އެ ބޭފުޅުން މި ފުރުސަތަށް އެދިވަޑައިގެންފައިވަނީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ކުންފުނީގެ އައު މެނޭޖުމެންޓުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖުމެންޓާމެދު އެ ކުންފުނީގެ މިހާރުގެ މެނޭޖުމެންޓުން ކުރި ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ޖަވާބުދާރީވެ ވަޑައިގަތުމުގެ ފުރުސަތަކަށް އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކު އަދި އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަން އެދިވަޑައިގެންފި އެވެ.
އެ ބޭފުޅުން މި ފުރުސަތަށް އެދިވަޑައިގެންފައިވަނީ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ކުންފުނީގެ އައު މެނޭޖުމެންޓުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެ ކޮމިޓީ ބައްދަލުވުމުގަައި އައު މެނޭޖުމެންޓުން ފާހަގަކުރި ގޮތުގައި ކުންފުނީގެ ކުރީގެ މެނޭޖުމެންޓުން ހިންގާފައިވާ މާލީ މުއާމަލާތްތައް ހިންގާފައިވަނީ އެ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުން ނެތި އެވެ.
އެގޮތުން އެ ކުންފުނިން މަސައްކަތް ނުކުރާތާ ހަތް މަސްވީއިރު ރިޔާސީ އިންތިހާބު އޮތް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 200 މިލިއަން ރުފިޔާ ވަނީ އެކައުންޓުން ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން އެ ދުވަހު ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ދެ ބޭފުޅުން ވިދާޅުވީ މިހާރުގެ މެނޭޖުމެންޓުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ކަމަށެވެ.
ކުންފުނީގެ މާލީ ހާލަތާ ދަރަންޏާ ގުޅޭ ގޮތުން އައު މެނޭޖުމެންޓުން ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް އޮޑިޓެއް/ އެސެސްމެންޓެއް ނުހައްދަވަައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށާއި، ކުންފުނިން ކުރިން ހިންގާފައިވާ މާލީ މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތައް ފެންނަން ނެތްކަމށް ވިދާޅުވެފައިވަނީ އެކަށީގެންވާ މިންވަރަށް ކަންކަން ނުބައްލަވއި ކަމަަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އާރްޑީސީ ހިންގުމަށް އެއިރު އިސްކޮށް ތިއްބެވި ދެ ބޭފުޅުންގެ ހަައިސިއްޔަތުން އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ ކޮމިޓީން ކުރަ ކޮންމެ ސުވާލަކަށް އެނގިހުރި އެންމެ ރަނގަޅަށް ތެދުބަހުން ޖަވާބުދެއްވައި އެކަންކަމުގެ ރަނގަޅު މައުލޫމާތު ކޮމިޓީއަށް ވިދާޅުވެދެއްވަން ބޭނުންފުޅުވާކަމަށް އެ ބޭފުޅުން ވިދާާޅުވެފައިވެ އެވެ.
އަދި ކަންކަމުގެ ހަގީގަތް ވިދާޅުވެދެއްވަން ބޭނުންފުޅުވާތީ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީގެ މެންބަރުން ކުރައްވާ ހުރިހާ ސުވާލުތަކަަށް ޖަވާބުދެއްވަން ފުރުސަަތެއް ދެއްވުމަށް ދެ ބޭފުޅުންވަނީ މަޖިލީހުގެ ރައީސް އަރިހުން އެދިވަޑައިގެންފަ އެވެ.
މިހާރުގެ މެނޭޖުމެންޓުން އެސްއޯއީ ކޮމިޓީއަށް ހާޒިރުވި ބައްދަލުވުން ކުރިއަށްގެންދިޔައީ ހުޅުވާލެވިގެން ޓީވީތަަކުން ވަގުތުން ދުރަށް ދައްކައިގެން ކަމަށްވާތީ މޫކޭ އަދި ޔާސިރު ހާޒިރުވެވަޑައިގަންނަވާ ބައްދަލުވުންވެސް ހުޅުވާލައިގެން ޓީވީތަކުން ވަގުތުން ދުރަށް ދައްކާ ގޮތަށް ކުރިއަށް ގެންގޮސްދިނުމަށް އެ ބޭފުޅުން އެދިވަޑައިގަތެވެ.