ގްރޭޓާ މާލެ ސަރަހައްދު ގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެ އެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުގެ 70 ޕަސެންޓް އަކީ މާލެ ސަރަހައްދަށް ރެޖިސްޓާ ކޮށްފައިވާ އުޅަނދުތަކެވެ.
މާލޭގެ ޓްރެފިކް ބޮއްސުން ލައިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާއިރު މިދިޔަ އަހަރު އެކަނި ވެރިރަށް މާލެ އަށް 10،590 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާކަން ހާމަ ވެއްޖެ އެވެ.
ސަރުކާރުގެ ކަމާ ގުޅުންހުރި ރަސްމީ އިދާރާ އިން "މިރާ" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2018 ވަނަ އަހަރު މާލެއަށް ރަޖިސްޓްރީކޮށްދިން އުޅަނދުގެ އަދަދު ހުރީ 6،586 ގަ އެވެ. ނަމަވެސް މި އަދަދު 2023 ވަނަ އަހަރު ވަނީ 10،590 އަށް އިތުރުވެފަ އެވެ. މާލޭގައި ޕާކު ކުރާނެ ޖާގަ ނުދެއްކުނު ނަމަވެސް މިއީ 4,004 އުޅަނދު އިތުރުވުމެކެވެ.
ވެހިކަލް ރަޖިސްޓްރީ ކުރުން ހައްދުން ނައްޓާލާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު އެކަނި 9797 ވެހިކަލް ވަނީ މާލެއަށް ރަޖިސްޓްރީކޮށް ދީފަ އެވެ. މި ހުރިހާ އުޅަނދުތަކެއްވެސް ޕާކުކޮށްފައިވަނީ މާލޭގެ މަގުމަތީގަ އެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި އުޅަނދުތައް ރަޖިސްޓްރީ ކޮށް ދިނުން ހައްދުން ނައްޓާލުމުގެ ސަބަބުން ހުޅުމާލެ ވެސް ވަނީ ބޮއްސުންލާފަ އެވެ. ހުޅުމާލެ އަށް މިދިޔަ ފަސް އަހަރު 1,993 އުޅަނދު ރަޖިސްޓްރީކޮށްދީފައިވެ އެވެ. މިދިޔަ އަހަރު 237 އުޅަނދެއް ރަޖިސްޓްރީކޮށްދީފައިވެ އެވެ.
ހިސާބު ތަކުން އެނގޭ ގޮގުގައި މިދިޔަ ފަސް އަހަރުތެރޭގައި މާލެ ސަރަހައްދަށް 1,993 ޓެކްސީ އިތުރުވެފައިވެ އެވެ.
މިދިޔަ ފަސް އަހަރަށް ބަލާއިރު އެންމެ ގިނައިން ޓެކްސީ ރަޖިސްޓްރީކޮށްދީފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އެކަނި 750 ޓެކްސީއެއް މާލެ ސަރަހައްދަށް އިތުރުވެފައިވެ އެވެ. މިހާރުގެ އަންދާޒާއަކީ މާލެ ސަރަހައްދުގައި ހާހެއްހާ ޓެކްސީ އުޅޭނެ އެވެ.
ވެހިކަލް ގިނަވުމާއި މަގުމަތީގައި ތަރުތީބު ކަމެއް ނެތުމާއި މަކާރާއި ހީލަތުން ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ ކަންކަން އޮތީ ކޮންޓްރޯލުން ނެއްޓިފަ އެވެ. 2021 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދަށް ކާރު ރަޖިސްޓާ ކުރަމުން ދިޔަ އަދަދު ދިޔައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް 122 ކާރު މާލެ ސަރަހައްދަށް ރެޖިސްޓާ ކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މި އަދަދު 76 ޕަސެންޓް ދަށްކޮށް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެޖިސްޓާ ކޮށްފައި ވަނީ މަހަކު 30 ކާރެވެ. ޓްރާސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ގްރޭޓާ މާލެ ސަރަހައްދު ގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެ އެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދުގެ 70 ޕަސެންޓް އަކީ މާލެ ސަރަހައްދަށް ރެޖިސްޓާ ކޮށްފައިވާ އުޅަނދުތަކެވެ.