"މުޒާހަރާތަކާއި ގުޅިގެން ހިނގި ކޮންމެ މަރަކާއި ކޮންމެ ކުށަކަށް އިންސާފު ލިބޭނެ ކަން ކަށަވަރު ކޮށްދޭނަން،" ސިފައިންގެ ވެރިޔާގެ ހިތާބު ގައި ވިދާޅުވި އެވެ.
ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށް ދެއްވާ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ދެންމެ އިއުލާނު ކޮށްފި އެވެ.
ހަމަނުޖެހުން ބޮޑުވެ ނިޒާމު ގެއްލިފައިވާ ބަންގާޅުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ސިފައިންގެ ވެރިޔާ ވަނީ ހިތާބެއް ދެއްވާފަ އެވެ. ޗީފް އޮފް ސްޓާފް ޖެނެރަލް ވާކިރުއްޒަމާން ވަނީ ޝައިހް ހަސީނާ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށް ދެއްވާފަ އެވެ.
އަދި އެދިވަޑަތީ މުޒާހަރާތައް ވަގުތުން ހުއްޓާލާ އެއްވެސް ހަމަނުޖެހުމަކަށް ދެން ފުުރުސަތު ނުދިނުމަށެވެ. ސިފައިންނަށް ފުރިހަމަ އިތުބާރު ކުރެއްވުމަށާއި ގައުމުގެ ހަމަޖެހުން އަލުން ގާއިމު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސިފައިންގެ ވެރިޔާ ދެއްވި އެވެ.
"މުޒާހަރާތަކާއި ގުޅިގެން ހިނގި ކޮންމެ މަރަކާއި ކޮންމެ ކުށަކަށް އިންސާފު ލިބޭނެ ކަން ކަށަވަރު ކޮށްދޭނަން،" ސިފައިންގެ ވެރިޔާގެ ހިތާބު ގައި ވިދާޅުވި އެވެ.
ގައުމުގެ ހަމަޖެހުން އަލުން އިއާދަކުރުމަށް ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ އެ މަޝްވަރާތަކަށް ބޮޑެތި ހުރިހާ ޕާޓީތަކަކަށް ވެސް ދައުވަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ދައުވަތު ހުރިހާ ޕާޓީތަކުގެ މަންދޫބުން ގަބޫލުކޮށް މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބަންގާޅުގެ ހަމަޖެހުމަށް ސިފައިން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާޓީތަކުން ދީފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.
ސިފައިންގެ ވެރިޔާ ވިދާޅުވީ ކުރީގެ ބޮޑުވަޒީރުގެ އަމުރުފުޅަށް ހިންގާފައިވާ ކާފިއުގައި ކުއްލި ހާލަތުގެެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. އެހެން ކަމުން ދަރިވަރުންނާއި މުޒާހަރާގެ ބައިވެރީން "މަޑުމައިތިރިވެ އެނބުރި ގެއަށް ދިއުމަށް" ސިފައިންގެ ވެރިޔާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އިސްތިއުފާ ދެއްވުމާއެކު އެކަމަނާ ގައުމު ދޫކުރައްވާ ހެލިކޮޕްޓަރެއްގައި ވަޑައިގެންނެވި އިންޑިއާއަށެވެ. ދެހާސް ނުވަވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ލީޑް ކުރަމުން ގެންދަވާ ހަސީނާ ވަޑައިގެންނެވީ އިންޑިއާގެ ސިޓީއެއް ކަމަށްވާ އަގަރްތަލާ އަށެވެ.