ސިޔާމް ކުންފުނިން ސަރުކާރުގައި އެދިފައިވަނީ މާލެ އަތޮޅުގައި އޮތް ފަޅެއްގައި 1،500 ކޮޓަރީގެ ރިސޯޓެއް ހަދަން ސަރުކާރުން ސޮވްރިން ގެރެންޓީއެއް ދިނުމަށެވެ. މި މަޝްރޫއަށް ބޭރުން ލޯނު ލިބެން އޮތީ މި ގެރެންޓީ ދީގެންނެވެ.
ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ތަރައްގީ ކުރާ 165 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ގެ މަޝްރޫއަށް ސަރުކާރުން ސޮވެރިން ގެރެންޓީ ނުދޭން ނިންމައިފި އެވެ.
ވަޒީރުގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު މިދިޔަ ހަފުތާގައި ނިންމާފައިވަނީ މިވަގުތު އެއްވެސް އަމިއްލަ ފަރާތަކަށް ސޮވަރިން ގެރެންޓީ ނުދިމަށެވެ. ސަން ސިޔާމް ސޮވްރިން ގެރެންޓީދޭން އެދިފައިވަނީ އެޕްރީލް ހަތް ވަނަ ދުވަހު އެވެ.
ސިޔާމްއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެ ބިލިއަން ރުފިޔާގެ ސޮވްރިން ގެރެންޓީއެއް ދީގެން ބޮޑު ރިސޯޓެއް ތަރައްގީކޮށްފަ އެވެ. ނ. އަތޮޅުގައި ތަރައްގީކޮށް ހުޅުވާފައިވާ ސިޔާމް ވޯލްޑްއަކީ މި ގެރެންޓީން ހެދި ރިސޯޓެކެވެ.
ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދަން އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޔާމް ސިޓީއެއް ފޮނުވީ އެޕްރީލް ހަތް ވަނަ ދުވަހު އެވެ.
އެ ސިޓީގައިވާ ލޯނު ނަގާ ސަބަބާއި ލޯނު ނަގާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ބުނެދީފައި ވެއެވެ. މި ސިޓީގައިވާ ގޮތުގައި އޭނާ ލޯނު ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސިޔާމަށް ސަރުކާރުން ދިން ސޮވްރިން ގެރެންޓީ އާކޮށް އާ ގެރެންޓީއެއްގެ ގޮތުގަ އެވެ.
ސަން ސިޔާމް ސޮއި ކުރައްވައި ފޮނުއްވި ސިޓީގައިވާ ގޮތުން ސޮވްރިން ގެރެންޓީ ހޯދަން އެދިފައި ވަނީ މާލެ އަތޮޅުގައި ހިންގާ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރާށެވެ.
މިހާރު ހިއްކައި ނިންމާފައިވާ މި ފަޅު އޮންނަ ކޯޑިނޭޝަންއަކީ 3°49’30.32”N, 73°26’19.37”E އެވެ.
މި ފަޅަކީ ސަން ޝިޔާމް އޮޅުވެލި ރިސޯޓާއި ރިހިވެލި މޯލްޑިވްސް ރިސޯޓް އޮންނަ ފަޅެވެ. މި ފަޅުގައި ސިޔާމް ހަދަން މަސައްކަތް ކުރަމުން ގެންދަނީ 1،500 ކޮޓަރީގެ ރިސޯޓެވެ. ސިޔާމްގެ އެ ސިޓީގައިވާ ގޮތުގައި ސަރުކާރުން ސޮވްރިން ގެރެންޓީ ހޯދަނީ ޗައިނާގެ ކުންފުންޏަކުން ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދާށެވެ. މި ލޯނު ނެގެން އަންނަނީ ޗައިނާގެ ބޭންކަކުންނެވެ. ލޯނު ލިބޭނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ.