ދެ ގެއެއްގެ މައްޗަށް އެކުލެވޭ މަޖިލީހަކަށް ހެދުމަށް އެމްއާރްއެމްއިން ތާއީދު ކުރާ ކަމަށެވެ. 

"ލެޖިސްލޭޗާއަކީ ބައިކެމެރަލް ތަނަކަށް ހެދުމަށް [ހުށަހަޅަން]. އޭގެ މާނައަކީ މަތިގެއަކާއި ތިރިގެއަކާ ވަކިކުރުމަށް ޖުމްލަ އަދަދު މިހާރަށްވުރެ މެންބަރުންގެ އަދަދު މަދުވާ ގޮތަކަށް،" ފާރިސް ވިދާޅުވި އެވެ. 

ފާރިސް އިތުރަށް ފާހަގަކުރެއްވީ މިހާރު ގާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުން އެކަށީގެންވާ ގޮތަށް ތަމްސީލުނުވާ ކަމަށެވެ. އެގޮތުން މާލޭގައި ރާއްޖޭގައި ދިވެހިންގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭއިރު އެއިން ގިނަ ބަޔަކު ވޯޓު ދޭންޖެހެނީ އެމީހުން ދިރިނޫޅޭ ތަނަކަށް މެންބަރުން އިންތިހާބުކުރަން ކަމަށެވެ. 

އަދި މެންބަރުން ޖިއޮގްރޮފިކަލް ދާއިރާއަކަށް ނިސްބަތްވާ ގޮތަށް އޮތުމުގެ އިތުރަށް ބައެއް މެންބަރުންނަކީ ނޭޝަނަލް ލިސްޓަަކުން އައްޔަންކުރެވޭ މެންބަރުންނަަށް ހެދުމަކީ ރަނގަޅު ގޮތެއް ކަމުގައިވެސް ފާރިސް ފާހަގަކުރެއްވި އެވެ. 

ފާރިސް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިސްލާހުކުރުމުގެ މަސައްކަތް އަވަސް އަރުވައިލުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި އާންމުންނާ މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ތަޖުރިބާއާއި ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރުންނާއި މާހިރުންގެ ރައުޔައަށް ބަލައިގެން މަސައްކަތް ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.